ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސް ސޯލިހު މޯދީއަށް މަރުހަބާ ވިދާޅުވެއްޖެ

އިންޑިއާގެ އާންމު އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އަށް މަރުހަބާ ވިދާޅުވެއްޖެ އެވެ.

ރަައީސް ސޯލިހު ދާދި ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންޑިއާގެ އާންމު އިންތިޚާބުގައި މޯދީ ހޯއްދެވި ތާރީޚީ ކާމީޔާބަށް ޓަކައި މަރުހަބާ ވިދާޅުވާ ކަމަށާއި އެ ކާމިޔާބީން އެނގިގެން ދަނީ އިންޑިއާގައި މިވަގުތު ވެރިކަންކުރަމުން އަންނަ ބީޖޭޕީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ކަމަށެވެ.

ކުރިޔަށް އޮތް ތަނުގައި ވެސް އިންޑިއާއާ އެކު އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް ގާތްކަމާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް ރައީސް ސޯލިހުގެ ޓުވީޓުގައި ވިދާޅުވެފައިވެ އެވެ.