ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް) އުފެދުނީއްސުރެ، އެ ޖަމިއްޔާއަކީ ދެކުނު އޭޝިއާ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމުގެ މަސައްކަތުގައި ޗެމްޕިއަނެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސާކްގެ 40 ވަނަ "ޗާޓާ ޑޭ"ގެ މުނާސަބަތުގައި ރައީސް ދެއްވި މެސެޖުގައި އެ މަނިކުފާނު ވަނީ ސާކްގެ ސެކްރެޓަރީ ޖެނެރަލާއި މެންބަރު ގައުމުތައް އަދި ދެކުނު އޭޝިއާގެ ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައިފައެވެ.

"ސާކް އުފެދުނީއްސުރެ، މި ޖަމިއްޔާއަކީ ދެކުނު އޭޝިއާ ރައްޔިތުންގެ ދިރިއުޅުން ރަނގަޅުކުރުމުގެ މަސައްކަތުގައި ޗެމްޕިއަނެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވަނީ، ދެކުނު އޭޝިއާ ސަރަހައްދުގައި ސުލްހައާއި ތަނަވަސްކަން އުފެއްދުމަށް އަމާޒުކޮށްގެން ސާކް ޗާޓަރުގައި ބަޔާންކޮށްފައިވާ އުސޫލުތައް ފާހަގަކުރައްވައިފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާއި، އާންމު ސިއްހަތާއި، އިގުތިސާދީ މައްސަލަތައް ފަދަ މުހިންމު މައްސަލަތައް ހައްލުކުރުމަށް ކުރާ މަސައްކަތްތައް އަލުން ވަރުގަދަކުރުމަށް ރައީސް ގޮވައިލެއްވިއެވެ.

އޭގެ އިތުރުން ދެމެހެއްޓެނިވި ތަރައްގީއާއި، އިނޮވޭޝަނާއި، އިންފްރާސްޓްރަކްޗާއާއި ކަނެކްޓިވިޓީއަށް އިސްކަންދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް ރައީސްގެ މެސެޖުގައި އަލިއަޅުއްވައިލެއްވިއެވެ.

ދެކުނު އޭޝިއާގެ ރައްޔިތުންނަށް އުޖާލާ، ފާގަތި މުސްތަގުބަލެއް ކުރިއެރުވުމަށް ހާއްސަ ސާކްއެއް ބިނާކުރުމުގެ މަސައްކަތުގައި ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ވެސް އެ މަނިކުފާނު ދެއްވިއެވެ.

ދެކުނު އޭޝިއާގެ މެންބަރު އަށް ގައުމު ހިމެނޭ ސާކް އުފެދުނީ 8 ޑިސެމްބަރު 1985 ގައެވެ.