މަތީ ތައުލީމު ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އެސެސްމަންޓުތަކުން 50 ޕަސަންޓު ފާސްވާން ޖެހޭ ގޮތަށް އުސޫލަށް ބަދަލު ގެނެސްފިއެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން "ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން" އަށް ބަދަލު ގެނެސްފައި މިވަނީ، ފައިސާ ދީގެން އެހެން މީހުން ލައްވައި ކޯހުގެ އެސައިންމަންޓުތައް ހަދައިދޭ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. އެކަން ހުއްޓުވުމަށް ވެސް ދާދި ފަހުން އެމްކިޔުއޭ އިން ވަނީ ފިޔަވަޅުތަކެއް އަޅާކަން އިއުލާންކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހު އެމްކިޔުއޭ އިން ގެޒެޓުކުރި "ގައިޑްލައިންސް ފޯ ޕްރޮގްރާމް އެކްރެޑިޓޭޝަން" ގައި ބަދަލު ގެނެސްފައިވަނީ އެސެސްމަންޓުތަކުގެ ބަޔަށެވެ. އެގޮތުން އެ އުސޫލުގައި ވަނީ، ދަރިވަރުގެ ގާބިލުކަން ވަޒަންކުރުމަށް އެއްވެސް އެހީތެރިކަމެއް ނެތި އެއް އުފެއްދުން އުފައްދަން ޖެހޭނެ ކަމަށާއި އެއީ ލިޔުމުން ނުވަތަ އެހެނިހެން ގޮތަކުން އުފައްދާ އުފެއްދުމަކަށް ވެސް ހެދިދާނެ ކަމަށެވެ.

އުސޫލުގައި ބުނެފައިވަނީ ލެވެލް 1 އިން ލެވަލް 9 ގެ ކޯސްތަކުގެ އެސެސްމަންޓުތަކުން އެންމެ މަދުވެގެން 50 ޕަސަންޓު ފާސްވާން ޖެހޭނެ ކަމަށާއި އެއީ އާންމުކޮށް ސުޕަވައިޒްކޮށްގެން ހެދޭ އިމްތިހާނުތައް ކަމަށެވެ. އަދި 50 ޕަސަންޓު އެސެސްމަންޓުތައް ވާން ޖެހޭނީ އެއްވެސް އެހީއަކާ ނުލައި ހަދާ އެސެސްމަންޓުތަކަށް ކަމަށް ވެސް ބުނެފައިވެއެވެ. ނަމަވެސް އޭގެ ތެރޭގައި މާސްޓާސް ކޯސްތަކުގެ ރިސާޗް މަސައްކަތްތަކެއް ނުހިމެނެއެވެ.

އެސެސްމަންޓުގެ ގޮތުގައި އިތުރު އެހީއަކާ ނުލައި ލިޔުމުން ކުރިއަށްގެންދާ އިމްތިހާނުތަކާއި، ފޮތްތަކާއި ނޯޓުތަކުގެ އެހީގައި ލިޔުމުން ކުރިއަށްގެންދާ އިމްތިހާނުތަކާއި، މަލްޓިޕްލް ޗޮއިސް ސުވާލުތަކާއި، ކްލާސް ޕްރެޒެންޓޭޝަންތަކާއި، އަނގަބަހުން ކުރިއަށްގެންދާ އިމްތިހާނުތަކާއި، ސުޕަވައިޒަރުންނާއެކު ކުރިއަށްގެންދާ ޝެޑިއުލް ބައްދަލުވުންތައް، ޑެމޮންސްޓްރޭޝަން، ލެބޯޓަރީ މަސައްކަތް އަދި ކްލާސް ކުއިޒްތަކާއި އެހެނިހެން ގޮތްގޮތުން ކުރިއަށްގެންދާ އިމްތިހާނުތައް ހިމެނޭ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.

އުސޫލުގައި ބުނެފައިވަނީ ފޮތްތަކުގެ އެހީގައި ކުރިއަށްގެންދާ އިމްތިހާނުތަކުގައި، އެ އިމްތިހާނެއް ނިންމުމަށް ވަކި ވަގުތެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި ގޭގައި ނިންމަންދޭ އެސައިންމަންޓުތަކަކީ އެހެން މީހެއްގެ އެހީތެރިކަމަކާ ނުލައި ނިންމާފައިވާ އެސައިމަންޓެއްކަން ކަށަވަރުކުރުމަށް، އެ އެސައިމަންޓަށް މައުލޫމާތު ހޯދި ގޮތުގެ ތަފްސީލު ދަރިވަރު ދޭން ޖެހޭނެ ކަމަށެވެ.