އިންޑިއާ

އިންޑިއާގެ އާންމު އިންތިހާބު: ސަނީ ޑެއޯލް ގާނޫނު ހަދާ މަޖިލީހަށް، ދޮންމަންމަ ހެމާ މާލިނީ ގޮނޑި ދިފާއުކޮށްފި

ބޮލީވުޑްގެ މަގުބޫލު ތަރިން ކަމުގައިވާ ސަނީ ޑިއޯލް އަދި ހެމާ މާލިނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ އާންމު އިންތިހާބު ކާމިޔާބު ކޮށްފިއެވެ.

ސަނީ ގޮނޑި ކާމިޔާބު ކޮށްފައިވަނީ 54 ޕަސެންޓްގެ ނަތީޖާއަކާ އެކުއެވެ. އެއީ 191،239 ވޯޓެވެ. މިއީ ސަނީ ސިޔާސީ ދާއިރާއަށް ނުކުތް ފުރަތަމަ ފަހަރެވެ. ނަމަވެސް އޭނާގެ ބައްޕަ ދަރްމެންދްރާ އަދި ދޮންމަންމަ ހެމާ މާލިނީ އަކީ މީގެ ކުރިންވެސް ސިޔާސީ ދާއިރާގައި ފިޔަޖަހާ ބޭފުޅުންނެވެ.

އޭނާއާ އެންމެ ގާތުން ވާދަކުރި، މިހާރު ވެސް ގުރުދާސްޕޫރްގެ ގޮނޑި ފުރަމުން އަންނަ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ސުނިލް ކުމާރު ޖާކަރު އަށް ލިބުނީ 142،465 ވޯޓެވެ. އެއީ 40.2 ޕަސަންޓެވެ.

ސަނީ އަކީ ވަރުގަދަ ރޯލުތައް ކުޅެން މަޝްހޫރު ބަތަލެކެވެ. ސަނީ މި ގޮނޑި ކާމިޔާބު ކުރުމުން ގުރުދާސްޕޫރް ހިމެނިގެން ދިޔައީ ބީޖޭޕީ އިން ލީޑްނެގި މަދު ސްޓޭޓްތަކުގެ ތެރޭގައެވެ. ސަނީގެ ދޮންމަންމަ ހެމާ މާލިނީ އަކީ މިހާރުވެސް އުއްތަރު ޕްރަދޭޝްގެ މަތޫރާގެ މެންބަރެވެ. މިފަހަރު އޭނަ ވަނީ 63.8 ޕަސަންޓް ނަތީޖާއަކާއެކު ގޮނޑި ދިފާއުކޮށްފައެވެ.