ވާހަކަ

ކުރު ވާހަކަ: ލޯބިވިޔަސް - 02

(އިއްޔެގެ އަދަދާ ގުޅޭ..)

އޭރު މިޒުނާ ހުރީ ކުރިމައްޗަށް ވާގޮތަށް އިނގިލި ދިއްކޮށްގެންނެވެ. ނާޒިމާވެސް އެދިމާއަށް ބަލައިލިއެވެ. އެވަގުތު ނާޒިމާ ލޮލަށް ފެނުނު މަންޒަރު ގަބޫލު ކުރަން ދަތިވިއެވެ. އެހެންކަމުން އެއް އަތުން ލޯފުހެލުމަށްފަހު ޔަގީންކޮށްލުމުގެ ގޮތުން އަނެއްކާވެސް ބަލައިލިއެވެ. ދެފަހަރު ކީއްކުރަންހެއްޔެވެ؟ އެއަށްވުރެ ގިނަ ފަހަރު ބެލި ނަމަވެސް ހަގީގަތެއް ހަގީގަތަކަށް ނުވާނެ ގޮތެއް ނޯންނާނެއެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އާސިމްއެވެ. އޭނާގެ ކައިރީގައި އިތުރު އަންހެން ކުއްޖަކުވެސް ހުއްޓެވެ. އެދެމީހުން ތިބިލެއް ކައިރިކަމާއެކު ތިބިގޮތް ފެނުމުން އެދެމީހުންގެ މެދުގައި އޮތީ ކޮންކަހަލަ ގުޅުމެއްކަން ފެންނަ ކޮންމެ މީހަކަށްވެސް ތަސައްވަރު ކުރެވޭނެއެވެ. ނާޒިމާގެ ލޮލުން ކަރުނައައެވެ. ގިސްލެވުނެވެ.

އާސިމްއާ އޭނާއާ ބައްދަލުވީ ޖެހިގެން އައިރޭގައެވެ. ނާޒިމާ ދެރަވެހުރެ އެވާހަކަތައް އާސިމަށް ކިޔައިދިނެވެ. އަދި އެފަދަގޮތްގޮތަށް ނޫޅުމަށް އެދުނެވެ. ނަމަވެސް ނާޒިމާގެ މިވާހަކަތަކުގެ ސަބަބުން އޭނާއަށް ލިބުނީ އިތުރު ހިތްދަތިކަމެވެ. އާސިމް އެވާހަކަތަކާ އެއްބަހެއް ނުވިއެވެ. އޭނާ ބުނީ އެއީ ނާޒިމާއަށް ހީވިގޮތް ކަމަށެވެ. ނާޒިމާގެ އަމިއްލަ ލޮލުން އޭނާދުށް މަންޒަރުވެސް އެންމެ ފަހުން އޭނައަށް ޖެހުނީ ނުފެންނަކަމަށް ހަދާށެވެ.

ނަމަވެސް މިދުވަސްތައް ދިޔައީ ވަރަށް ބޮޑު ހަމަނުޖެހުންތައް ތެރޭގައެވެ. ނާޒިމާގެ ހިތަށް އާސިމްގެ މިއަމަލުގެ ސަބަބުން ފުން އަސަރުތަކެއް ކުރުވިއެވެ. އޭނާ ދުވަހަކުވެސް އުންމީދު ނުކުރާފަދަ ކަމެއް އާސިމްގެ ފުށުން ފެނުމުން ދިރިއުޅުމަށް ދެކެމުން އައި ހުވަފެންތައް ވިއްސިވިހާލިވިއެވެ. އޭނާގެ ހިތަށް ހަމަޖެހުމެއް ލިބުނީ އޭގެ ދުވަސްކޮޅެއްފަހުން އާސިމް އެކަމާ އެއްބަސްވުމުންނެވެ. އެއީ އަސްލުގަވެސް ރައްޓެހިވެގެން އުޅުނު ކުއްޖެއް ކަމަށާއި ދިމާވި މައްސަލަ ތަކެއްގައި މިހާރު އެކުއްޖާއާ ވަކިވި ވާހަކަވެސް އާސިމް ބުންޏެވެ. އަދި މީގެ ފަހުން އެފަދަ ގޮތަކަށް ނޫޅޭނެ ކަމަށް އެއްބަސްވުމުންނެވެ. އެހެން ކަމުން ނާޒިމާގެ ހިތަށް އާސިމްގެ މިވާހަކަތަކުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެންދިޔައެވެ. ނަމަވެސް ނާޒިމާ މިފަހަރު އާސިމްއާ އެކު އުޅެން އެއްބަސްވީ އެތައް އާދޭސްތަަކަކަށް ފަހުގައެވެ. ދުވަހަކުވެސް ދެން އެފަދަ ގޮތަކަށް ނޫޅޭނެ ކަމަށް ބުނެ އެތައް ވައުދު ތަކެއް ވުމުންނެވެ.

ނާޒިމާ ގަސްދުކުރީ އޭނާ އާސިމްދެކެ ވާލޯބީގެ ހައްގުގައި އިތުރަށް އެކުގައި އުޅުމަށެވެ. މިހެން އުޅުނު ދުވަސްތަކުގެ ތެރެއިން ދުވަހެކެވެ. އާސިމް ނާޒިމާގެ ކިބައިން ކަމަކަށް އެދުނެވެ. އެއީ އޭނާއަށް ލަވައެއް ކުޅުމުގެ ފުރުސަތު ލިބިފައިވާތީ އެކަން ކުރުމުގެ ހުއްދައަށެވެ. އަދި އެކަން ކުރަން ބޭނުންވާ ވާހަކަ ވަރަށް ސާފުކޮށް އޭނާ ނާޒިމާ ގާތުގައި ބުންޏެވެ. ނާޒިމާއަކަށް އެކަމަކަށް އެއްބަހެއް ނުވެވުނެވެ.

ލަވަކުޅުމާއި އެކްޓުކުރުމާއި މިފަދަ ކަންކަމަކީ ނާޒިމާ އެހާ ގަޔާވާ ކަންތައްތަކެއް ނޫނެވެ. އެފަދަ ކަންތައްތަކަށް އޭނާ ނަފްރަތު ކުރެއެވެ. އެހެން ކަމުން އަމުދުން ހިތާއި ފުރާނައިން އޭނާ ލޯބިވާ އޭނާގެ އާސިމް މިފަދަ ކަމެއް ކުރުމަށް ހިތްހަމަޖެހުމާއެކު އެއްބަސް ވެވޭނީ ކިހިނެއްހެއްޔެވެ؟

ނާޒިމާގެ ރުހުމާ ދެކޮޅަށްނަމަވެސް އާސިމް އެލަވަ ކުޅުނެވެ. އަދި މިލަވަ ވެގެން ދިޔައީ އާންމުންގެ ތަރުހީބުވެސް ވަރަށް ބޮޑަށް ލިބުނު ލަވަަކަށެވެ. ނަމަވެސް ނާޒިމާއަށް މިކަމުގެ ސަބަބުން އެތައް ހިތްދަތިކަމާއި ހިތާމައެއް ލިބިގެންދިޔައެވެ. އޭގެ ތެރެއިން އެންމެ ބޮޑަށް އޭނާއަށް އެކަނިވެރިކަމާއި ވޭން ލިއްބައިދިން ކަމަކީ އެލަވަ ކުޅުމަށްފަހު އާސިމް އޭނާއާއެކު ބޭރު ތެރެއަށް ދާން އިންކާރުކޮށް އުޒުރުވެރި ވަމުންދާކަން ފާހަގަކުރެވުމުންނެވެ. ބޭރަށް ދާވާހަކަ ދައްކައިފިނަމަ ކޮންމެވެސް ބަހަނާއެއް ދައްކާނެއެވެ. އެ ވަރުންވެސް ނާޒިމާ ހިތްވަރުކުރިއެވެ. އެކުގައި އުޅެވޭތޯއެވެ. ދެމެދުގައި އުފެދޭ ހިޔާލު ތަފާތުވުންތަކާއި ހަމަނުޖެހުންތައް ހައްލުކުރުމާވެސް އެކުގައެވެ.

ލަވަކުޅުމަށްފަހު ދުވަސްކޮޅެއް މިފަދަ ގޮތަކަށް ދިއުމަށްފަހު، އާސިމް އަނެއްކާވެސް އެފަދަކަމަކަށް ނާޒިމާގެ ފުށުން އެދުނެވެ. އެއީ ބޭރު ގައުމަކަށް ފިލްމެއް ކުޅުމަށް ދިޔުމަށެވެ. މިފަހަރު ނާޒިމާ ވަކިން ދެރަވިއެވެ. ސަބަބަކީ އާސިމް މިފަހަރު އޭނާގެ ލޯމަތިން ދުރަށް ދިޔުމުގެ އިތުރުން ގައުމުންވެސް ދުރަށް ދާތީއެވެ. އަދި އޭނާ ކުރިން ވެފައިވާ ވައުދުވެސް އުވާލީތީއެވެ. މިފަހަރު އާސިމްގެ ހާލު ބަލައިލެވޭނެ ގޮތެއްވެސް ނާޒިމާއަކަށް ނޯންނާނެއެވެ. ނަމަވެސް އާސިމް ތަކުރާރުކޮށް ގުޅާނެ ވާހަކައާއި އަބަދުވެސް ހަނދާން ކުރާނެ ވާހަކަ ބުނުމުން ނާޒިމާ އާސިމްގެ އެބަހަށް އިތުބާރުކޮށް ހިތްހަމަޖައްސާލިއެވެ.

ކަންތައްވީ އާސިމް ބުނި ބުނުންތަކާއި ވީ ވައުދުތަކާ މުޅިން ހިލާފަށެވެ. ބޭރުގައިވި ދުވަސްތަކުގައި އެންމެ ދުވަހަކުވެސް އާސިމް އަކަށް ނާޒިމާއަށް ގުޅައެއް ނުލެވުނެވެ. ނާޒިމާ އޭނާގެ ދުވަސްތައް ގުނަން ޖެހުނީ ހިތްދަތިކަމާއި އެކަނިވެރި ކަމާއެކުގައެވެ. އާސިމް މާލެ އައުމުންވެސް ލިބުނު އުފަލަށްވުރެ ބޮޑަށް ނާޒިމާއަށް ލިބުނީ ހިތާމައެވެ. މާލެ އައުމާއެކު އެ ފިލްމުގައި ބައިވެރިވި އަންހެނުން ކުއްޖަކާ އާސިމް ލޯބީގެ ގުޅުންތަކެއް ހިންގި ވާހަކަ މުޅި މާލެތެރެއަށް ފެތުރިގެން ދިޔައެވެ. އަދި އާސިމަށް ކުރިން ބައްދަލުކުރާ ވަރަށްވެސް ނާޒިމާއާ ބައްދަލު ކުރެވޭ ގޮތެއް ނުވެއެވެ. އެއީ އޭނާގެ މަޝްހޫރުކަމުގެ ސަބަބުން އައި ބަދަލެއް ކަމުގައި ނާޒިމާއަށް ގަބޫލުކުރެވުނެވެ.

އާސިމް ނާޒިމާއަށް ބައްދަލުކުރި ދުވަހު ނާޒިމާ ވަރަށް ހިތްހަމަނުޖެހުމާއެކު މިހުރިހާ ވާހަކަތައް އާސިމަށް ކިޔައިދިނެވެ. އެދުވަހު އާސިމް ގަސްދުކުރީ މުޅިން އެހެން ގޮތެކެވެ. އާސިމް ބުނީ ނާޒިމާ މިދުވަސްކޮޅު މާ ފިކުރު ބޮޑުވެފައި ހުންނަނީ ކަމަށާއި އޭނާވެސް މިދުވަސްކޮޅު މާބުރަކަމަށެވެ. އެހެން ކަމުން ދެމީހުން ބައްދަލުނުކޮށް ދުވަސްކޮޅެއް ހޭދަކޮށްލުން ރަނގަޅުވާނެ ކަމަށް އޭނާ ލަފާދިނެވެެ. ނާޒިމާ އެގޮތަށް އެއްބަސްވީ އެއީ މާ މޮޅު ގޮތަކަށްވެގެން ނޫނެވެ. އޭނާ މިހާރު ހަގީގަތުގައިވެސް އާސިމްއާއެކު އުޅެން ބޭނުން ނުވާތީއެވެ. އުޅެން ކިތަންމެ މަސައްކަތެއް ކުރިޔަސް އަދި ކިތަންމެ ލޯތްބެއް ވިޔަސް އާސިމްއާއެކު ނުއުޅެވޭނެ ކަމަށް އޭނާއަށް ގަބޫލުކުރެވެއެވެ.

އޭގެ ފަހުން އެއްރެއެއްގެ ރޭގަނޑެވެ. ނާޒިމާގެ ރަހްމަތްތެރިއަކު ނާޒިމާއަށް ހަބަރެއްދިނެވެ. އެއީ ހަގީގަތުގައިވެސް ނާޒިމާ ވަރަށް ދެރަވި ހަބަރެކެވެ. ނަމަވެސް ކީއްވެކަމެއް ނޭނގެއެވެ. އޭނާއަކަށް އެހާބޮޑަށް ދެރައެއް ނުވެވުނެވެ. ހިތްދައްޗެއްވެސް ނުވެވުނެވެ.

ހަބަރަކީ އާސިމް ކައިވެނިކުރި ހަބަރެވެ. އެއީ ތެދު ހަބަރެކެވެ.

ނާޒިމާގެ ހިތަށް މިހާރު އަރަނީ އެހެން ވާހަކައެކެވެ. އާސިމް މިހާރު އޭނާއަށް އެގުޅަނީ ކީއްވެބާއެވެ؟ ވަރަށް ލޯބިވެޔޭ ކިޔާފަ އެދައްކަނީ ކޮންހާ ވާހަކަތަކެއްހެއްޔެވެ؟ އެއީ މިހާރު މީހެއްގެ ފިރިއެކެވެ. އެހެން ނޫނަސް އޭނާ ކަންތައްކުރީ ވަރަށް އިހާނެތިކޮށެވެ. އެއްވެސް ހަމްދަރްދީއެއް، ލޯތްބެއް ކުލުނެއް ނެތް އިންސާނެއް ފަދައިންނެވެ. މިއަދު މިއޮތީ ވަގުތު ފާއިތުވެފަ އެވެ. ކުރެވޭނެ އިތުބާރެއް ނެތެވެ.