އިރާއި އެންމެ ކައިރިއަށް ދާ އުޅަނދުގެ ދަތުރު މިއަދު ކުރާނެ ކަމަށް ނާސާއިން ބުނެފިއެވެ.

ނާސާގެ ދަ ޕާކާ ސޯލާ ޕްރޯބްގެ ދަތުރުގައި މިއަދު އެ އުޅަނދު އިރާއި މިހާތަނަށް ޖައްވީ އުޅަނދެއް ގޮސްފައިވާ އެންމެ ކައިރިއަށް ދާނެ ކަމަށް ނާސާއިން ބުނެއެވެ.

ނާސާގެ ދަ ޕާކާ ސޯލާ ޕްރޯބްގެ ދަތުރުގައި އިރާއި އެންމެ ކައިރިއަށް ދެވޭ ހިސާބަށް ދަތުރުކުރެވޭނީ މިއަދު ރާއްޖެ ގަޑިން ހަވީރު 4:53 ހާއިރުއެވެ.

ނާސާގެ އޮފިޝަލުން ވަނީ އެ ދަތުރުގައި އެ އުޅަނދު އިރުގެ ފަށަލައިން ފެށިގެން 3.8 މިލިއަން މޭލާ ކައިރިވާނެ ކަމަށް ބުނެފައެވެ.

ގަޑިއަކު 692،000 ކިލޯމީޓަރުގެ ބާރުމިނުގައި ދަތުރުކުރާ އެ އުޅަނދުގެ ދަތުރަކީ ޖައްވީ ތާރީހުގައި ފާހަގަކޮށްލެވޭ ދަތުރަކަށް ވެގެންދާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

2018 ވަނަ އަހަރު ނާސާއިން ޖައްވަށް ފޮނުވާލި އެ އުޅަނދު ފާއިތުވެދިޔަ ހަ އަހަރު ވަނީ އިރާ ބެހޭ ގިނަ ދިރާސާތަކެއް ކޮށް ކުރިން އެއްކޮށްފައި ނުވާ މައުލޫމާތުތަކެއް އެއްކޮށްފައި ކަމަށް އޮފިޝަލުން ބުނެއެވެ.