ކޮލަމް

ރޯދައިން ލިބޭ ތަރުބިޔަތު - 2

އަބްދުﷲ ފާރޫގް ހަސަން

ވަރަށް ހިތާމަވެރި ޙަޤީޤަތެކެވެ. މިހާރަކަށް އައިސް އަޅުގަނޑުމެންގެ އަމަލީ ދިރިއުޅުން ހައްތާވެސް މިދަނީ އިސްލާމީ އުޚުއްވަތުގެ ތަޞައްވުރާ ފޭވަމުންނެވެ. މުއްސަނދީން ކުރެ ގިނަމީހުންތިބީ ފައިސާވެރިކަމުގެ މަސްތުގައެވެ. ފޯރުންތެރީންކުރެ ދާދިމަދު މީހަކު މެނުވީ އުއްމަތުގެ ބޭނުންތަކުގެ މައްޗަކުން ހަނދާނެއް ނުހުރެއެވެ. މުޖްތަމަޢުގައިތިބި އަތްމަތި ދަތިމީހުންނާމެދަކު ވިސަނައެއް ނުލައެވެ. އަދި ކީތްތޯއެވެ؟ އެބައިމީހުންގެ މަޖާކުރުމާއި، އިސްރާފު ކުރުމާއި ދެއްކުންތެރިކަން ވެފައިވަނީ އުއްމަތުގެ ފަޤީރުންނަށްކުރިމަތިވާ އިތުރު ހާސްކަމަކަށެވެ. ފިކުރުބޮޑުވުމުގެ ސަބަބެއްކަމުގައެވެ.

މީގެ އެއްމިސާލަކީ ކާވެނީގެ ހަފްލާތަކެވެ. ކާވެނީގެ ހަފުލާތަކުގައިވެސް އިސްރާފުކުރުން ވަނީ ހައްދު ފަހަނަޅައިފައެވެ. ޖައްވާއި، ކަނޑުއަޑީގައި ކާވެނިކުރުމާއި، ދެއްކުންތެރިކަމުގެ މިންނެތް ބޭކާރު ޒީނަތްތެރިކުރުމާއި ވަލީމާގެ އިސްރާފަކީ މުއްސަނދީންގެ ފެޝަނެކެވެ. އުންމަތުގެ ޢާންމު އަފުރާދުންނާއި . ކުޑަކުޑަ މުސާރަކޮޅެއް ލިބޭ މީހުންގެ ކިބައިގައި އެފަދަ ޚަރަދުތަކެއްކުރުމުގެ އެކަށޭނަކަމެއްނުހުރެއެވެ. އެކަމަކު އެމީހުންނަކީވެސް ހަމަ އިންސާނުންނެވެ. ހިތާއި ފިތުގެ އަހުލުވެރީންނެވެ. ތިމާމެންގެ ދަރީންނަށް ހުރިހައިވެސް ވަސީލަތްތަކެއް ހޯދައިދޭންބޭނުންވާ މީހުންނެވެ. އެހެންކަމުން އެފަދަ މަންޒަރުތަކުން އެމީހުންގެ ހިތްތައް ޒަޚަމްވެއެވެ.

އާއްމުގޮތެއްގައި ދެއްކުންތެރިކަމުގެ މިހުރިހައި ޚަރަދުތަކެއް ކުރެވެނީ އިޖްތިމާއީ ގަދަރުވެރިކަން ފާޅުކުރުމަށެވެ. ކަންދައްކައިގެން މަޝްހޫރުވުމުގެ ބޭނުމުގައެވެ. މާތްﷲގެ ރުހި ވޮޑިގަތުން ވިއްކައިލައިފައި ޚަލްްޤުތަކުންގެ ތާރީފު ހޯދުމުގެ ގޮތުންނެވެ. މިފަދަވަގުތުތަކުގައި ރޯދަ އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ މުއުމިނުންނަކީ ތިމާމެން ފިކުރާވާގޮތުގެ ބަަދަލުގައި ތިމާމެންގެ ރަސްވަންތަ ރައްބުގެ ރުހިވޮޑިގަތުން ގަންނަ ބައެއްކަމެވެ. އެހެންކަމުން ތިމާފަދަ އިންސާނުން ރުއްސައި އެމީހުންގެ ތާރީފު ހޯދުމަށްޓަކައި މާތްﷲ ރުހިވޮޑިނުގަންނަވާނެ ގޮތްތައް ޚިޔާރުކުރުމަކީ މުއުމިނުންނާ އެކަށީގެންވާ ކަމެއްނޫނެވެ.

ފަޤީރު ޢާއިލާތަކުގެ ވިސްނުންތޫނު ޤާބިލްދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތުލިބުމަކީ ވަރަށްވެސް ވާދަވެރިކަމެކެވެ. އަޅުގަނޑުމެންގެތެރޭގައި އުފެދިގެން މިއުޅޭ ރިޝްވަތުގެ ބާޒާރަކީވެސް ޙަޤީޤަތަށް ދަންނަވާނަމަ ޤައުމުގައިތިބި ފޯރުންތެރީންގެ އުފެއްދުމެކެވެ. ތިމާމެންގެ އާރާއި ބާރާއި ނުފޫޒުވަރުގަދަކޮށް އިތުރަށް މުއްސަނދިވުމަށްޓަކައި ކުރާފަސާދައެކެވެ. އަރަހުށި މާތްﷲ ތަނަވަސްކަމުގެ ނިޢުމަތް ދެއްވައިފައިވާ ފަރާތްތަކުން ތިމާމެންގެ ވާޖިބު ހަނދާންނައްތައިލައި ތިމާމެންގެ ނިކަމެތި އަޚުންނާއި އުޚްތުން ކުރިއަރުވާްން މަސައްކަތް ކުރަމުން ނުގެންދާތީ ކުރިމަތިވާ ކާރިސާތަކެެވެ.

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނަށް ދަސްކޮށްދޭ ފިލާވަޅުތަކުގެތެރެއިން އެއްފިލާވަޅަކީ ވަގުތަށް ޙުރުމަތްތެރިކޮށްހިތުމުގެ ފިލާވަޅެވެ. ރާވައިލައިގެން ވަގުތަށްފައްތައިގެން ކަންތައް ކުރުމުގެ ފިލާވަޅެވެ. އަޅުގަނޑުމެން ވިސްނައިލާއިރު އަޅުގަނޑުމެންގެ މާތްދީނުގެ ކޮންމެ އަޅުކަމެއްވެސް ވަނީ ވަރަށްބޮޑަށް ވަގުތާ ގުޅުވިފައެވެ. ކަންކަމުގެ ފެށޭގަޑިޔާއި ނިމޭ ގަޑި ކަނޑައެޅިފައެވެ. މިގޮތުން ރޯދަޔާމެދު ޚިޔާލު ކޮށްލަމާ ހިންގަވާށެވެ. ހާރުދަމުގައި ތެދުވެ ފަަޖުރުލުމުގެކުރީން ހާރުކާން ޖެހެއެވެ. ހާރުކާންޖެހޭގަޑިޔާމެދު ފަރުވާކުޑަކޮށް ފަޖުރުގެ އަލިކަންފާޅުވާފަހުން އެންމެ ކޯވަރެއް އަރުންއެތެރެކުރިކަމުގައިވިޔަސް ރޯދަ ރޯދަޔަކަށް ނުވެއެވެ. އިރުއޮއްސުމާއެކު ރޯދަވީއްލާން ޖެހެއެވެ. އިރުއޮއްސުމުގެ ކުރީން ކައިބޮއިހަދައިފިނަމަ ރޯދަ ގެއްލުނީއެވެ. އިރުއޮއްސުމަށްފަހު ރޯދަނުވީއްލައި ލަސްކޮށްފިނަމަ އެއީ މަކްރޫހަކަމެކެވެ. ދީނުގެ ނަބީއްޔާ ސައްލަﷲ އަލައި ވަސައްލަމަގެ އިރުޝާދާ ޚިލާފުވުމެވެ. ދުވާލުގެ އަޅުކަމުގައިވެސް ރޯދަ ވީއްލުމަށްފަހު ކުރާންޖެހޭ ރޭގަނޑުގެ އަޅުކަމުގައިވެސް ވަގުތު ވަނީ ކަނޑައެޅިފައެވެ. މަޣްރިބުނަމާދާއި ، އިޝާނަމާދަކީވެސް ވަގުތު ކަނޑައެޅިގެންވާ ދެފަރުޟެވެ. ފެށޭވަގުތާއި ނިމޭވަގުތު އައްޔަން ވެފައިވާ ދެއަޅުކަމެވެ. އިޝާނަމާދަށްފަހުތަރާވީސް ކުރުމެެވެ. ތައުފީޤު ލިބުނުމީހަކު ނިދައި ހޭލައިގެން ތެދުވެ ތަހައްޖުދު ނަމާދު ކުރުމެވެ. މިހުރިހާކަމަކީވެސް ކުރިޔަށްރާވައިގެން ވަގުތަށްފައްތައިގެން ކުރާންޖެހޭ ކަންކަމެވެ.

ޝައްކެއްނެތެވެ. މިއީ ވަގުތަށް ސަމާލުވުމުގެ ބޮޑެތިފިލާވަޅުތަކެވެ. ވަގުތަކީ ވަރަށް އަގުހުރި ރައުސުމާލެކެވެ. ފާއިތުވެއްޖެ ވަގުތެއް އަނބުރައެއް ނާންނާނެއެވެ. ވަގުތަކީ ވެސް އަރަހުށި މާތްﷲގެ ވަރަށް ބޮޑު ނިއުމަތެކެވެ. މުސްލިމުންގެ ދުނިޔެއާއި އާޚިރަތުގެ ލާބަޔާއި މަންފާހުރީ ވަގުތަށް ކަމޭހިތުމުގައެވެ. ވަގުތަށް ފަރުވާކުޑަކުުރުމަކީ ދެދުނިޔޭގެ ގެއްލުމެކެވެ.
ނަމަވެސް ގަޑިޔަށް ހުރުމަތްތެރިކޮށް ނުހިތުމަކީވެސް މިހާރަކަށް އައިސް އަޅުގަނޑުމެންނަށް އާދަވަމުން އަންނަކަމެކެވެ. އަޅުގަނޑުމެންނަށް ރީތިވަމުން އަންނަ ކަމެކެވެ. ވިސްނައިލަމާ ހިންގަވާށެވެ! އަޅުގަނޑުމެންގެތެރޭގައި ބާއްވާ ޖަލްސާތަކާއި ބޮޑެތި ބައްދަލުވުންތައް ގަޑިޔަކަށް ނުފެށެއެވެ. ވަގުތަކަށް ނުނިމެެވެ. އެހެނިހެން ކަންކަން އެއްބައިގައި އޮއްވައި ދީނީ ވަރަށްގިނަ ރަސްމިއްޔާތުތަކެއްގައި ވެސް މިކަން ހިނގަނީ މިގޮތަށެވެ. ރޭގަނޑު ރޭދެބައިވާ ވަގުތަކީ އަޅުގަނޑުމެންގެ ތަޤްރީރުތައް އެންމެ ފޯރިއަރައި އެންމެ ހޫނު ގަދަވާ ވަގުތެވެ. އަޅުގަނޑުމެންގެ ސާދާ އަޑުއެހުންތެރީންނަށް ފަތިސް ނަމާދަށް ހޭލެވޭނެތޯ ނުވަތަ ނޫންތޯ ވިސްނައިލުމަކީ އަޅުގަނޑުމެން ކުރާންޖެހޭ ކަމެއް ނޫނެވެ. އެކަމަކު ދަންނަވަންތޯއެވެ. ވަގުތު ބޭކާރު ކުރުމާއި، އިސްރާފު ކުރުމަކީ މުދާ އިސްރާފު ކުރުމަށްވުރެ މާގެއްލުންހުރިކަމެކެވެ.

ރޯދަ އަޅުގަނޑުމެން އާދަކުރުވަނީީ އަޅުގަނޑުމެންގެ ހިތްކިޔާކަންތައްތަކަށްވުރެ އަޅުގަނޑުމެންގެ ރަސްވަންތަ ﷲގެ ރުހިވޮޑިގަތުމަށް އިސްކަންދިނުމަށެވެ.މިސާލެއްގެ ގޮތުން ދަންނަވަނަމަ ހައިހޫނުކަމާއި ކަރުހިއްކުމަކީ އިންސާނަކަށް އެކަންކަން ނުފިލުވައި މަޑުޖައްސައިލައިގެން ނުހުރެވޭނެ ދެކަންތަކެވެ. އެކަމަކު އަޅުގަނޑުމެން އެކަންކަމަށް ކެތްތެރިމިވަނީ ކުޑައިރުކޮޅަކަށެއް ނޫނެވެ. ފަޖުރުގެ އަލިކަން ފާޅުވީއްސުރެ އިރުއޮއްސޭންދެނެވެ. އެކަންކަމާހުރެ އަޅުގަނޑުމެންނާދިމާޔަށް މޮށޭނެ ނުވަތަ އަދަބުދޭނެ މީހަކު ފެންނާކަށެއްނުހުރެއެވެ. އެކަމަކު އެކަންކަން ބަރުދާސްތު މިކުރަނީ ހިތުން ރުހުމުންނެވެ، އަޅުގަނޑުމެންގެ އެދުންތަކަށްވުރެން އަޅުގަނޑުމެންގެ ރަސްވަންތަﷲގެ ރުހިވޮޑިގަތުމަށް އިސްކަން ދިނުމުގެ މިޔަށްވުރެ ފުރިހަމަ މިސާލެއް އޮންނާނެތޯއެވެ. އާދެ މިއީ، އަޅުގަނޑުމެން ކޮށްލާ އާދަކާދައިގެ ކަމެއް ނޫނެވެ. އަދިކީއްތީއެވެ.؟ މިއީ އަޅުގަނޑުމެން ލިިބިގަންނަ ތަރުބިޔަތެކެވެ. މިކަމަކީ އަޅުގަނޑުމެންގެ މައްޗަށް ފަރުޟުވެފައިވާ އެއްމަސްދުވަހުގެ ފަރުޟެއްކަމުގައި ވިޔަސް ކަމުގެ ރޫޙާއި މަޤްޞަދަށް ބަލާއިރު މިއީ ހަމައެކަނި މަސްދުވަހެއްގެ ކަމެއްނޫނެވެ. އަދި ކީއްތޯއެވެ. މުސްލިމުންގެ ކިބައިން އެދެވިގެންވަނީ އެބައިމީހުންގެ މުޅިހަޔާތުގައި ވެސް މިކަންމިމަގަށް ބޭއްވުމެވެ. ތިމާގެ ވެރި ﷲއަށްޓަކައި އަބަދުވެސް ކެތްތެރިވުމެވެ. އެހެން ނޫންނަމަ އަޅުގަނޑުމެންނަށް ރޯދައިން އެހާސިލުވަނީ އޭގެ ތޮށިގަނޑެވެ. ރޯދައިން ޤަސްދުވެވޭ ފައިދާހުރި ބައެއް ނޫނެވެ. އެލިބިގަނެވެނީ ރޯދައިގެ ރޫޙޭއްނޫނެވެ. ކައުސާހިބާ ސައްލަﷲ އަލައިހި ވަސައްލަމަ އިރުޝާދުދެއްވައިފައިވާ ފަދައިން ނުކައިނުބޮއިހުރުމަކީ ޙަޤީޤީމާނައިގައި ރޯދައެއްނޫނެވެ.

ކީރިތި ޤުރްއާނުގައިވަނީ ރިބާ ޙަރާމް ކުރެއްވިކަން ސަރީޙު ބަސްފުޅުން އިއުލާން ކުރައްވައިފައެވެ. އިސްލާމްދީނުގެ ނަބިއްޔާ ސައްލަﷲ އަލައިހި ވަސައްލަމަވެސް ވަނީ ރިބާ ކެއުމާއި ރިބާ ހިމެނޭ ކަންކަމަށް އެއްވެސް ސިފައެއްގައި އެއްބާރުލުން ދިނުން މަނާކުރައްވައިފައެވެ. އެހެންކަމުން އަރަހުށި މާތްﷲގެ ރުހިވޮޑިގަތުން އިސްކުރުމުގެ ފޮނިކަން ތޖުރިބާ ކުރާ މުއުމިނުން ރިބާގެ ފަހަތުން ދާކަށެއް ޖާގައެއްނެތެވެ.

ޝައްކެެއްވެސް ނެތެވެ. މިމޫސުމަކީ އަޅުގަނޑުމެންގެ ނަފުސުތައް އަޅުގަނޑުމެންގެ ހެޔޮކަމުގެ ޒަމީރުގެ ބާރުގެ ދަށުގައި މަތަކޮށް ހިފެހެއްޓުމުގެ މޫސުމެވެ. އެކަމުގެ އިމްތިހާނުގެ ދުވަސްވަރެވެ. ރޯދަ ކުރުވިކަމަކީ ހަމައެކަނި އަޅުގަނޑުމެން ކަރުހިއްކައިގަތުމާއި ހައިހޫނުކަމުގައި ބައިތިއްްބުންކަން ނުވަތަ އަޅުގަނޑުމެންގެ ހަޔާތަށް ރޫޙާނީ އަދި އަޚްލާޤީ އިންޤިލާބެއް ގެނެސްދިނީކަން އެނގޭނީ މިހިރަ ގޮތްގޮތުން ބަލައި ވިސްނައިލުމުނެނެވެ.

(ނިމުނީ)