ވާހަކަ

ކުރުވާހަކަ: އަނދިރިރޭ...

މަރިޔަމް ޝަހުދާ

ބްރިޖުގެ އިތުރުން ކުރިމަތިން ހައިވޭއިންވެސް އިތުރު މީހަކު ފެންނަން ނެތުމުން ލައިޓަށް މަޑު ކުރުމެއްނެތި ނިޔާޝާ ސައިކަލު ދުއްވަމުން ދިޔައީ ވީހާވެސް އަވަހަކަށް ގެއަށް ދެވޭތޯއެވެ. އާންމުކޮށް ދަންވުމުގެ ކުރިން ގެއަށް ދިޔަނަމަވެސް މަސައްކަތުގެ ބުރަކަމުން މިރޭ ލަސްވުމުން ނިޔާޝާ ހުރީ އެކަމާ ހިތްހަމަނުޖެހިފައެވެ. އަދި އެހާ ދަންވަގުތެއްގައި އެކަނި ބްރިޖު ހުރަސްކޮށް ދާން ޖެހުމުން އޭނާ ޖެހިލުންވިއެވެ.

ދުއްވަން އިން ސައިކަލު ބުރެކި ޖައްސާލުމަށް ފަހު މަޑުކޮށްލީ ކުއްލިއަކަށް މަގުގެ ދެފަރާތުގައިވާ ހުރިހާ ލައިޓެއް އެއްފަހަރާ ކަހަލަގޮތަކަށް ނިވުމުންނެވެ. ފުން ނޭވައެއް ލަމުން ނިޔާޝާ ދެކޮޅު ހޯދާ ބަލާލީ އިތުރު މީހެއްގެ ހިލަމެއް ވޭތޯއެވެ. ނަމަވެސް އެއާޕޯޓު އަދި ރަންވޭގެ އިތުރުން މާލެކޮޅުންވެސް އަލިކަމެއް ނުފެނުމުން އޭނާގެ ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން މަޑުމަޑުން ބިރުވެރިކަމަށް ބަދަލުވާންފެށިއެވެ. ހިތަށް ވަންނަމުން ދިޔައީ އެކި މީހުން ކިޔައިދޭ ޖިންނި ވާހަކަތަކެވެ. ބްރިޖާއި ހައިވޭއިން ދަންވަރު އެކި އެއްޗެހި ފެންނަ ވާހަކަ ހަނދާންވުމުން ބިރުން ވިރިވިރި އިން ހާލުގައި ހިތަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުން ނިޔާޝާ ސައިކަލު ދުއްވާލީ ސައިކަލުގެ ކޮންޓްރޯލް ނުގެއްލި އޭނާއަށް ދުއްވޭނެ އެންމެ ބާރަށެވެ.

ސައިކަލުގެ ފަނޑު ހެޑްލައިޓްގެ އަލީގައި ދުއްވަމުން ގޮސް ހުޅުމާލެއަށް އެރުން އިރު މުޅި ހުޅުމާލޭގައިވެސް އެއްވެސް އަލިކަމެއް ނެތުމުން އޭނާ އިތުރަށް ހާސްވިއެވެ. ޕެޓްރޯލް ޝެޑުކައިރިއަށް ސައިކަލު މަޑުކޮށްލީ އެތާގައި މީހަކު އުޅޭނެކަމަށް އުއްމީދު ކޮށްފައެވެ. މަޑުމަޑުން ސައިކަލުން ފޭބުމަށްފަހު އޭނާ މަޑުމަޑުން ޕެޓްރޯލް ޝެޑުގެ ކައުންޓަރާ ދިމާއަށް ދިޔައެވެ. އާންމުކޮށް އަބަދުވެސް އެތާ އިންނަ ގާޑު މީހާ ފެނޭތޯއެވެ.

ކައުންޓަރާ ހަމަވުމަށްފަހު އަތުގައި އޮތް ފޯނުން އޭނާ އެދިމާއަށް އަލި އަޅުވާލިއެވެ. ނަމަވެސް މީހަކު ފެންނަން ނެތުމުން އަލުން އަނބުރާ އައިސް ސައިކަލަށް އެރިއެވެ. އެވަގުތު ނިޔާޝާއަށް މީހަކު އޭނާއާ ދިމާއަށް ބަލާކަމުގެ އިހުހާސެއްވިއެވެ. ބިރުން ވަށައިގެން ހޯދާ ބަލާލީ ފޯނުގެ އަލިކަމުގެ އެހީގައެވެ. މީހަކު ފެންނަން ނެތުމުން އޭނާގެ ހިތަށް އިތުރު ބިރުވެރިކަމެއް ވެރިވިއެވެ. އަވަހަށް ސައިކަލު ސްޓާޓްކޮށްލަމުން ދުއްވާލީ އަލިކަމެއް ފެންނަ ހިސާބަށް ދެވޭތޯއެވެ.

އަނދިރިކަމުން އާންމުކޮށް ހުޅުމާލޭގައި ދުއްވާއިރު މަގު ފާހަގަ ކުރަން ނިޔާޝާ ބަލާ އިމާރާތްތައް ވަކި ނުވުމުގެ ސަބަބުން އޭނާއަށް މަގު އޮޅިދާނެތީ ދުއްވީ މަގު ހުރި ގޮތަށެވެ. ޕާކު ކައިރިއަށް ދެވުމުން ސައިކަލު ޕާކުކޮށްފައި ހިނގާފައި ދިއުމުން އޭނާއަށް ހުރެވުނުތަން ގެއްލުމުގެ ފުރުސަތު ކުޑަވެދާނެއޭ ހިތައެވެ.

މަޑުމަޑުން ދުއްވާފައިގޮސް ޕާކު ކައިރިއަށް އޭނާ ސައިކަލު ހުއްޓަލީ ހިތްހަމަ ޖެހިގެނެވެ. ބާރަށް ހިނގާފައިގޮސްފި ނަމަ އެންމެ ގިނަވެގެން 15 މިނެޓުގެ ތެރޭ ގެއަށް ދެވޭނެއޭ ހިތަށް އަރުވާލަމުން ސައިކަލުން ފައިބައި އޭނާގެ ދަބަސް ކޮނޑުގައި އެޅުވިއެވެ. އަދި ހެލްމެޓް ސައިކަލު މަޑި ދަށަށް ލުމަށް ފަހު ފޯނުގެ އެހީގައި އަލި ކުރަމުން ހިނގައިގަތެވެ.

އެންމެ ކައިރީ ހުރި ފްލްޓެތަކުގެ އެތެރެ މަގަށް ނިޔާޝާ އެޅީ އެއީ ގެއަށް ދެވެން އޮތް އެންމެ ކައިރި މަގު ކަމަށް ވާތީއެވެ. އެހިސާބުން ހިނގުން މަޑުކޮށްލީ ކުރިއަށް ވުރެ އަނދިރިހެން ހީވުމުންނެވެ. ލަސް ފިޔަވަޅުތަކެއްގައި ހިނގަމުން ދިޔައިރު މަގު ކުރުކޮށްލެވުނު ނަމަވެސް އަނދިރިކަމުން، އެމަގަށް އެޅުމުން އޭނާ ބިރުގަތެވެ. ނަމަވެސް އަނބުރާ އައިކޮޅަށް ހިނގައްޖެނަމަ އިތުރަށް މަގު ދިގުވާނެތީ އޭނާ ކުރިއަށް ހިނގަމުން ދިޔައެވެ.

ކުއްލިއަކަށް ނިޔާޝާއަށް، މީހަކު ހަޅޭއް ލަވައިގަތް އަޑު އިވުނެވެ. ރޭގަނޑުގެ ހަމަ ހިމޭންކަން ނަގާލަމުން އެ އަޑު އައީ ނިޔާޝާއާ ދާދި ކައިރިން ކަމަށް ވުމުން ސިއްސައިގެންގޮސް އޭނާގެ އަތުން ފޯނު ދޫވިއެވެ. ފޯނުގޮސް ބިންމަތީ ޖެހި ނިވުނީ އެ އަނދިރިގަނޑުގައި އޭނާއަށް ލިބިފައިވާ ހަމައެކަނި އަލިކަމާއެކުއެވެ. ތެޅިގަނެފައި ވަށައިގެން ބަލައިލީ އެ ހަޅޭކުގެ އަޑު އައި ދިމާއެއް ފާހަގަވޭތޯއެވެ.

އެކި ދިމަދިމާ އަށް ކަޅިއެއްލަމުުން ދުއްވައިގަތީ ވަކި ދިމާއެއް ބެލުމެއް ނެތިއެވެ. ނިޔާޝާއަށް ވިސްނުނީ އެގަޑީ އަންހެނަކުގެ ހަޅޭކުގެ އަޑު އައިސްފިނަމަ އެ ސަރަހައްދު ރައްކާތެރި ނުވާނެކަމެވެ. ތެޅިތެޅި އޮތް ހިތަކާއެކު އޭނާއަށް ހީވި މިސްރާބަކަށް ދުއްވައިގަތްތަނާ ދެވަނަފަހަރަށް ހަމަ އެއަންހެން މީހާގެ އަޑު އިވުނެވެ. ކުރިއަށްވުރެ ކައިރިން އަޑު އިވުނުހެން ހީވި ނަމަވެސް އެއްވެސް ކަހަލަ ހިލަމެއް ނުވުމުން ނިޔާޝާ އިތުރަށް ބިރުގަތެވެ. އެހިސާބުން ކިތަންމެ ދުރަށް ދާން ބޭނުންވި ނަމަވެސް ހުއްޓުން އެރީ ތުއްތު ކުއްޖެއްގެ ރޯއަޑު އިވުމުންނެވެ.

ދާނެ ދިމާއެއް ހަދާނެ ގޮތެއް ނޭނގި ހާސްވެފައި ނިޔާޝާ ހުރި އިރު އެ ތުއްތު ކުއްޖާގެ ރުއިމުގެ އަޑު ކުޑަކޮށްވެސް ފަނޑެއް ނުވެއެވެ. ކުޑަމިނުން އެހެން މީހަކު އެކުއްޖާ ހުއްޓުވަން މަސައްކަތް ކުރާފަދަ އަޑެއްވެސް ނީވެއެވެ. ބިރެއް ފެނިގެން ތެޅެގަނެވިފައި އެންމެ ފުރަތަމަ ޖެހުނު ފްލެޓަކަށް ނިޔާޝާ ދުވެފައި ވަނީ އަނެއްކާވެސް އެ އަންހެންމީހާގެ ހަޅޭކުގެ އަޑު އިވުމުގެ އިތުރުން ކުރިމަތީން ހިޔަންޏެއް ފެނުމުން އެކަމާ ބިރުންނެވެ.

އެ ފްލެޓްގެ ތިރީ އެޕާޓްމަންޓް ދޮރު ތަޅުލާފައި ހުރުމުން ސިޑިން ދުވެފައި މައްޗަށް އެރީ ދުރުން ފެނުނު ހިޔަނި ކައިރިވާހެން ހީވުމުންނެވެ. އެވަގުތު ނިޔާޝާގެ ކައްސާލައިގެން ސިޑިން ވެއްޓުނެވެ. އެވަގުތު ސިޑިމަތީ އޭނާގެ ބޯ ޖެހުމުގެ ސަބަބުން ބޯ އަނބުރައިގަތެވެ. މަޑުމަޑުން ދެލޯ މެރެމުން ދިޔަައިރު އޭނާއަށް އެންމެ ފަހުން ފެނުނީ އެ ހިޔަނި އައިސް އޭނަގެ ކައިރީ ހުއްޓުނު ތަނެވެ.

**********

ވަރުބަލި ކަމާއި ކަންނެތްކަމާއެކު ނިޔާޝާ ލޯ ހުޅުވާލުމަށްފަހު އަލުން ލޯ މަރާލީ މާހައުލުގެ އަލި ގަދަ ކަމުންނެވެ. ބަންޑުން ޖެހެން މަސައްކަތް ކުރަން އުޅެފައި ހުއްޓުނީ އަތަށް ތަދެއް އެރުމުންނެވެ.

''ކޮއްކޯ؟...ކޮއްކޯ؟''

ދޮންބެގެ އަޑު ކަންފަތުގައި ޖެހުމުން މަޑުމަޑުން ނިޔާޝާ ލޯ ހުޅުވާލިއެވެ. ވަށައިގެން ކަޅި ހިންގާލުމުން އޭނާއަށް އޮވެވުނީ ހޮސްޕިޓަލުގައިކަން އެނގުނެވެ. އޭނާގެ ކަނާއަތުގައި ޕްލާސްޓަރެއް އަޅާފައި އޮތްއިރު ބޮލުގައި ވަނީ ބެންޑޭޖެއް އަޅާފައެވެ. ވީގޮތެއް ހަނދާން ނުވުމުން ދޮންބެއާއި ދިމާއަށް ބަލާލިއިރު ދޮންބެގެ ދެލޮލުގައި ވަނީ ހާސްކަމެވެ. އެވަގުތު ދޮންބެދައްތަ ނަރުހަކާއެކު ނިޔާޝާ ބާއްވާފައި އޮތް ކޮޓަރިއަށް ވަނެވެ.

ނަރުސް ކުއްޖާ ނިޔާޝާ ބެލުމަށް ފަހު އަނބުރާ ދިއުމުން އޭނާ ދޮންބެ ކައިރީން ވީގޮތް އޮޅުން ފިލުވިއެވެ. ނުބުނަން ހުރި ފާޑަކަށް ހުރެ ނިޔާޝާގެ ދޮންބެ އޭނާއަށް ދިނީ ހިތާމަވެރި ހަބަރެކެވެ. ނިޔާޝާގެ އެކުވެރި ފަރުޒާއަށް މީހަކު ހަމަލާދިން ވާހަކައެވެ. ދޮންބެ ކިޔައިދިން ގޮތުގައި ފަރުޒާގެ ޒަހަމްވެފައިވާ ހަށިގަނޑު ފެނުނީ ޕާކުތެރެއިންނެވެ. އަދި ނިޔާޝާ ފެނުނީ ފަރުޒާ އުޅޭ ފްލެޓްގެ ސިޑި ކައިރީ ވެއްޓިފައި އޮއްވައި ކަމަށް އޭނާގެ ދޮންބެ އޮޅުން ފިލުވައިދިނެވެ. ނިޔާޝާ ކައިރީ ފަރުޒާގެ ކުޑަ ދަރިފުޅު އޮތްކަމަށް ވެސް ދޮންބެ ނިޔާޝާއަށް ކިޔައިދިނެވެ.

އެއާއެކު ނިޔާޝާއަށް ހުރިހާ ކަމެއް ވިސްނުން ކަހަލައެވެ. ނިޔާޝާއަށް އިވުނީ ފަރުޒާގެ ހަޅޭކުގެ އަޑެވެ. އިވުނީ އޭނާގެ ތުއްތު ދަރިފުޅު ރޯއަޑެވެ. އޭނާއަށް ފެނުނީ ފަރުޒާއަށް ހަމަލާ ދިން މީހާއެވެ. ފަރުޒާއަށް އެހީ ނުވެވުނު ކަމުން އޭނާ އަމިއްލަ ނަފްސު ދެކެ ހިތްހަމަ ނުޖެހުނެވެ.

**********

ހަފުތާއެއް ފަހުން ނިޔާޝާ ހޮސްޕިޓަލުން ދޫކޮށްލިއެވެ. ނަމަވެސް ލިބުނު ޒަހަމްތަކުގެ ސަބަބުން ފަރުޒާ ދުނިޔެއާ އަލްވަދާއު ކިޔެވެ. މަރުވުމުގެ ކުރިން އޭނާއަށް ހަމަލާދިނީ އޭނާގެ ފިރިމީހާކަމަށް ފުލުހުންގެ ކުރިމަތީ ހެކިބަސް ދިނުމުން އޭނާގެ ފިރިމީހާ ހައްޔަރު ކުރެވުނެވެ. ފަރުޒާގެ ދަރިފުޅު ސަލާމަތްވީ ނިޔާޝާއާ ހެދި އެވެ. އޭނާ ވެއްޓި އެހިސާބުގައި އަޑު ގަދަ ވުމުން ފްލެޓުތަކުން މީހުން ނިކުމެ އޭނާއަށް އެހީވުމުގެ ތެރެއިން ފަރުޒާގެ ދަރިފުޅު ފެނުނީއެވެ. ފަރުޒާ މާ ދުރަށް ގެންގޮސްފައި ވުމުން އޭނާގެ ހަށިގަނޑު ފެނުނީ މާ ލަސްވި ފަހުންނެވެ. ކުޑަ ތަންކޮޅެއް ކުރިން ފެނުނު ނަމަވެސް އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީހެވެ. އަނދިރި ރޭގެ އެ ހާދިސާ ވީ ނިޔާޝާގެ މުޅި އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި އޭނާ އަބަދުމެ ހަނދާން ހުންނާނެ ކަމަކަށެވެ.