މީހުން

ހަފްޒާ އަލީ: ރޭޑިއޯ ދާއިރާއާ އޮތް ގުޅުމާ ވަކިވުމެއް ނެތް

އަލީ އިހްސާން

އޭނާގެ އަޑަކީ، ދިވެހިންގެ ގިނަ ބަޔަކު ދަންނަ އަޑެކެވެ. ރޭޑިއޯ ޑްރާމާތަކުން މީހުންގެ އިހްސާސްތަކާ ކުޅެލި ރޭޑިއޯ ޝަހްސިއްޔަތެކެވެ. ދިވެހިރާއްޖޭގެ ހަޔާތުގައި ވަރަށް މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެއީ ރޭޑިއޯ އަޑު އަހާ ފަރާތްތަކާއި ރައްޓެހި އަޑެކެވެ. އޭނާއަކީ، 1970ގެ އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ޕިންފޮންގެ ޗެންޕިއަންއެވެ. ފަރިތަކަމާއެކު ސާދާ އިބާރާތްތަކުން ފަސޭހަކަމާއެކު ޅެން ހެއްދެވި ބޭފުޅެކެވެ. މީޑިއާގެ ދާއިރާގެ ވަރަށް ގިނަ ފަރާތްތަކެއް ތަމްރީނުކޮށްދެއްވި މުދައްރިސެކެވެ. ހަފްޒާ އަލީ ފެނުމުން މިއަދުގެ ޒުވާނުންނަށް އެއީ ކާކުކަން ނޭނގުނު ނަމަވެސް، ހަފްޒައްތަގެ އަޑު އިވުމުން ގިނަ ދިވެހިންނަށް އެނގޭނެއެވެ.

ހަފްޒާ އަލީގެ ތައުލީމީ ހަޔާތް ނިންމާލެއްވުމަށްފަހު، ކާތިބާއަކަށްވާން ބޭނުން ނުވާތީ ދިވެހިރާއްޖޭގެ އަޑުން އޭރު އިއުލާންކޮށްފައިވާ އެނައުންސަރު ވަޒީފާއަށް ކުރިމަތިލެއްވިއެވެ.

"ލިބުނު ފުރުސަތެއްގައި އޭރު ކުރިމަތިލީ އެނައުންސަރަކަށް. އޭގެ ކުރިން ފެނޭ ޒަކިއްޔާ ހަސަން އެއީ އޭރު ރޭޑިއޯގެ އެނައުންސަރެއް، ވަރަށް ބާރުބާރަށް ދުރުވާނެ ސާޅިއަ ޅުއްވައިގެން. ދެން ވަރަށް ބަލަން އެއްގޯޅިން އޭނަ ނައްޓާލާއިރަށް ބޯޅަދަނޑުގެ އަނެއް ގޯޅިން ބަލާލަން އޭނަ ދުރުވާތަން. ދެން އިރުކޮޅަކުން ރޭޑިއޯ ހުޅުވާލާއިރަށް އިވޭނެ އޭނަގެ އަޑު. އޭރު ރޭޑިއޯ ދާއިރާއަކަށް އެހާ ޝައުގުވެރިކަމެއް ނުހުރޭ އެކަމަކު އޭނަގެ އަޑު އަހަން ވަރަށް ޝައުގުވެރިކަން ހުރޭ. އެކަމަށް ކުރިމަތިލައިގެން ފުރަތަމަ ފަހަރު ޓެސްޓަކުން ފާހެއް ނުވި. ދެން ހިތަށްއެރި އަނެއްކާވެސް މަސައްކަތްކޮށްލާނީއޭ. ދެވަނަ ފަހަރު ކުރިމަތިލައިގެން ވަޒީފާ ލިބުނީ."

އޭރުގެ ރޭޑިއޯ މޯލްޑިވްސްގައި މިހާރު ދިވެހިރާއްޖޭގެއަޑުން ފޮނުވާ ކަހަލަ ޕޮރްގުރާމްތަކެއް ނުފޮނުވައެވެ. އޭރު ފޮނުވަމުން ގެންދިޔައީ ދިވެހި ޚަބަރާއި އިނގިރޭސި ހަބަރާއި ލަވައެވެ. ލަވަ ފެށުމުގެ ކުރިން އެނައުންސްމެންޓާއެކު އިނގިރޭސި، ދިވެހި، ހިންދީ، ސިންގަޅަ ލަވަ އެވެ. އޭގެ އިތުރުން އެގަޑިތަކުގައި އޭޓީއޭގެ ފިހާރަތަކުން ލިބެން ހުންނަ މުދަލާ އަގާއި އިޝްތިހާރުތައް ކިޔައެވެ. 1976 ވަނަ އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ އަޑުގެ ވަޒީފާއާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ ހަފްޒާ މަސައްކަތްކުރެއްވީ ދަސްކުރާ އެނައުންސަރެއްގެ ގޮތުގައެވެ.

"އެނައުންސަރު ވާހަކަދައްކަމުން ގެންދާއިރު ކައިރީގައި ހުންނަ ގޮނޑިއެއްގައި ބައިންދާފަ އިންނަނީ. ދެން އެމީހުން ބުނާނެ ފެހިބޮކި ދިއްލުނީމަ ވާހަކަ ދައްކަންވީއޭ، ރަތް ދިއްލުނީމަ މަޑުންނޭ އިންނާނީ ހުރިހާބޮކި ނިވާލީމަ އެވީ ތައްޔާރުވާށޭ. އެގޮތަށް ގާތްގަނޑަކަށް ދެމަހެއްހާ ދުވަސްވަންދެން މަސައްކަތްކުރިން އެނައުންސަރަކާ އެކީ. އެނައުންސަރުންގެ ތެރޭގައި ތިއްބަވާ ބޭފުޅުން ބުނެދެއްވާނެ މިހެން މިހެނޭ ހަދަންވާނީ. ހަބަރު ކިޔާނެ ގޮތުގެ ވައްޓަފާޅި އޭރުގެ އެންމެ އިސް އެނައުންސަރު ޒުހައިރާ ބުނެދެއްވި."

1970ގެ ކުރީކޮޅު ދިވެހިރާއްޖޭގެ އަޑުން ހަމައެކަނި ލަވަ ފޮރްގުރާމަތަކެއް ގެނެސްދިން ނަމަވެސް، 1980 ގެ އަހަރުތަކުގައި ތަފާތު ވައްތަރުގެ ފޮރްގުރާމަތައް އުފައްދައިގެން ގެނެސްދޭން ފެށިއެވެ. އަޑުގެ ޕްރްގުރާމަތައް ތަރައްގީކުރުމުގެ ގޮތުން ޔުނެސްކޯގެ އެހީގައި ސަރުކާރުން ކުރިއަށް ގެންދިޔަ ތަމްރީނުތަކަށްފަހު ޕޮރްގުރާމުތައް އުފެއްދުމުގެ މަސައްކަތް ފެށިއެވެ. މިތަމްރީނުތަކަށް ފަހު، ތަފާތު މައުލޫތަކަށް ޕޮރްގުރާމަތައް އުފައްދައި ހުށައެޅުމަށް އޭރުގެ ޕްރޮޑިއުސަރުންނާ ހަވާލު ކުރިއެވެ. ޕޮރްގުރާމްތައް އުފައްދަން ފެށި ދުވަސްވަރު ކީރިތި ރަސޫލާގެ ސީރަތުވެސް ރެކޯޑުކޮށްގެން ގެނެސްދިނުމަށް ހަމަޖެހުނެވެ. ސިޔަރަތު ރެކޯޑުކޮށްގެން ފޮނުވުމުގެ ކުރިން ސީރަތު ފޮނުވަމުން ދިޔައީ ސްޓޫޑިއޯގައި އިނދެގެން ވަގުތުން ކިޔައިގެންނެވެ.

ސީރަތު ކިޔުއްވާނެ ބޭފުޅަކަށް ހަމަޖެއްސެވީ ހ. ހާޖަރާގޭ މުހައްމަދު ތައުފީގެވެ. 1983ގައި އެންމެ ފުރަތަމަ ރެކޯޑު ކުރި އިރުވެސް، އަދި އޭގެ 11 އަހަރު ފަހުން 1994 ވަނަ އަހަރު ސީރަތު ރެކޯޑު ކުރި އިރުވެސް އެ މަސައްކަތް ކުރުމަށް ހަވާލު ކުރައްވާފަވަނީ ހަފްޒާއާއެވެ.

"އޭރަކު އަޅުގަނޑަކަށް އެކަމުގެ މުހިންމުކަމާއި، ފަހުން މިހާ ދިގުދެމިގެން ދާނެ ރަނގަޅު މަސައްކަތެއްގެ ގޮތުގައި ފެންނާނެކަމެއް އޭރަކު ހިޔާލުކުރެވިފައެއް ނެތް. އުއްމީދެއްވެސް ނުކުރަން. ތައުފީގޭ ސީރަތު ކިޔުއްވާނީ، އޭނަޔާ ގުޅިގެން ކުރިއަށް ގެންދާށޭ އެންގެވީމަ މަސައްކަތްފެށީ. ޒަމާން ދައުރުވަމުންދާ ވަރަކަށް އެމަސައްކަތުގައި އުޅެވުނީތީ ލިބޭ އުފާ ވަކިން ބޮޑު."

ސީރަތު ރިކޯޑު ކުރެއްވުމުގެ މަސައްކަތުގެ ތެރޭގައި، ތައުފީގު އަރިހުން ދަސްވި ކަންތައްތަކުގެ ތެރެއިން އަކުރު ކިޔާނެ ރަނގަޅު ގޮތާއި، ހުއްޓަން ޖެހޭނެ ތަންތަން ދަސްވިކަން އެއީ ލިބުނު ފިލާވަޅެއްގެ ގޮތުގައި ހަފްޒާ ފާހަގަކުރައްވައެވެ.

ހަފްޒާއަކީ ރޭޑިއޯގައި ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ވަރަށް ކުރާ ހިތުން ފަރުވާތެރިކަމާއެކު ކުރެއްވި މުވައްޒަފެކެވެ. ހަފްޒާ އެންމެ ކުރާ ހިތްވާ ކަމަކީ ހަބަރު ކިޔުމެވެ. ޕޮރޮގްރާމް އުފެއްދުމާއި ހުށައެޅުމުގެ ދާއިރާގައި ގާތްގަނޑަކަށް 34 އަހަރު ހަފްޒާވަނީ ހޭދަކުރައްވާފައެވެ. ރޭޑިއޯ ޕޮރްގުރާމްތަކުގައި ހަފްޒާއަކީ، މާޔޫސްވެފައިވާ ހިތްތަކަށް އުފާވެރިކަން ގެނެސްދީ، ޑްރާމާތަކުން އެހުންތެރިންގެ އިހްސާސްތަކާ ކުޅެލި ކުޅަދާނަ އާޓިސްޓެކެވެ. މިގޮތުން ސައިކުރާ އިބްރާހީމް ނައީމު ލިޔުއްވާފައިވާ މަންމަ ވާހަކަައާއި ނެގިގާގަނޑު ފަދަ ޑްރާމާތައް އޭގެ ފޮނިކަމާއި، ލޮނުހެޔޮވަރު ކޮށްދީފައިވަނީ ހަފްޒާގެ ބައިވެރިވެލެއްވުމާއެކުގައެވެ. އަޑުގެ ދާއިރާގައި މަސައްކަތް ކުރެއްވިއިރު އެކި ދާއިރާތަކުން ރާއްޖޭގައި ފާހަގަކުރެވޭ ފުންނާބު އުސް ބޭފުޅުންނާއެކު ހަފްޒާވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ދިވެހި ބަހުގެ އުސްތާޒު އަބްދު ﷲ ސޯދިގު އާ އެކު ކުރެވުނު މަސައްކަތް ހާއްސަ ގޮތެއްގައި ހަފްޒާ ފާހަގަ ކުރައްވައެވެ.

ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތްކުރެއްވި އިރު، ހަފްޒާވަނީ، ގިނަ ކާމިޔާބީ ތަކެއް ވެސް ހޯއްދަވާފައެވެ. އެގޮތުން، 1984 ވަނަ އަހަރުގެ އެންމެ މޮޅު އުފެއްދުންތެރިޔާކަމާއި، 1987 ވަނަ އަހަރު ހުރިހާ ރޮނގަކުން އެންމެ ރަނގަޅު ބްރޯޑްކާސްޓަރުކަމާއި، 1988 ވަނަ އަހަރުގެ އެންމެ މަގްބޫލު އާޓިސްޓުކަން ވަނީ ހޯދައިފައެވެ.

ހަފްޒާ ކުޅެފައިވާ ބައެއް ޑްރާމާތަކާއި ހުށައަޅާފައިވާ ބައެއް ޕޮރްގުރާމްތައް ---

އާންމުންގެ ތެރޭގައި ހަފްޒާ ރޭޑިއޯ ޝަހްސިއްޔަތެއްގެ ގޮތުގައި މަޝްހޫރުވެފައިވިޔަސް ޅެންވެރިކަމުގެ ދާއިރާގައިވެސް ހަފްޒާވަނީ ފާހަގަ ކުރެވިގެން ގޮސްފައެވެ. ދެހާހުގެ އަހަރުތަކުގައި ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސްއިން އާންމުވި "ލޯބިވާށޭ ލޯބިދޭށޭ...." މި ހިތްގައިމު ލަވައިގެ ޅެން ހައްދަވާފައިވަނީ ހަފްޒާއެވެ.

"ޔުނިސެފްގެ ތަޖްރިބާކާރު ވިދާޅުވީ ތީމު ލަވައެއް އޮންނަ ޖެހޭނެއޭ، ކޮންމެ ބޭފުޅަކުވެސް އެކަމަށް ވިސްނަވާލައްޗޭ. އެދުވަހު ފިލާވަޅު ދެމުންގެންދިޔަ މުހިންމު މައުލޫމާތުތައް ގަނޑެއްގައި ނޯޓުކުރަމުން ގެންދިޔައީ. ކޮންމެ އަތޮޅަކުން ކޮންމެ ރަށަކުން އައި ނަމަވެސް އެކުދިންނަށް ލިބެންޖެހޭ ލޯތްބާއި އަޅައިލުން ދޭން ޖެހޭނެކަން އެއީ ކުއްޖާ ކަޅުވިޔަސް ކުއްޖާ ދޮންވިޔަސް. ދެން އަޅުގަނޑުގެ ހިތަށް އައި ޝުއޫރުތަކެއްގެ މައްޗަށް ބިނާކޮށް ޅެމެއް އެކުލަވާލީ. ވަކި ހާއްސަކޮށް އަޅުގަނޑާ ހަވާލުކުރެއްވީމަ ހެދީކީ ނޫން."

ލޯބިވާށޭ ލޯބިދޭށޭ ލަވަ: ލަވައިގެ ޅެން ހައްދަވާފައިވަނީ ހަފްޒާ އަލީ ---

މީގެ އިތުރުވެސް ދިވެހިންގެ ތެރޭގައި މަޝްހޫރުވި އިޖްތިމާއީ ލަވަތަކާއި ލޯބީގެ ލަވަތައްވެސް އެދުވަސްވަރު ހަފްޒާވަނީ ހައްދަވާފައެވެ. "ރޯޅި ޖެހިލާގޮތުން ތަރިތައް ވިދާލާގޮތުން" ފަދަ ލޯބީގެ ބައެއް ލަވަތަކަކީ މީގެ މިސާލެކެވެ.

"މަދުމަދުން އެދުވަސްވަރު.. އެކަމެއްދާއިރާގައި އުޅޭއިރު އެކަހަލަ ކަންތައް ކުރިއަށްދާނީ. މިހާރަކު ނަހަދަން އެހެން. އަޅުގަނޑަކީ ސީދާ ލަވަ ހަދާ މީހެއްނޫން."

ދިވެހިރާއްޖޭގެ ރޭޑިއޯ ދާއިރާގައި މިއަދު ފެންނަ ގިނަ މީހުންނަކީ ހަފްޒާގެ ދަރިވަރުންނެވެ. ހަފްޒާ އަޑުގައި އުޅުއްވިއިރު އަޑަށް ވަން ގިނަ ކުދިން ރޭޑިއޯ ދާއިރާއަށް އަހުލުވެރިކުރުވައި ތަމްރީނު ދެއްވުމުގައި އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއްބޭފުޅަކީ ހަފްޒާ އެވެ. މީގެ އިތުރުން މިހާރުވެސް، ރާއްޖޭގެ އަމިއްލަ ޓީވީތަކާއި އަމިއްލަ ރޭޑިއޯ ޗެނަލްތަކުގައި ޕްރެޒެންޓަރުންނާއި ޕްރޮޑިއުސަރުން ތަމްރީނު ކުރުމުގައިވެސް މުހިންމު ދައުރެއް ހަފްޒާ އަދާކުރައްވަމުން ގެންދަވައެވެ.

ދިވެހިރާއްޖޭގެ އަޑުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރެއްވި މަޝްހޫރު ޕްރެޒެންޓަރު ނުޒުހަތު ޝަމީމް، ހަފްޒާ އަލީ ސިފަކުރަނީ އަލަށް ގުޅުނު ކުދިންނަށް އެދާއިރާއިން ކުރިއަށް ދިޔުމަށް ހިތްވަރުދެއްވާ، އެހީތެރިވެދެއްވި ބޭފުޅެއްގެ ގޮތުގައެވެ.

"ހަފްޒާއަކީ، އަޅުގަނޑުމެންނަށް ހަފްޒާއްތަ. ވެރިއަކަސް ހުރިހާ މުވައްޒަފުންނަށް ވެސް ވަރަށް ގާތްކަމެއް ބެހެއްޓެވި. މަސައްކަތުގެ މާހައުލުގައި އެކުވެރިކަމާއި އެކު ޓީމެއް ގޮތުގައި މަސައްކަތް ކުރެއްވުމަށް ހިތްވަރުދެއްވާ އެ މަގަށް އަޅުގަނޑުމެންނަށް މަގު ދެއްކެވި. އެއީ އަޅުގަނޑުމެންނަށް ވެރިއެއް، މުދައްރިސެއް، އެކުވެރިއެއް، އަދި ދައްތައެއްވެސްމެ. މަސައްކަތް ހަވާލު ކުރެއްވުމުން އަޅުގަނޑުމެންނަށް ނުވެގެން ދާތަނެއްގައި ކުށްވެރި ކުރުމުގެ ބަދަލުގައި ބައްލަވާނީ ހިތްވަރު ދެއްވައިގެން އެހީތެރިވެވަޑައިގެން ވިޔަސް މަސައްކަތް ފުރިހަމަ ކުރެވޭތޯ. އެއްޗެތި ކިޔުއްވައިގެން ވަގުތު ނަންގަވައެއް ނުލައްވާނެ. ހަފްޒާއްތަގެ ދަރިވަރަކަށް ވެވުނުކަން އެއީ ރޭޑިއޯގެ ދާއިރާގައި އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ނަސީބު"

"ހަފްޒާއްތައަކީ ބްރޯޑްކާސްޓިންގެ ދާއިރާއިން މީހުން ބިނާކުރުމަށް މަސައްކަތްކުރެއްވި ޔުނިވާސިޓިއެއްފަދަ ޝަހްސިއްޔަތެއް. ދިވެހިރާއްޖޭގެ އަޑުގައި މަސައްކަތް ކުރަން އަޅުގަނޑަށް ދަސްކޮށްދިނީ ހަފްޒާއްތަ. އެނައުންސް ކުރާއިރު އަކުރުތައް ކިޔަންވީގޮތާއި ޕްރެޒެންޓް ކުރަން އިށީންދެ އިންނާނެގޮތާއި، މީހުންނާ ވާހަކަ ދައްކާނެގޮތާއި، ސްޓޫޑިއޯ ތެރޭގައި އުޅެންޖެހޭ ގޮތާއި، ކުޑަމިނުން ސްޓޫޑިއޯ ބޭރުގައި ފައިވާން ބަހައްޓާނެ ގޮތްވެސް ހަފްޒާއްތަ ބުނެދެއްވި. ރޭޑިއޯގައި އަޅުގަނޑުގެ އެދުރަކީވެސް އަދި އެންމެ ކަމުދާ ޝަހްސިއްޔަތަކީވެސް ހަފްޒާއްތަ. ހަފްޒާއްތަގެ އެންމެ ހާއްސަ ސިފަޔަކީ ކަންކަން ބުނެދެއްވާ ގޮތް. ހަނދާނުގައި ހަރުލާހުންނާނެ ގޮތަށް ކަންކަން ބުނެދެއްވާނީ." ހަފްޒާއަލީގެ ދަރިވަރެއްކަމަށްވާ ދިވެހިރާއްޖޭގެ އަޑުގެ ޕްރެޒެންޓަރު އަލީ ރާޒީ "ވަންއޮންލައިން"އަށް ވިދާޅުވިއެވެ.

ރޭޑިއޯގެ މަސައްކަތުގެ އިތުރުން ހަފްޒާއަކީ ކުޅިވަރުގެ މައިދާނުގައި ވިދަމުން އައި ޝަހްސިއްޔަތެކެވެ. މިގޮތުން 1976 ވަނަ އަހަރު ބޭއްވުނު 19 ވަނަ ޓީޓީ މުބާރާތުގެ އަންހެން ސިންގަލްސްއިން 1 ވަނަ އާއި، އެމުބާރާތުން އަންހެން ޑަބަލްއިން 1ވަނައާއި، އެމުބާރާތުގެ މިކްސްޑް ޑަބަލްއިން 1 ވަނަ ހަފްޒާވަނީ ހޯއްދަވައިފައެވެ. މީގެ އިތުރުން 1980 ވަނަ އަހަރު ބޭއްވި 23 ވަނަ ޓޭބަލްޓެނިސް މުބާރާތުގައި ބައިވެރިވި އަންހެން ސިންގަލަސްއިން 1 ވަނަ ހަފްޒާވަނީ ހޯއްދަވައިފައެވެ.

ހަފްޒާވަނީ 1977 ވަނަ އަހަރު މަޖީދިއްޔާ ސްކޫލުގެ ގޯލްޑެން ޖުބްލީ ކުއީންގެ މަގާމުވެސް ހޯއްދަވައިފައެވެ.

އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވި ބޮޑުތަކުފާނު ވާހަކަގެ މައްޗަށް ބިނާކޮށް ކުޅެވުނު ފިލުމުގައިވެސް ހަފްޒާ ވަނީ މުހިންމު ރޯލެއް އަދާ ކުރައްވާފައެވެ. ދިވެހިރާއްޖޭގެ އަޑުގައި އޭރު މަސައްކަތްކުރެއްވި ގިނަ މުއައްޒަފުންތަކެއް ފެނިގެންދިޔަ މިފިލްމުގައި ހަފްޒާ އަދާކުރައްވާފައިވަނީ ސިއްތިމާވަރަނިކިލޭގެފާނުގެ ރޯލެވެ. ހަފްޒާވަނީ ސިއްތިމާވަރަނިކިލޭގެފާނުގެ ރޯލު ވަރަށް ފުރިހަމައަށް އަދާ ކުރައްވައިފައެވެ.

ބޮޑުތަކުރުފާނުގެ ވާހަކައަށް ހަދާފައިވާ ފިލްމު: ހަފްޒާ އަދާކުރައްވާފައިވަނީ ސިއްތިމާވަރަނިކިލޭގެފާނުގެ ރޯލު

ދިވެހިރާއްޖޭގެ އަޑުން ވަކިވެވަޑައިގެންނެވުމަށްފަހު، ހަފްޒާގެ އަދިވެސް ހުންނެވީ ދިވެހިރާއްޖޭގެ ރޭޑިއޯގެ ދާއިރާއަށް ފޫހިކަމެއްނެތި ހިދުމަތް ކުރެއްވުމުގައެވެ. ހަފްޒާ މިހާރުވެސް ގެންދަނީ އަމިއްލަ ރޭޑިއޯތަކަށް އެއްވެސް އަގަކާނުލައި މަސައްކަތްކޮށްދެއްވަމުންނެވެ. ރޭޑިއޯތަކުގެ ޕޮރްގުރާމުތައް ހުށައަޅުއްވައިދެއްވައި، ރޭޑިއޯގެ ދާއިރާއަށް ކުދިން ތަމްރީނުކޮށް ދެއްވަމުންނެވެ. އަޅުގަނޑަށް ހަފްޒާއާ ކުރެވުނު އިންޓަވިއުވެސް ވެގެންދިޔައީ އިތުރު ކަންތައްތަކެއް ދަސްވުމަށް ލިބުނު ފިލާވަޅަކަށެވެ.