ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު، މިއަދު ކ. ގުޅިއަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ މާލެ ވަޑައިގެންފިއެވެ.

ރައީސްގެ މި ދަތުރުފުޅަކީ، 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ފައްޓަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރެއްވި އެންމެ ފުރަތަމަ ދަތުރުފުޅެވެ.

އެ ރަށުން ވަނީ ރައީސަށް ރަތްދޫލައިގެ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ. އަދި ރައީސްއާ ސަލާމްކުރުމަށް އެ ރަށުގެ ބަނދަރުން ފެށިގެން ކައުންސިލު އިދާރާއާ ހަމައަށް ކުދިބޮޑު އެންމެން ދިގު ސަފެއް ހަދާފައި އޮތެވެ.

ރައީސްގެ މި ދަތުރުފުޅުތަކުގައި ރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްގީގެ މަޝްރޫއުތައް ތަރުތީބުކުރާނޭ ގޮތާ މެދު މަޝްވަރާކުރައްވައެވެ.

ރައީސްގެ ދަތުރުފުޅުގައި ގުޅީ ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު އެ މަނިކުފާނު ވަނީ ސަރުކާރުގެ މަތީފަންތީގެ ބޭފުޅުންނާ އެ ރަށުގައި ބައްދަލުކުރައްވައިފައެވެ.

ގުޅިން އެންމެ ބޮޑަށް ފާހަގަކޮށްފައިވަނީ އެ ރަށުގެ ބިމުގެ މައްސަލަ އާއި ބަނދަރުގެ ޖާގައިގެ ދަތިކަމުގެ މައްސަލައެވެ. ރައީސްގެ ދަތުރުފުޅާއެކު އެމްޓީސީސީން ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވާ އިރު، ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ވަނީ ދެއްވައިފައެވެ.

ރައީސް ގުޅިއަށް ކުރެއްވި ދަތުރުފުޅުގައި ބައެއް ވަޒީރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އޭގެ ތެރޭގައި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީގެ އިތުރުން ފެނަކައިގެ އާ މެނޭޖިން ޑިރެކްޓަރު މޭޖާ ރިޓަޔާޑް މުހައްމަދު ނަޖާހު ވެސް ހިމެނިވަޑައިގަންނަވައެވެ.