ޚަބަރު

މަޖިލިސް އިންތިހާބާގުޅޭ ރިޝްވަތުގެ 16 މައްސަލައެއް އޭސީސީން ތަހުގީގުކޮށްފި

މަރިޔަމް ޝަހުދާ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ރިޝްވަތުގެ 16 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން ތަހުގީގުކޮށް ނިންމައިފިއެވެ.

އޭސީސީން ބުނީ، އެ ކޮމިޝަނުން ތަހުގީގު ކޮށްފައިވަނީ، ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން، ކޮމިޝަނުން އިސްނަގައިގެންނާއި އެކި ފަރާތްތަކުން ހުށަހެޅި މައްސަލަތަކެއް ކަމަށެވެ.

އެގޮތުން މަޖިލިސް އިންތިހާބާ ގުޅުންހުރި ކޮރަޕްޝަންގެ 22 މައްސަލައެއް ބަލާފައިވާކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މި 22 މައްސަލައިގެ ތެރެއިން 10 މައްސަލައަކީ އެ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށި މައްސަލަތަކެއްކަމަށާއި އަނެއް 12 މައްސަލައަކީ އެކި ފަރާތްތަކުން ހުށަހެޅި ޝަކުވާތަކާއި ގުޅިގެން ބަލަން ފެށި މައްސަލަތައް ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މިހާތަނަށް މަޖިލީހުގެ އިންތިހާބާއި ގުޅޭގޮތުން އޭސީސީއިން އެއްކޮށް ތަހުގީގުކޮށް ނިންމާފައިވާ 16 މައްސަލައިގެ ތެރެއިން ދައުވާކުރެވޭވަރަށް ހެކި ލިިބިފައިވާ މައްސަލަތަކުގައި ދައުވާ ކުރުމަށް ޕީޖީއާ ގުޅިގެން ޕްރޮސެކިއުޝަން މަރުހަލާ ކުރިއަށް ގެންދާކަމަށް އޭސީސީން ބުނެފައިވެއެވެ.

އޭސީސީން ބުނެފައިވަނީ، 4 މައްސަލައެއްގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ ކުރިއަށްދާ ކަމަށެވެ. އަދި މަޖިލީހުގެ އިންތިހާބާ ގުޅޭ އިތުރު 6 މައްސަލައެއް ކޮމިޝަނުން ބަލަމުން އަންނަ ކަމަށް އޭސީސީއިން ބުނެފައިވެއެވެ.