ޅ. މަޑިވަރުގައި ކުރެއްދޫ ހޯލްޑިންގްސް އިން ތަރައްގީކުރި މަޑިވަރު އެއާޕޯޓަށް ދަތުރުތައް ކުރުމަށް މަންޓާ އެއާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ޗަމްޕާ އާއިލާގެ ކުރެއްދޫ ހޯލްޑިންގްސް އިން 2021 ވަނަ އަހަރު ހުޅުވި އެ އެއާޕޯޓަށް މިދިޔަ ސެޕްޓެމްބަރުގެ ނިޔަލަށް ދަތުރު ކުރަމުން އައީ ގައުމީ އެއާލައިން، މޯލްޑިވިއަން އިން އެކަންޏެވެ. ނަމަވެސް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން (އައިއޭއެސް)އާ އެކު ހަދާފައިވާ އެއްބަސްވުން އާ ނުކުރަން ކުރެއްދޫ ހޯލްޑިންގްސް އިން ވަނީ ނިންމައިފައެވެ.
މަންޓާ އެއާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މަޑިވަރު އެއާޕޯޓަށް މަންޓާގެ ދަތުރުތައް ފެށުމަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރް) އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށާއި ދެން އެ އެއާޕޯޓަށް ދަތުރުކުރާނީ މަންޓާއިން އެކަނި ކަމަށެވެ.
އެ ބަޔާނުގައި ބުނީ މި މަހުގެ 17 އިން ފެށިގެން މަޑިވަރު އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށެވެ.
"މަންޓާ އެއާ އާއި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް ގުޅިގެން ކުރިއަށްގެންދާ ޕާޓްނާޝިޕަކީ ވަރަށް ބޮޑު ޕާޓްނާޝިޕެއް. އެއީ ފަސިންޖަރުންނަށް ދަތުރުފަތުރުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމުގައި ހާސިލުކުރެވުނު މުހިންމު މަރުހަލާއެއް. ސީސީއާރުން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް، އެއްވެސް ތަފާތުކުރުމެއް ނެތި، އަރާމާއި ފަސޭހަކަމާ އެކު އިތުބާރުހުރި ހިދުމަތެއް ފޯރުކޮށްދޭނަން،" މަންޓާ އެއާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވިއެވެ.
މަންޓާއިން މި ވަގުތު ތިން ޑޮމެސްޓިކް އެއާޕޯޓަކަށް ދަތުރުކުރެއެވެ. އެއީ ދާލު އެއާޕޯޓާއި ދަރަވަންދޫ އެއާޕޯޓާއި އިފުރު އެއާޕޯޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު