އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)ގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރައީސް، ޝައިހް މުހައްމަދު ބިން ޒާއިދް އަލް-ނަހްޔާން އާއި އެގައުމުގެ ނައިބު ރައީސް ޝައިހް މުހައްމަދު ބިން ރާޝިދު އަލް-މަޚްތޫމް އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި ރައީސް ވަނީ ދެ ގައުމުގެ މެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައިފައި ކަމަށެވެ

ރައީސްގެ މެސެޖުގައި ޔޫއޭއީ އަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެއް ކަމަށާއި އެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ރާއްޖެއިން އިސްކަންދެއްވާ ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މެސެޖު ނިންމަވާލައްވާފައިވަނީ ޔޫއޭއީގެ ރައީސާއި ނައިބު ރައީސަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގެން، އެ ގައުމުގެ އަމާންކަމާއި ފާގަތިކަން ދެމެހެއްޓުމަށް އެދިވަޑައިގަންނަވަމުންނެވެ.