ފޮރިން މިނިސްޓްރީ

އިނގިރޭސިންގެ ބާރުގެ ދަށުގައި ޗާގޯސް ބޭއްވުމަށް ރާއްޖޭން ވޯޓުދިނީ، ކަނޑުގެ ސަރަހައްދެއް ގެއްލިދާނެތީ

އިބްރާހިމް ޒަކީ

1

އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސް އައިލެންޑްސް، މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ގަރާރާ ދެކޮޅަށް އދ.ގެ އާއްމު މަޖިލީހުގައި ރާއްޖެއިން ރޭ ވޯޓު ދިނީ، ރާއްޖޭގެ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތް ކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދެއް ގެއްލިގެން ހިނގައިދާނެތީ، އެކަންތައްތައް ހިމާޔަތް ކުރުމަށްކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެމިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގާނޫނު އަސާސީގެ ތިން ވަނަ މާއްދާގައި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައަޅައި ބަޔާންކޮށް، ގާނޫނު ނަމްބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާއި ބެހޭ ގާނޫނު) ގައި ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައަޅާފައި ވަނިކޮށް، އެއަށް އުނިކަމެއް އަތުވެދާނެ ފަދަ ގޮތަކަށް އދ.ގެ އާއްމު މަޖިލީހަށް ނުވަތަ އެނޫން މަޖިލީހަކަށް ހުށަހެޅޭ ހުށަހެޅުމަކަށް ދިވެހި ސަރުކާރަށް ތާއީދު ނުކުރެވޭނެ ކަމަށެވެ.

ފޮރިން މިނިސްޓްރީން ބުނިގޮތުގައި، ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލަގޯ (ފޯޅަވަހި) އާއި ދެމެދު އޮތް ކޮންޓިނެންޓަލް ޝެލްފްގެ އިން ކަނޑައެޅުމުގެ މައްސަލައިގައި، ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ގާނޫނު (ލޯ އޮފް ދަ ސީސް ކޮންވެންޝަން)ގެ ދަށުން ރާއްޖެއިން ވަނީ 2010 ވަނަ އަހަރު އދ އަށް ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ އިންތައް ހުށަހަޅާފައެވެ.

މި ހުށަހެޅުން އދ އަށް ފޮނުވުމާއި ގުޅިގެން މޮރިޝަސްއިން ވަނީ އެހުށަހެޅުމާއި ދެކޮޅު ހަދާކަން އދ ގެ ސެކްރެޓަރީ ޖެނެރަލްއަށް އަންގާފައެވެ.

އިން ކަނޑައެޅުމުގެ މައްސަލައިގައި ވަކި ގޮތެއް އދ އިން ނިންމާފައި ނުވަނީސް، ޗާގޯސް އާކިޕެލަގޯގެ މައްސަލައިގައި ވަކި ގޮތަކަށް ނިންމަން ޖެހޭ ކަމަށް ބުނެ ތާއީދު ކޮށްފިނަމަ ދިވެހިރާއްޖޭގެ ސަރަހައްދާއި ބެހޭ ގޮތުން އދ ގެ ކަމާ ބެހޭ އިދާރާއަށް ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމާއިމެދު ސުވާލު އުފެދޭނެއެވެ.

މިކަމުގައި ދިވެހިރާއްޖެއިން ހިފަހައްޓަން ޖެހޭނީ މިއަދުގެ ގާނޫނު އަސާސީއާއި ގާނޫނުގައިވާ ގޮތްކަމުގައި ދިވެހި ސަރުކާރުން ގަބޫލުކުރާ ކަމަށްވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ އދ ގެ އާއްމު މަޖިލީހުގައި މިމައްސަލައިގައި ކުރެވުނު ބަހުސްގައިވެސް އަދި އޭގެ ފަހުން ދިވެހިރާއްޖެއިން ވޯޓު ދިން ގޮތް ހާމަކުރުމުގައިވެސް ދިވެހިރާއްޖެއިން އެކަން ސާފުކޮށްދީފައިވާ ކަމަށެވެ.

އަދި މިއީ 1990ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ސަރުކާރަކުންވެސް ދަމަހައްޓަމުން އައި ސިޔާސަތެއްކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.

މި މައްސަލައިގައި އދ. ގެ އާއްމު މަޖިލީހަށް ހުށަހަޅައި ރޭ ވޯޓަށް އެހި ގަރާރަކީ، މިހާރުވެސް އިނގިރޭސިވިލާތުގެ ބާރުގެ ދަށުގައި އޮތް ޗާގޯސް، މޮރިޝަސްއަށް ދޫކޮށްލަން ޖެހޭ ކަމަށްބުނެ، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)އިން ޗާގޯޒް މައްސަލައިިގައި މޮރިޝަސްއާ އެއްކޮޅަށް 2019 ވަނަ އަހަރުގެ ފެބްރުއަރީ 25 ގައި ނެރެފައިވާ ލަފާގައި ހިމެނޭ ކަންތައްތައް އދ. ގެ މެންބަރު ގައުމުތަކުން ތަންފީޒު ކުރުމަށް ގޮވާލައި އެފްރިކަން ގްރޫޕުން ހުށަހެޅި ގަރާރެކެވެ.

އެގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުދިން ނަމަވެސް، ޗާގޯސް އައިލަންޑްސް މޮރިޝަސްގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅަން ހުށަހެޅި ގަރާރު އާއްމު މަޖިލީހުން ވަނީ ފާސްކޮށްފައެެވެ. އެ ގަރާރާ ދެކޮޅަށް ރާއްޖެއާއެކު އިނގިރޭސި ވިލާތާއި އެމެރިކާއިން ވޯޓުދިނެވެ.

ނަމަވެސް އެގަރާރު ފާސްކުރީ، 116 ގައުމަކުން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދީގެންނެވެ.

(އައިސީޖޭ)ގެ އެ ލަފާގައި ބަޔާން ކޮށްފައިވާ ގޮތުުގައި މޮރިޝަސްގެ މައްޗަށް އޮތް އިނގިރޭސި އިސްތިއުމާރީ ބާރު ނިމުމަކަށް ގެނައީ ބައިނަލްއަގުވާމީ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިންނެއް ނޫނެވެ. ސަބަބަކީ އިސްތިއުމާރީ ވެރިކަން ނިމުމަކަށް ގެނައިިރު ޗާގޯސް މިނިވަންވެފައި ނުވުމެވެ.

މި މައްސަލައިގައި (އައިސީޖޭ) ލަފައަކަށް އެދުމަށް 2017 ވަނަ އަހަރު އާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށްވެސް ރާއްޖެއިން ވޯޓުދީފައިވެއެވެ. އެ ފަހަރު ގަރާރާދެކޮޅަށް ރާއްޖެއާއެކު 15 ގައުމުން ވޯޓުލިއެވެ. ނަމަވެސް ގަރާރާއެއްކޮޅަށް 94 ގައުމު ވޯޓުލިއެވެ.