ދުނިޔެ

އިންޑިއާގެ އާންމު އިންތިހާބު: ވޯޓު ގުނުން ކުރިޔަށް، ކުރީގައި މޯދީ

މުހައްމަދު އައުޒަމް

އިންޑިއާގެ އާންމު އިަންތިހާބުގެ ވޯޓު ގުނުން ކުރިޔަށް ދާއިރު މިހާތަނަށް ނަތީޖާ ދައްކާގޮތުން ކުރިހޯދައިފައިވަނީ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.

ހަމަސްދުވަހުގެ މުއްދަތަކަށް ހަތް މަރުހަލާއަކަށް ބަހާލައިގެން ކުރިޔަށްދިޔަ މި އިންތިހާބުގެ ވޯޓު ގުނަން ފަށާފައިވަނީ މިއަދު ހެނދުނުއެވެ. މިއަދު ހެނދުނު 11 ޖެހުމާ ހަމައަށް ނަތީޖާ ދައްކާގޮތުން މޯދީ ނިސްބަތްވާ ބާރަތިޔާ ޖަނާތާ ޕާޓީއަށް މަޖިލީހުގެ 542 ގޮނޑީގެ ތެރެއިން 294 ގޮނޑި ކާމިޔާބުވެފައިވާކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

މި އިންތިހާބުގެ އެކްސިޓް ޕޯލްއިން ދެއްކި ގޮތުން އިންތިހާބު ކާމިޔާބު ކުރާނީ މޯދީ އެވެ. އެކްސިޓް ޕޯލް އަކީ ވޯޓު ލުމަށްފަހު ނިކުންނަ މީހުންގެ މެދުގައި ކުރެވޭ ސާވޭއަކުން ދައްކާ ނަތީޖާއެކެވެ.

އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން އިންޑިއާގެ މައި އިދިކޮޅު ޕާޓީ، ރާހުލް ގާންދިގެ ކޮންގްރެސް ޕާޓީއަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތި ވާނެކަމަށް ބެލެވެއެވެ.

މިފަހަރުގެ އިންތިހާބުގައި 900 މިލިޔަނާ ގާތްކުރާ އަދަދަކަށް މީހުން ވޯޓު ލާނެކަމަށް ބެލެވޭކަމަށް އެގައުމުގެ އިލެކްޝަން ކޮމިޝަނުން ކުރިން ބުނެފައިވެއެވެ.

އިންތިހާބުގެ ވޯޓު ގުނައި ނިމޭނެކަމަށް ބެލެވެނީ މިރޭ ނޫނީ މާދަމާ ހެނދުނު ކަމަށް ލަފާކުރެވެއެވެ.