މިޔަރު ބަލަން އެންމެ ކަމުދާ މަންޒިލްގެ އެވޯޑް ފުވައްމުލައް ސިޓީއަށް ލިބިއްޖެއެވެ.

"ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން" ގެ އެވޯޑް އެ ސިޓީއަށް ލިބުނީ ޗައިނާގެ ހޮންކޮންގުގައި މިހާރު ކުރިއަށްދާ އޭޝިއާގެ އެންމެ ބޮޑު އަދި އެންމެ ފަހުރުވެރި ޑައިވިން އެކްސްޕޯ، "ޑައިވިން ރިސޯޓް އެންޑް ޓްރެވަލް ޝޯ" ގައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން ބުނި ގޮތުގައި މި އެވޯޑަކީ މިޔަރުތަކާއެކު ފީނުމުގައި އެންމެ ތަފާތު ތަޖުރިބާ ލިބޭ ތަނަކަށް، އެ ތަނެއްގެ ދިރޭތަކެތީގެ ނަސްލުތަކުގެ ގިނަކަމާއި ފީނާ ފަތުރުވެރިންނަށް އޮންނަ ރައްކާތެރިކަމާއި އަމަލުކުރަމުން އަންނަ ދެމެހެއްޓެނިވި ގޮތްތައް އެކްސްޕޯ ބާއްވާ ފަރާތުން ކަނޑައަޅައި ޓީމަކުން ވަޒަންކުރުމަށްފަހު ދޭ އެވޯޑެއް ކަމަށެވެ. އެ އެވޯޑް ދިނުމުގައި ފަތުރުވެރިންގެ ފަރާތުން ލިބިފައިވާ ހިޔާލުތަކާއި ފާޑުކިޔުންތަކަށްވެސް ރިއާޔަތްކުރާ ކަމަށްވެސް ބުންޏެވެ.

"މި ޝަރަފުވެރި ކާމިޔާބީއަކީ ފުވައްމުލައް ސިޓީގެ ކަނޑުއަޑީގެ މުއްސަނދިކަމާއި މި ސިޓީ ރަށު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ބައިނަލްއަގުވާމީ ފެންވަރުގައި އިތުރަށް މަޝްހޫރު ވެގެންދާނެ ކަމެކެވެ. އަދި މުސްތަގުބަލުގައި ރަށު ފަތުރުވެރިކަން އިތުރަށް ކުރި އަރައި، މިޔަރު ތަކާއެކު ފީނުމަށް އެންމެ އެކަށޭނަ މަންޒިލުކަން ދުނިޔެއަށް އިތުރަށް ހާމަކޮށްދޭނެ ހެއްކެކެވެ" ފުވައްމުލައް ސިޓީ ކައުންސިލުގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފުވައްމުލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބޭ އެއް ކަމަކީ އެ ރަށުގެ ވަށައިގެންވާ ކަނޑުގައި އުޅޭ ފެމުނު މިޔަރުތަކަށެވެ. އޭގެ އިތުރުން ރާއްޖެއިން މިހާރު މަދުން ފެންނަ ބާވަތްތަކުގެ މިޔަރާއި މަޑީގެ ބާވަތްތައް ފުވައްމުލަކުގެ ކަނޑުން ފެންނާތީ، މިޔަރުތައް ކައިރިން ބަލައި، އެ ސަރަހައްދުގައި ފީނުމަށް ކޮންމެ މަހަކުވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ.