ވާހަކަ

ކުރު ވާހަކަ: ހިތުގެދުލުން - 01

ލޯހުޅުވައިގެން ހުއްޓަސް ލޯމަރައިގެންވިއަސް އަހަރެންގެ ނަޒަރުގައި ވަނީ އެ ސޫރައެވެ. ހިތުގެ ހުރިހާ ކަންކޮޅެއްގައި ވަނީ އެރީތިކަމުގެ އަސަރުތަކެވެ. އިރުއެރުމާއި އިރުއޮއްސުމާއި ދެމެދު އެހެން އެއްވެސް ކަަމަކާ ވިސްނައިލެވޭނެ ފުރުސަތެއް އޭނާ އަހަންނަކަށް ނުދެއެވެ. އޭނާ ވަނީ އަހަރެންގެ ލޭގެ ތެރެއަށް ޖަޒުބުވެފައެވެ. އަހަރެންގެ ވުޖޫދުގެ މައްޗަށް ވެރިވެގެންފައެވެ. މިފަދަ ވޭނެއް، މިފަދަ އުނދަގުލެއް ތަހައްމަލު ކުރާކަށް އަހަރެންނަށް މީގެ ކުރީން ދުވަހަކުވެސް ޖެހިފައެއް ނުވެއެވެ. މިވާހަކަ އޭނާ ގާތު ބުނަންވެސް އަހަރެންގެ ހިތް އެދެއެވެ. ނަމަވެސް އޭނާގެ މަލަކޫތީ ރީތިކަމާއި ފިނިފެންމަލެއް ފަދަ ލޯބި ލޯބި ސޫރަ ފެނުމުން އަހަރެން މުޅިން ގަނޑުވެދެއެވެ. ހުދު އަހަންނަކީ ކާކުކަންވެސް ހަނދާނެއް ނުހުރެ އެވެ.

އެއީ މީގެ އެއް އަހަރު ކުރިއެވެ. މިދިޔައަހަރުގެ ކުރީކޮޅެވެ. ދުވަހަކީ އަހަރެން ހަނދާންވާ ގޮތުގައި ހުކުރުދުވަހެކެވެ. ކްލާސް ކުދީން ތަކަކާއެކު އަހަރެން އުޅުނީ ދަތުރުގޮސް ވިލިނގިލީގައެވެ. އަހަރުމެންގެ ދިހަ ވަރަކަށް ކުދިން ތިއްބެވެ. އަހަރުމެން ތިބީ ރަށުގެ އިރުއުތުރުފަރާތުގެ މޫދާވީ ފަރާތުގައި ފުޓްބޯޅަ ކުޅޭށެވެ. އަހަންނަށް އޭނާ އެންމެ ފުރަތަމަ ފެނުނީ އެދުވަހުއެވެ. އަހަރެން ޖެހި ބޯޅައެއް އޭނާ ރައްޓެހިކުދިން ތަކަކާއެކު ދަނިކޮށް އޭނާގެ ގައިގައި ޖެހުމުން އަހަރުމެންނާ ދިމާއަށް ހިތްހަމަނުޖެހިފައި ހުރެ ބަލާލައިފައި ދިޔައީއެވެ. ބޯޅަޖެހީ ކާކުކަމެއް އޭނައަކަށް ނޭނގެއެވެ. ބޯޅަޖެހީ އަހަރެންކަން ހުދު އަހަރެންނަށްވެސް ހުރީ އޮޅިފައެވެ. ފެނުނު ރީތި ކަމެއްގެ ސަބަބުންނެވެ.

އެދުވަހު އޭގެ ފަހުންވެސް ދެފަހަރަކު އަހަރެން އޭނާ ދުށީމެވެ. ހަމަ އެއްކަލަ ގްރޫޕާއެކު އުޅެނިކޮށެވެ. ކޮންމެ ފަހަރަކުވެސް އޭނާ ދާތަނަކަށް ގޮސް ގެއްލެންދެން އަހަރެން ކަޅި ޖަހައިނުލައި ބަލަހައްޓައިގެން ހުންނަމެވެ. އޭނާއަށް އަހަރެންގެ ނަޒަރު ހޯދައި ނުގަނެވުނަސްމެއެވެ.

އެދުވަސް ނިމިގެން ދިޔައީއެވެ. އަހަރެންވެސް މާލެ އައީއެވެ. އެރީތި މައުސޫމު އަންހެން ކުއްޖާ ދެވަނަ ފަހަރަށް ފެނިދާނެކަމަށް އެއްވެސް އުންމީދެއް ނެތް ކަމުގައިވިއަސް އަހަރެންގެ ހިތް އެސޫރަ ހަނދާން ނައްތާލާކަށް އެއްބަހެއް ނުވިއެވެ. އެއާޚިލާފަށް އޭގެ ފަހުން ތިންހަތަރު ދުވަސްވީއިރުވެސް އަހަރެންނަށް އޭނާގެ ޚިޔާލުތަކާ ވަތްކެއް ނުވެވުނެވެ. އެހިސާބުން އެކަންތައް އަހަރެންނަށް ބޮޑުވޭނަކަށް ވިއެވެ. އަހަންނަކީ އެއް އިރެއްގައިވެސް އަންހެން ކުދިން ފަހަތުން މުގޯލި އަޅައި މާ ބިޓިން ވެގެން އުޅޭ މީހެއް ނޫނެވެ. އަހަރެން ހީކުރީ އެރީތި އަންހެންކުއްޖާވެސް އަހަރެންގެ ހަނދާންތަކުން ދާދި އަވަހަށް ފޮހެލެވިދާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ މުޅިން އިދިކޮޅަށެވެ.

އަހަރެންނަށް ބޮޑު ހައިރާން ކަމެއް ލިބުނީ ވިލިނގިލީން އެއަންހެން ކުއްޖާ ފެނުނުތާ ހަފުތާއެއްހާ ދުވަސްފަހުން އެއްދުވަހަކު އަހަރެން އުޅޭ ގެ ކައިރީގައި ހުންނަ ފިހާރައެއްގެ ތެރެއިން އޭނަ ފެނުމުންނެވެ. އެދުވަހު ބޭ އިހުތިޔާރީ ހާލަތެއްގައި އަހަރެން އޭނާ ގެއަށް ދިޔައިރު ފަސްފަހަތުން ދިޔައީމެވެ. ދެން ލިބުނު ހައިރާންކަން މާބޮޑެވެ. އޭނަ ވަތް ގެ ހުންނަނީ އަހަރެންގެ ގެ ހުންނަ މަގުގައެވެ. އަހަރެން އުޅޭ ގެ ޖެހިގެން ތިންވަނައަށެވެ.

ކީއްވެގެންކަމެއްވެސް ނޭނގެއެވެ. އިއްތިފާގު ކަމުގައިވެސް ވެދާނެއެވެ. ނުވަތަ އަހަރެންނަށް ނޭނގުމެއްގެ ތެރޭގައި ހޯދެނީ ކަމަށްވެސް ވެދާނެއެވެ. އޭގެފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އަހަންނަށް އޭނަ ފެނެއެވެ. ނަމަވެސް އޭނަ ފެންނަ ކޮންމެ ފަހަރަކު އަހަރެންނަށް ހީވަނީ މުޅިން އަލަށް އެރީތި ރީތި ލޯބިލޯބި ސޫރަ ފެންނަހެންނެވެ. އަދި އެއްދުވަހަށްވުރެ އަނެއްދުވަހު އޭނަ ރީތިވާހެންނެވެ. އޭނަ ފެނުމާއެކު އަހަރެންގެ ނޭވާ ކުރުވެއެވެ. އޭނާ ދާ ތަނަކަށްގޮސް ގެއްލުމުން ފިނިނޭވާއަކާ އެކު އަހަރެންގެ ވަށައިގެން ނެތުމާއި ފަޅުކަމުގެ ހިތި އިހްސާސްތައް ވެރިކަން ކުރަން ފަށައެވެ.

އެތައް ދުވަހަކަށްފަހު އަހަންނަށް ގަބޫލުކުރެވުނީ އޭނާއާ ނުލައި އަހަރެންގެ ދިރިއުޅުން ފުރިހަމަ ނުވާނެކަމެވެ. އަހަރެން އޭނާ ގާތު ބުނަން ބޭނުމެވެ. "އޭ ރީތި ލޯބި ފަރި އަންހެން ކުއްޖާއެވެ. ކަލާ އަހަރެންގެ މިލްކަކަށް ނުވިޔަސް ނޭވާ ހިނގަންޏާ އަހަރެން ދުނިޔޭގައި އުޅޭނެ ކަންނޭނގެއެވެ. އެކަމަކު ކަލާޔާނުލައި ފަހަރެއްގައިވެސް އަހަރެންގެ ދިރިއުޅުން ފުރިހަމައެއް ނުވާނެއެވެ." ކޮންމެއަކަސް އެންމެ ފަހުން އަހަރެންނަށް އެނގުނީ އެ ގާތުގައިވާ އެހެނަސް ދުރުގައިވާ އަންހެން ކުއްޖާ ދެކެ އަހަންނަށް ވަރަށް ބޮޑަށް ލޯބިވެވިއްޖެކަމެވެ.

އޭގެ ފަހުންވެސް ދުވަސްތައް ފާއިތުވަމުން ދިޔައީ އެގޮތަށެވެ. އަހަންނަށް އަބަދުވެސް އޭނާ ފެނެއެވެ. ކުލަ ހެދުމުގައި އުޅޭ އިރުވެސް ފެނެއެވެ. ސްކޫލަށް ދާތަންވެސް ފެނެއެވެ. ނަމަވެސް އަހަރެން ހިންދިރުވާލައިގެން ހިތުގެ ހުރިހާ ވޭނެއް އޮއްބާލައިގެން ހުރީއެވެ. ނުކެރިފައެވެ. ފަސްޖެހިފައެވެ.

އަނެއްކާވެސް އައީ ހުކުރުދުވަހެކެވެ. އަހަރެއްހައި ދުވަސް ފާއިތުވިފަހުން އައި ހުކުރު ދުވަހެކެވެ. އެގާރަ ޖަހާކަންހާއިރު އަހަރެން ފެންވަރަން އުޅެނިކޮށް އަހަރެންގެ ރައްޓެހި ޝިމާހު އަހަރުމެންގެ ގެއަށް އައިސް ވަނެވެ. ހުކުރަށް ދާންވެގެންނެވެ. އަހަރެންވެސް ފެންވަރާލައިގެން ނުކުމެ ތައްޔާރުވެގެން އަހަރުމެން ދެމީހުން މިސްކިތަށް ދާން ނިކުތްއިރު ބާރަޖަހަނީއެވެ. ގެއިން ނުކުމެގެން ނައްޓާލި ވަގުތަކީ އަހަަރެންގެ ހިތުގެ ރާނީވެސް ކޮންމެވެސް ތަނަކަށް ގޮސްފައި ގެޔަށްދާން ދިޔަ ވަގުތެވެ. އޭނާ ފެނުމާއެކު ޝިމާހު އޭނާއަށް ގޮވާލައިފައި ކިހިނެއްތޯ އަހާލައި އެގެއަށް ޖައްސާލާނެ ވާހަކަވެސް ބުންޏެވެ. އޭނާވެސް ޝިމާހާ ވާހަކަދެއްކިއެވެ.

އޭނަ ގެއަށް ވަނުމުން އަހަރެންނަށް ފުރަތަމަވެސް އަހާލެވުނީ އެއީ ކޮން ކުއްޖެއްތޯ އާއި ކޮންނަމެއް ކިޔާ ކުއްޖެއްތޯއެވެ. ޝިމާހު ބުނި ގޮތުގައި އޭނާއަކީ އެމީހުންގެ ރަށު ކުއްޖެކެވެ. އެދެމީހުންނަކީ ކުރިންވެސް ގާތް ރައްޓެހިންނެވެ.

އެހިސާބުން އަހަންނަށް އަހަރެންގެ ނަފްސު އިތުރަކަށް ނުހިފެހެއްޓުނެވެ. އަހަރެން އެއްވެސް މީހަކަށް ކިޔައިނުދީ ހުރި ވާހަކަތައް ޝިމާހުއަށް ކިޔައިދީފީމެވެ. އަހަރެންގެ ވާހަކަތައް އަޑުއެހުމަށްފަހު ޝިމާހު އޭނާގެ ނަންވެސް ބުންޏެވެ. އޭނާއަށް ކިޔަނީ ނަޒީރާއެވެ.

ޝިމާހު އަހަރެންނަށް އެކުއްޖާއާ ގުޅޭ ގޮތުން ކިޔައިދިން ވާހަކަތަކަކީ އަހަރެންގެ ހިޔާލީ ދުނިޔޭގައި މާކުރިއްސުރެ ދައުރުވަމުން ދިޔަ ވާހަކަތަކެވެ. އޭނާގެ މައުސޫމު ކަމާއި މަޑުމައިތިރިކަމާއި ރަނގަޅުކަމުގެ ވާހަކަތަކެވެ. ތެދުވެރިކަމާއި ސީދާ ސާދަ ކަމުގެ ވާހަކަތަކެވެ. މިހުރިހާ ކަމަކީ އެރީތި ރީތި މޫނުގެ ތެރެއިން އަހަރެންނަށް ފެނިފައިވާ ސިފަތަކެވެ. އޭނާގެ ޖާދޫއެއް ފަދަ ރީތިކަމާ އަޅައި ބަލާއިރު ލާޒިމު ސިފަތަކެވެ.

(ނުނިމޭ)