ކެނަޑާގެ ބޮޑުވަޒީރު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފިއެވެ.

ކެނަޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑެއޫ ވަނީ އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަން ނިންމަވައި އެ ހަބަރު ރަސްމީކޮށް ދެއްވައިފައެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވައި ބޮޑުވަޒީރު ޓްރޫޑެއޫ ވިދާޅުވީ އޭނާގެ ޕާޓީ، ލިބަރަލް ޕާޓީީގެ އެންމެ އިސް ލީޑަރުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވާ ކަމަށާއި ޕާޓީގެ އިސް ލީޑަރުކަމަށް އެހެން ބޭފުޅަކު އައްޔަނު ކުރެވެންދެން ގައުމުގެ ބޮޑުވަޒީރު ކަމުގައި ދެމިހުންނަވާނެ ކަމަށެވެ.

ޓްރޫޑެއޫ އެގާރަ އަހަރު ކެނެޑާގެ ލިބަރަލް ޕާޓީީގެ ލީޑަރު ކަމުގައި ހުންނެވުމަށްފަހު އިސްތިއުފާ ދެއްވަން ނިންމަވައިފައިވާއިރު އޭނާއަށް ވަނީ ބޮޑެތި ފިއްތުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ. އެގޮތުން އެމެރިކާގެ އިންތިހާބީ ރައީސްގެ ފަރާތުން އަންނަ ޕްރެޝަރުގެ ބޮޑުކަން ދިރާސާ ކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

2008 އަހަރު ކެނެޑާގެ މަޖިލިސް މެންބަރެއްގެ ގޮތުގައި ސިޔާސީ މަގާމުތަކުން ފެންނަން ފެށި ޓްރޫޑެއޫ ވަނީ ލިބަރަލް ޕާޓީގެ ލީޑަރުކަން 2013 ވަނަ އަހަރުން ފެށިގެން އަދާކުރައްވަން ފަށްއްޓަވައިފައެވެ. އަދި ކެނެޑާގެ ބޮޑުވަޒީރުކަން 2015 ވަނަ އަހަރުން ފެށިގެން ކުރައްވަމުން ގެންދަވަނީ ޓްރޫޑެއޫ އެވެ.