ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ލައިވްއެއްގެ ތެރެއިން ގުރުއާނުގެ ކަލިމައެއް އުނިވި މައްސަލައިގައި މުވައްޒަފުންތަކެއް ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. ރަސްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއް ފެށުމުގެ ގޮތުން ގުރުއާން ކިޔަވަމުން ދަނިކޮށް ދިމާވި މައްސަލައަކާ ގުޅިގެން ކިޔަވަމުން ދިޔަ ސޫރަތުގެ ކަލިމައެއް ލައިވްއިން ވަނީ އުނިކުރެވިފައެވެ. ގުރުއާނުގެ ކަލިމައެއް އުނިވި މައްސަލައިގައި އާންމުންގެ ގިނަބަޔަކު ވަނީ ޕީއެސްއެމްއަށް ފާޑު ކިޔައިފައެވެ.
އެކަމާ ގުޅިގެން ޕީއެސްއެމްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގުރުއާނުގެ ބައެއް އުނިވެފައިވާކަން އެނގުމާއެކު އެކަންތައް ހިނގަން މެދުވެރިވި ސަބަބު ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިފައިވާނެ ކަމަށެވެ.
ޕީއެސްއެމުން ބުނީ އެ މައްސަލަ ބެލުމުގެ ތެރެއިން ހަ ކަމެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އެ ކަންތައްތަކަކީ؛
- ކުންފުނީގެ ޗެނަލްތަކުން ގެނެސްދިން ކޮންޓެންޓެއްގައި ކީރިތި ގުރުއާންގެ ބައެއް އުނިވެފައިވަނީ އެ ކޮންޓެންޓު އެޑިޓްކުރުމުގެ ސަބަބަކުން ނޫންކަން
- ހަވާލާދެވުނު ކޮންޓެންޓު ލައިވްކުރަން ފަށާފައިވަނީ ޕީއެސްއެމް ނިއުސް ހަބަރު ކޮންޓްރޯލްރޫމުންނެވެ. އަދި އެއަށްފަހު ސިގްނަލް މި ކުންފުނީގެ މައި ކޮންޓްރޯލް ރޫމަށް ބަދަލުކުރެވިފައިވާކަން'
- އެއާ ކޮންޓްރޯލްރޫމުން އަނެއް ކޮންޓްރޯލްރޫމަށް ސިގްނަލް ބަދަލުކުރުމަކީ އާއްމުގޮތެއްގައި ކުރާކަމެއް. ނަމަވެސް މިގޮތަށް ސިގްނަލް ބަދަލުކުރާއިރު މީހަކު ވާހަކަ ދައްކަމުންދާ ވަގުތެއްގައި ސިގްނަލް ބަދަލެއް ނުކުރޭ
- ސިގްނަލް ބަދަލުކުރީ ގުރުއާން ކިޔަވަމުން ގެންދަނިކޮށް. މިއީ އާއްމުގޮތެއްގައި ކުރާކަމެއް ނޫން
- ކޮންޓްރޯލްރޫމުގައި އެވަގުތު ތިބި މުވައްޒަފުންގެ އިހުމާލުން ކުންފުނީގެ ފަރާތުން ދުރަށް ދެއްކި ކޮންޓެންޓެއްގައި ކީރިތި ގުރުއާންގެ ބައެއް އުނިވެފައިވާތީ، އެ މުވައްޒަފުން ވަނީ މާފަށް އެދިފައި
- އަދި ހަބަރު ކޮންޓްރޯލްރޫމުގައި، މައި ކޮންޓްރޯލްރޫމުގައި އެވަގުތު ޑިއުޓީގައި ތިބި މުވައްޒަފުން މިހާރު ވަނީ އެ މީހުން ކުރަމުން އައި މަސައްކަތުން އެކަހެރި ކޮށްފައި
ކޮންޓެންޓް ޓެކްނިކަލް މައްސަލައެއްގައި ގުރުއާންގެ ބައެއް އުނިވެފައިވާތީ އެފަަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް އިންތިޒާމުތައް ހަމަޖައްސަމުންދާ ކަމަށް ޕީއެސްއެމުން ބުންޏެވެ. އަދި ގުރުއާނުގެ ބައެއް އުނިވެފައިވާތީ މާފަށް އެދޭ ކަމަށް ޕީއެސްއެމުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު