ރައްޔިތުންގެ މަޖިލިސް

މަޖިލިސް ރައީސަކަށް އިދިކޮޅު ޕީއެންސީ ކޯލިޝަނުން ވެސް ތާއީދުކުރަނީ އަފީފަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންތިހާބު ކުރުމަށް، އިދިކޮޅު ޕީޕީއެމް ޕީއެންސީން ކޯލިޝަނުން ވެސް ތާއީދުކުރާނީ ވިލުފުށީ ދާއިރާ އަށް އިންތިހާބުވެވަޑައިގެންނެވި ހަސަން އަފީފަށް ކަމަށް އެފަރާތުން ބުނެފިއެވެ.

އިދިކޮޅު ޕީއެންސީ ޕީޕީއެމް ކޯލިޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނާއިބު ރައީސް އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާފަންނު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ އަހްމަދު ނިހާން ހުސެއިން މަނިކު ވިދާޅުވީ އަފީފަށް ތާއިދުކުރަން ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ތާއީދު އޭނާއަށް އޮތްކަން ހާމަކުރެއްވުމުން ކަމަށެވެ.

ނިހާނު ވިދާޅުވީ، ޕީއެންސީ އާއި ޕީޕިއެމުންވެސް މިހާރު ތިބީ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ނަންފުޅަށް ތާއީދު ކޮށްގެން ކަމަށާއި، އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދެޕާޓީންވެސް ދެކޭ ކަމަށެވެ.

އެހެންކަމުން މަޖިލީހުގައި ނަގާ މަޖިސް ރައީސްގެ ވޯޓުގައި އެ ކޯލީޝަނުން ތާއީދު ކުރާނީ އަފީފަށް ކަަމަށް ނިހާނު ވިދާޅުވިއެވެ.

ނިމިގެންމިދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ރޭ ދެއްވި ތަރާވީހެއްގައި ބައިވެރިވަޑައިގަތުމަށް މަޖިލީހުގެ ގެއަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދަައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވީ، ހަސަން އަފީފަކީ މަޖިލިސް ރައީސްކަމަށް އެންމެ އެކަށީގެންވާ އެއް މެންބަރު ކަމަށެވެ.

މި ފެށޭ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މެންބަރުކަމުގެ ހުވައި ކުރެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެރޭގަ އެވެ. މެންބަރުން ހުވައި ކުރެއްްވުމަށްފަހު، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ އެރޭ ބާއްވައި މަޖިލީހުގެ ރައީސަކު ހޮވާނެއެވެ.

އެމްޑީޕީއަށް ސުޕަމެޖޯރިޓީ ލިބިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނަށް ލިބިފައިވަނީ 8 ގޮނޑިއެވެ. އެމްޑީޕީއަށް 65 ގޮނޑި ލިބިފައިވެއެވެ.