މާލޭގެ މަގުމަތީ އުޅޭ ބުޅާތަކެއްގެ ޖަޔަށް ބަޔަކު ސްޕްރޭ ޖެހުމުން އެ އެއްޗެހީގެ ހައްގުގައި މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ފެލީން ވެލްފެއާ އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ފެލީން ވެލްފެއާގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ، މެރީ ބްރައުން ކުރިމަތީގެ ޕާކިން ޒޯނުގައި އުޅޭ ބުޅާތައް ގަޔަށް ބަޔަކު ނޫ ކުލައިގެ ސްޕްރޭއެއް ޖަހާފައިވާ ކަމަށެވެ. އަދި އެ ބުޅާތަކަށް އެ ޖަމިއްޔާ އިން ކާންދީ، ބަލަހައްޓާތާ ގިނަ އަހަރުތަކެއް ވެފައިވީ ނަމަވެސް އެ ބުޅާތަކަށް ބައެއް މީހުން ގޯނާކޮށް ދަތި ހާލަތްތައް ޖެއްސުމަކީ ހިތާމަކުރާ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.

"މިއަދު އަޅުގަނޑުމެންނަށް ފެނުނީ ވަރަށް ގިނަ ބުޅާތަކުގެ ގަޔަށް ނޫ ކުލައިގެ ސްޕްރޭ ޖަހާފައި ހުއްޓާ، އެއީ އަނިޔާ ވެރި އަމަލެއް، ސްޕްރޭގައި ހުންނަ ކެމިކަލުން މި އެއްޗެހި ނުރައްކަލަށް ހުށަހެޅޭ، އަދި އެ ބުޅާތަކުގެ ކާނާ އަޅާފައި ހުރި އެއްޗެއްސަށް ވެސް ގެއްލުން ދީފައި ހުރުމުން، މިއީ ހަމަ އެ އަށް އަނިޔާކުރުމުގެ ގޮތުން ކޮށްފައި ހުރި ކަމެއްކަން އެނގޭ،" ފެލީން ވެލްފެއާ ޖަމިއްޔާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އެ ޖަމިއްޔާގެ ޕޯސްޓުގައި ވަނީ އެ ބުޅާތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ގޮވާލައިފައެވެ.

މާލޭގެ މަގުތަކުގައި ބުޅާތައް ގިނަވެ، އެކަމަށް ހައްލެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި ސަރުކާރު ގުޅިގެން ވަނީ ހުޅުމާލޭގައި "އޮޅުހިޔާ"ގެ ނަމުގައި ބުޅާތަކަށް ހާއްސަ ފެސިލިޓީއެއް ހަދައިފައެވެ. އެ ފެސިލިޓީ ރަސްމީކޮށް ހުޅުވި ނަމަވެސް މަގުމަތީގައި އުޅޭ ބުޅާތައް އެ ތަނަށް ގެންދަން އަދި ނުފަށައެވެ.