ކޮލަމް

ކޮލަމް ހަޅަ: ލުތުފަރުގެ މަރުގެ އަނެއް ފަރާތް!

ހަސަން ހަލީމް

15

ލުތުފަރަކީ ކާކު ހެއްޔެވެ؟ އޭނާ އަކީ ބަންގްލަދޭޝްގެ މީހެއްކަން އެނގެނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ އުމުރަކީ ކޮބައިކަން އެނގެނީ ކޮން ގޮތަކަށް ހެއްޔެވެ؟ އޭނާގެ ތިމާގެ މީހުން ކޮބައިހެއްޔެވެ؟ ނުވިތާކަށް، އޭނާގެ ހަށިގަނޑު އެއީ ހަމަ އޭނާގެ ހަށިގަނޑުކަން އެނގެނީ ކިހިނެއް ހެއްޔެވެ؟

މީހެއްގެ ވިއްޔާ އެންމެ މަދުވެގެން ވެސް، އެ ނަމެއްގައި ދެ ނަމެއް ހިމެނެ އެވެ. އެކަމަކު، މިދިޔަ މަހުގެ ތެރޭގައި ށ. ޅައިމަގުގެ ބޯޓެއްގެ ތެރޭގައި މަރާލައި ކަނޑުފެއްތި ކަމަށް ބުނާ ލުތުފަރުގެ އޮތީ އެންމެ ނަމެކެވެ. އެއީ ލުތުފަރުގެ ނަން އެކަންޏެވެ. އެއީ ކާކުކަން، ކޮން އުމުރެއްގެ މީހެއްކަން، ކޮން ގައުމެއްގެ މީހެއްކަން ވެސް ކަށަވަރުކޮށް ބުނާކަށް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ އޭނާއަކީ ބަންގްލަދޭޝްގެ ބަހުން ވާހަކަ ދައްކާތީ ނުވަތަ އޭނާ އަމިއްލަ އަށް، އޭނާ އަކީ ބަންގްލަދޭޝްގެ މީހެއް ކަމަށް ބުނާތީ އެ ގައުމުގެ މީހެއް ކަމެވެ. ތަނެއްދޮރެއް، ހަގީގަތެއް، ވީ ކިހިނެއްކަން އެނގޭ މީހަކު ނެތެވެ!

ލުތުފަރުގެ މަރުގެ ހާދިސާ އިން އަހަރެމެންނަށް ވަރަށް ބޮޑު ފިލާވަޅެއް ލިބިއްޖެ އެވެ. އެކަމަކު އެއީ ގައުމަކަށް ނަގައިދިން ކިހާ މުހިންމު ފިލާވަޅެއް ކަން އެނގޭނީ އެކަން މި ގައުމުން ގަބޫލުކުރިއްޔާ އެވެ. ދިވެހި ސަރުކާރުގެ އިޚުލާސްތެރި ކަމެއް ހުރިއްޔާ، މިއީ އިބްރަތްތެރި މަރެއްކަން ޔަގީނެވެ. މި މަރަށް ފަހު ގައުމު ހޭލާނެ ނަމަ ކިތަންމެހާ ވެސް ރަނގަޅެވެ. ބިދޭސީންގެ ކަންކަން ހަމައަކަށް އަޅުވަން މަސައްކަތް ކުރާނެ ނަމަ ވެސް ކިތަންމެހާ ވެސް އުފާވެރި އެވެ.

ތަހުގީގުން އެނގުނު ގޮތުގައި ލުތުފަރުގެ މަރުގެ ފެށުމާއި ނިމުން ވެސް ވަނީ ހުސް ކުށްތަކުގެ ތެރޭގަ އެވެ. އެންމެ ފުރަތަމަ އޭނާ އެ ބޯޓަށް މަސައްކަތު މީހެއްގެ ގޮތުގައި އެރި ހިސާބުން ފެށިގެން މައްސަލަ މިއޮތީ ފެށިފަ އެވެ. އޭގެ ކުރިއަށް ޖެހިލާއިރު، އޭނާ އެ ބޯޓަށް އެރި އިރު ވެސް އޭނާގެ އަތުގައި އެއްވެސް ޑޮކިއުމެންޓެއް، ޕާސްޕޯޓްގަނޑެއްހާ ހިސާބު ވެސް ނެތެވެ. އެކަމަކު އެ ބޯޓުން އޭނާ އަށް ވަޒީފާ ދިނެވެ. ދެ މަސް ދުވަހަށް ކަމަށް ވެ އެވެ. ގަވައިދާހިލާފަށް އުޅޭ ކިތަންމެ ބިދޭސީއަކު މިގޮތަށް ރާއްޖޭގައި ވަޒީފާ އެބަ އަދާކުރެ އެވެ. އަދި ދިވެހިން އެ މީހުންނަށް ވަޒީފާތައް އެބަ ހޯދައިދެ އެވެ.

އެންމެ ކުޑަވެގެން ލުތުފަރުގެ ފުރިހަމަ ނަމާއި އުމުރަކީ ކޮބައިކަން ވެސް ބޯޓުގެ އޯނަރަށް ނޭނގެ އެވެ. އަނެއްކޮޅުން އޭނާގެ މުސާރަ ބަރާބަރަށް ބޭންކަށް ޖަމާވަމުން ނުދިޔުމަކީ މީގައި އޮތް އަނެއް މައްސަލަ އެވެ. މިއިން އެނގިގެން ދަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ އެތައް ހާސް ބަޔަކު އެ މީހުންނަށް ލިބޭ އާމްދަނީން ޓެކްސް ނުދައްކައި އެބަ އުޅޭ ކަމެވެ. ހަމައެހެންމެ، މިއިން އަންގައިދޭ އަނެއް ކަމަކީ، އެންމެ ކުޑަވެގެން ދިވެހި ސަރުކާރަށް ދައްކަން ޖެހޭ ވިސާ ފީ ނުދައްކާ ވެސް އެތައް ހާސް ބިދޭސީން އުޅެމުން ދާ ކަމެވެ.

ރާއްޖޭގައި އުޅޭ ބިދޭސީން، ޚާއްސަކޮށް ބަންގްލަދޭޝްގެ އެތައް ހާސް ބަޔަކު މިނިވަން ކަމާ އެކު ވަޒީފާ އަދާކުރަމުން ދަނީ އެވެ. ކުރާނެހާ ކަމެއްކޮށް، ކުރާނެހާ ވިޔަފާރިއެއް ކުރަން މި ގައުމުގައި އެއްވެސް ހުރަހެއް އޮތް ތަނެއް ނުފެނެ އެވެ. ފެންނަ މަންޒަރަކީ އެ މީހުންނަށް ހެދިފައިވާ ހުރިހާ ގާނޫނެއް އޭގެ ޒާތުގައި ފުނޑުފުނޑުވެފައިވާ މަންޒަރެވެ. އެހެންވެ، ދުނިޔޭގެ އެހެން ގައުމުތަކާ މުޅިން ހިލާފަށް ރާއްޖެ މި ވަނީ ބަންގްލަދޭޝްގެ މީހުންނަށް އޮތް "ސުވަރުގެ"އަކަށެވެ. ކިތަންމެ ހާލުގައި ވިޔަސް މި ގައުމަށް އެތެރެވުމަށް ފަހު އެ މީހުންނަށް ދުނިޔެ ފެނުނީ އެވެ.

ރާއްޖެ އަށް ބަންގްލަދޭޝްގެ މަސައްކަތްްތެރިން ވޭތުވެދިޔަ 10-15 އަހަރުގެ ތެރޭގައި އެތެރެވެފައި މިއޮތީ ހެސްކިޔައިފަ އެވެ. އޭގެ ތެރޭގައި އެ ގައުމުގައި ކުށްތައް ކޮށްގެން ފިލައިގެން އުޅޭ އެތައް ބަޔަކު ހިމެނެއޭ ބުނާތީ ވެސް އަހަމެވެ. މީހުން މެރުމާއި ކުޑަކުދިން ރޭޕް ކުރުމާއި ވައްކަމުގެ ތެރޭގައި ހުކުމްކޮށްފައި ތިބި މީސްމީހުން ހިމެނޭ ކަމަށް ވެސް ވެ އެވެ. ރާއްޖެ އަންނައިރު ފޭކް ޑޮކިއުމެންޓް ހެދުމާއި ނަން ބަދަލުކޮށްގެން އައި މީސްމީހުން ވެސް ހިމެނެ އެވެ. އެ މީހުން ރާއްޖެ އަންނަ އިރު، އެހާ ބޮޑަށް ސްކްރީން ކުރެވެމުން ނުދާތީ އެވެ. ހާއްސަކޮށް ބޮޑެތި ބަލިތަކުގައި ހިމެނޭ މީހުން މީގެ ތެރޭގައި އުޅެ އެވެ.

ދެރަ ކަމަކީ ރާއްޖެ އައުމަށް ފަހު، އަންނަ މަސައްކަތެއް ނިންމުމަށް ފަހު އެނބުރި ދަނީ، ނުވަތަ އަނބުރާ ފޮނުވާލަނީ މަދު މީހެއް ކަމެވެ. އެ މީހުން މަގުމަތީގައި، ނުވަތަ މި ކިޔާ މަޝްހޫރު އޯޕަން ވިސާގައި އެ މީހުން މިލިއަނުން ފައިސާ ނަގަނީ އެވެ. މުޅި ގައުމުގެ ވަޒީފާގެ ބާޒާރު އެ މީހުން ކޮންޓްރޯލްގެ ދަށަށް ހިނގައްޖެ އެވެ. އިޖުތިމާއީ ފޭރާން ވީދި، ރާއްޖޭގައި ކުށްތައް އިތުރުވެއްޖެ އެވެ. މީހުން މެރުމާއި މަސްތުވާތަކެތީގެ މައްސަލަތަކާއި ކިޑްނެޕް ކުރުމާއި ފޭރުމާއި ވައްކަންތައް ވެސް އެ މީހުންގެ ތެރޭގައި މިހާރު ވަނީ ހައްދުފަހަނައަޅައިފަ އެވެ. އެ ކުށްތައް އަހަރުން އަހަރަށް އިތުރުވަމުންދާ އިރު ވެސް އަހަރެމެން މިތިބެނީ ހިމޭނުންނެވެ.

އެހެންވެ ލުތުފަރުގެ މަރަކީ ވެސް އަަހަރެމެން ސިއްސުވާލި މަރެއް ނޫނެވެ. ސަބަބަކީ، އެ އާބާދީ ބޮޑުވެ، ރާއްޖޭގައި އެފަދަ ޖަރީމާތައް އެ މީހުން ހިންގައިފާނެ ކަމަށް އެންމެން ވެސް ހީކޮށްގެން ތިބީމަ އެވެ. އެހެން ނަމަވެސް، އަހަރެމެންނަށް ސިހުން ގެނުވި އެއް ކަމެއް މި މަރުގެ ފަހަތުގައި އެބައޮތެވެ. އެއީ ލުތުފަރުގެ އެއްވެސް ހަގީގަތެއް، ޚުދު އެއީ ކާކުކަން ވެސް އެނގޭ މީހަކު މި ފަސްގަނޑުގައި ނެތުމެވެ. މިއީ ބޮޑުވަރެކެވެ. މި ގައުމުގައި އަމިއްލަ ރައްޔިތުން ވެސް އެ މީހުން އަމިއްލަ ޑޮކިއުމެންޓް ނެތި ނޫޅެވޭ އިރު، ތަނަކުން އައި ބިދޭސީންތަކަކަށް އެހެން އުޅެވެން ވީ ކީއްވެގެން ހެއްޔެވެ؟ އެ މީހުންގެ ކަންކަމާ ހަވާލުވެފައި ތިބި ދައުލަތުގެ މުއައްސަސާތައް މއިޮތީ ކިހިނެއް ވެފައި ހެއްޔެވެ؟

ބައެއް މީހުން ބުނެފާނެ އެވެ. އަހަރެން މި ދައްކަނީ ހައިރާންވާ ވަރުގެ ވާހަކައެއް ނޫނެވެ. އެއީ ހަމަ ދިވެހި ސަރުކާރުން އެ މީހުންނާ ދޭތެރޭ ކަންކަން ކުރި ގޮތެއް ނޫން ހެއްޔޭ އެވެ؟ އެއީ ވަރަށް ބޮޑު ތެދެކެވެ. އޭގެ ޖަވާބުގައި އަހަންނަށް ބުނެވިދާނެ އެވެ: ލުތުފަރުގެ މަރުގެ އަނެއް ފަރާތުގައި އޮތް ހަގީގަތަކީ ވެސް އޭނާއާ މެދު ސަރުކާރުގެ މުއައްސަސާތައް އިހުމާލުވުން ނޫން ހެއްޔެވެ؟