ބިޒްނަސް ސެންޓާ ކޯޕަރޭޝަނުން (ބީސީސީ)އިން ދޭ ހުރިހާ ހިދުމަތްތަކެއް ޑިޖިޓަލައިޒްކޮށް އެއް ތަނަކުން އޮންލައިންކޮށް ފޯރުކޮށްދިނުމަށް ހާއްސަކޮށް "ކުމެވި ޕޯޓަލް" އިފްތިތާހު ކޮށްފިއެވެ.

ބީސީސީން މިއަދު ބުނީ އެ ޕޯޓަލުން އޮތެންޓިކް މޯލްޑިވްސް، ސީޑް ބައި ބީސީސީ، ވިޔަފާރި ކޮންސަލްޓެންސީގެ ހިދުމަތް، މަހަ ޕޯޓަލް، އަދި ކްރިއޭޓިވް އިކޮނޮމީ ފަންޑާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފުތަރުގައި ހިމެނުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރަކަށް ވާން އެދޭ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމާއި ސީޑް ބައި ބީސީސީން ދޭ ހިދުމަތްތައް ކަމަށްވާ، މަސައްކަތު ޖާގަތައް ހޯދުމަށް އެދި ހުށަހެޅުމާއި ވިޔަފާރިއެއް ފެށުމަށް ނުވަތަ ވިޔަފާރިއާ ބެހޭ ކަންކަމުގައި ތަޖުރިބާކާރުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ޓަކައި ކޮންސަލްޓެންސީގެ ހިދުމަތަށް އެދި ހުށަހެޅޭނެ ކަމަށެވެ.

އޭގެ އިތުރުން މަސްވެރި އުފެއްދުންތައް ވިއްކުމަށް ހާއްސަ "މަހަ ޕޯޓަލް"ގެ ހިދުމަތްތައް ހޯދުމަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކުގެ ދަފުތަރުގައި ހިމެނުމުގެ އިތުރުން ބީސީސީން ދާދި ފަހުން ފެށި ކްރިއޭޓިވް އިކޮނޮމީ ފަންޑުގެ ހިދުމަތް ހޯދުމަށްވެސް "ކުމެވި ޕޯޓަލް" ބޭނުން ކުރެވޭނެ ކަމަށް ބީސީސީން ބުންޏެވެ.

މީގެކުރިން އެ ހިދުމަތްތަކަކީ ބީސީސީގެ ވެބްސައިޓުގައި ހިމެނިފައިވާ ވަކިވަކި ހިދުމަތްތަކެއް ކަމަށާއި ނަމަވެސް ކުމެވި ޕޯޓަލްއާއެކު އީފާސް މެދުވެރިކޮށް ލޮގިން ވެގެން އެ ހުރިހާ ހިދުމަތެއްވެސް އެއް މަންސައަކުން ލިބޭނެ މަގު މިހާރު ފަހިވެފައިވާ ކަމަށް ބީސީސީން ބުނެއެވެ.

ބީސީސީގެ ވެބްސައިޓް www.bcc.mv އިން މިހާރު ކުމެވި ޕޯޓަލް ފެންނަން ހުންނާނެ އެވެ. ބީސީސީން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ފަސޭހަކޮށްދިނުމުގެ މަގުސަދުގައި އިފްތިތާހުކުރި މި ޕޯޓަލްގެ މަސައްކަތަކީ ޔޫއެންޑީޕީ އާއި ޖަޕާން ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މަސައްކަތެއް ކަމަށް އެ ކޯޕްރޭޝަނުން ބުންޏެވެ.

ކުމެވި ޕޯޓަލް އިފްތިތާހު ކުރީ ރޭ ބީސީސީގައި ބޭއްވި ރަސްމިއްޔާތެއްގައި ބީސީސީގެ ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ.