މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 5

އަބްދުﷲ ފާރޫގް ހަސަން

1

(18 މެއި ގެ އަދަދާ ގުޅޭ)

ލިޔުންތެރިޔާ މިވާހަކަ ނަކަލުކުރެއްވުމުގައި ބޮޑުތަކުރުފާނަކީ ސްރީލަންކާގެ މުސްލިމެއްކަމުގައި ލިޔުއްވާފައިވާތީ ހައިރާންވާން ޖެހެއެވެ. އެހެނީ ޚުދު މަލިކުމީހުން ބޮޑުތަކުރުފާނު މަލިކަށް ވަޑައިގަތް ވާހަކައާއި އެބުނާ ގަލެއް ވަޅުލެއްވި ވާހަކަދައްކައި އުޅޭއިރު އެތަކުރުފާނަކީ ސްރީލަންކާގެ މުސްލިމެއްކަމުގައި ވާހަކަދައްކައެއް ނޫޅެއެވެ. ބޮޑުތަކުރުފާނަކީ ދިވެހި ބޭފުޅެއްކަން އެމީހުންނަށް ރަނގަޅަށް އެނގެއެވެ.

މަލިކަކީ ލިޔެވިފައިވާ ތާރީޚެއްއޮތް ރަށަކަށް ނުވުމާއި، ލިޔެކިޔައިއުޅުން މަދުކަމާއި ރާއްޖެއާއި މަލިކާ ވަކިވެ ދިގުޒަމާންތަކެއް ވެފައިވުމާއެކު ރާއްޖެއާއި މަލިކާގުޅޭ ތާރީޚީ ޙަޤީޤަތްތަކަށް މަލިކުގައި މިހާރު ލިބިފައިވަނީ ފޯކްލޯރުގެ މަޤާމެވެ. މިގޮތުން ބޮޑުތަކުރުފާނު މަލިކަށް ވަޑައިގަތުމާއި މަލިކުގައި ގަލެއް ވަޅުލެއްވުމާ މިހުރިހާ ކަމެއްވަނީ އޮޅުންބޮޅުން ވެފައެވެ.

މިހާރުވެސް މަލިކުމީހުން އެއްބަސްވާ ފަދައިން މަލިކުގެ ދިވެހިގަނޑުވަރަކީ މަލިކުގެ ރައްޔިތުން ބޮޑުތަކުރުފާނު ހުންނެވުމަށް އަޅައިދިން ގަނޑުވަރެކެވެ. އެހެންކަމުން ބޮޑުތަކުރުފާނަކީ ކޮންތަނެއްގެ ބޭފުޅެއްކަން ޚުދު މަލިކުގައި ހުރި ހެކިތަކުންވެސް އެހެރީ ދިމާއަށް ފެންނާށެވެ. ބޮޑުތަކުރުފާނަކީ ސްރީލަންކާގެ ބޭފުޅެއްނަމަ ދިވެހިގަނޑުވަރަށް ކިޔަންޖެހޭނީ ސަރަންދީބު ގަނޑުވަރުފަދަ ކޮންމެވެސް ނަމެކެވެ.

ސްރީލަންކާގެ ރައްޔިތެއްކަމުގައިވާ މިސްޓަރ އެޗް.ސީ.ޕީ.ބެލް ލިޔުއްވި ފޮތެއް ކަމުގައިވާ: "ދަ މޯލްޑިވްް އައިލެންޑްސް މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ އެންޑް އެޕިގްރަފީ"

މިފޮތުންވެސް ބޮޑުތަކުރުފާނުގެ ޙަޤީޤަތް ފުރިހަމައަށް ހާމަވާން އެބައޮތެވެ. އެހެންކަމުން މިސްޓަރ ވީ. ސުދަރސެން ފުރިހަމައަށް ޙަޤީޤަތް ހޯއްދެވުމަކާނުލައި ޤަދަރުހުރި ޔުނިވަރސިޓީއެއްގެ ނަމުގައި މިފަދަ ލިޔުއްވުމެއް ލިޔުއްވިކަމީ ހިތާމަހުރި ކަމެކެވެ.

ބޮޑުތަކުރުފާނަކީ ދިވެހީންނަށް އިތުރަށް ތަޢާރުފްކޮށްދޭން މަސައްކަތް ކުރުމުގެ ބޭނުމެއްއޮތް ބޭފުޅެއް ނޫނެވެ.

ދިވެހިރާއްޖޭގެ އެންމެ ތުއްތުކުދިންވެސް ދަންނާނެ ފަދައިން ބޮޑުތަކުރުފާނަކީ ޕޯޗުގީޒު އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވި ދިވެހީންގެ ޤައުމީ ބަޠަލެވެ. އެތަކުރުފާނަކީ ދިވެހިރާއްޖޭގެ ތިލަދުންމަތީ އުތީމު ކަޅުޢަލީ ކަތީބު ތަކުރުފާނުގެ ޙުސައިން ކަތީބު ތަކުރުފާނުގެ މުޙަންމަދު ތަކުރުފާނެވެ. އެތަކުރުފާނަކީ މީލާދީން 1573 ން 1585 އަށް ދިވެހިރާއްޖޭގައި ރަސްކަންކުރެއްވި ކީރިތި މަހާރަދުންނެވެ. އެތަކުރުފާނުގެ ގަނޑުވަރާއި މަހާނަފުޅު މިހާރުވެސް އެހެރީ ފެންނާށެވެ.

އެތަކުރުފާނު ޕޯޗުގީޒުންނާ ދެކޮޅަށް ޖިހާދު ފައްޓަވާފައި އެތަކުރުފާނުގެ ޢާއިލާ ގެންދަވައި ބައިތިއްބެވީ މަލިކުގައެވެ. މަލިކަކީ އޭރުވެސް ފަޅުރަށެއް ނޫނެވެ. ދިވެހިނަސްލުގެ މީހުންތަކެއް ދިރިއުޅޭ ރަށެކެވެ. ރާއްޖޭގެ މިނިވަންކަމުގެ ދިފާޢުގައި އެތަކުރުފާނު ހަނގުރާމަކުރެއްވި ސަތާރަވަރަކަށް އަހަރު އެތަކުރުފާނުގެ ޢާއިލާގެ ބޭފުޅުން ތިއްބެވީ މަލިކުގައެވެ. އެތަކުރުފާނުގެ ޖިހާދުގައި ބޭނުންކުރެއްވި ކަޅުއޮށްފުންމިއަށް ކޮއްތު ބޯފެން ދަރު ހޯއްދަވަނީ މަލިކުންނެވެ. ކުރީންވެސް ދެންނެވިފަދައިން އޭރުވެސް މަލިކަކީ ދިވެހީން ދިރިއުޅޭ ދިވެހިރަށެކެވެ. ބޮޑުތަކުރުފާނަށް ލިބިވަޑައިގަތީ އެންމެ ދަރިކަލެކެވެ. އެއީ، އެތަކުރުފާނަށްފަހު ދިވެހި ތަޚްތުގައި ރެދަލިކުރެއްވި އައްސުލްޠާން އިބްރާހީމް ކަލާފާނެވެ. ކަލާފާނު ރަސްކަންކުރެއްވީ 1585 - 1609މ. އަށެވެ.

ކަލާފާނު މަލިކަށް ގެންދެވުނީ އެމަނިކުފާނު ވަރަށް ތުއްޕުޅު އިރުއެވެ. އެނބުރި ރާއްޖެވަޑައިގަތީ އެމަނިކުފާނުގެ ބައްޕާފުޅު ދިވެހިރާއްޖެ މިނިވަންކުރެއްވުމަށް ފަހުގައެވެ. އެމަނިކުފާނުގެ ބޮޑުބޭބޭފުޅު ޙަސަން ރަންނަބަނޑޭރި ކިލެގެފާނުގެ އަރިހުގައެވެ.

އެހެންކަމުން ކޮހޮރަތުކަމަނާއާއި ކަނބޯރަނިންނަކީ ބޮޑުތަކުރުފާނުންގެ ބޭފުޅުންނެއް ނޫނެވެ.

ބޮޑުތަކުރުފާނު މަލިކަށް ވަޑައިގެންނެވި ޙާދިޘާ ފާހަގަކުރެއްވުމުގެ ގޮތުންނާއި އެރަށުގެ ރުއްގަހުގެ ތެރެއިން ދެބައިކުޅަ އެއްބައި އެރަށުގެ ރައްޔިތުންނަށް ދެއްވުމުގެ ގޮތުން އެދެބައި ވަކިކުރާ ތަނުގައި ގަލެއް ވަޅުލެއްވިކަމީ ޙަޤީޤަތަކަށް ވެދާނެއެވެ. އެއީ ދާދި އިހަކަށްދުވަހާ ހަމައަށް ރާއްޖޭގައި ހިނގަމުން އައިސްފައިވާ ކަމެކެވެ. މިގޮތުގެ މަތީން ބޮޑުތަކުރުފާނު މަލިކުގެ ބަންޑާރަބައި ވަކިކުރައްވާން ވަޅުލެއްވި ގާ ދެކެފައިވާ ކަމަށްބުނާ ވަރަށްގިނަ މީހުން މިހާރުވެސް މަލިކުގައި އެބަތިއްބެވެ. އެގަލުގައި ދިވެސްއަކުރުން ލިޔެފައިވާ ލިޔުމެއްވެސް ހުރިކަމުގައި ވެއެވެ. އެހެންކަމުން އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރި ޢަބްދުﷲ ޞާދިޤާ ދެމީހުންވަނީ އެގާ ފެނޭތޯ މަސައްކަތްކޮށްފައެވެ. އެގާ އޮންނަކަމަށް މަލިކު މީހުން ދެއްކި ހިސާބުގަނޑު ކޮންމެވެސް ވަރަކަށް "ހާވައި" ބެލީމުއެވެ. ނަމަވެސް އެތައް ސަބަބުތަކަކާހުރެ އަޅުގަނޑުމެންނަށް އެކަން ވަނީ ކާމިޔާބު ނުވެފައެވެ.

މަލިކާއި ރާއްޖޭގެ އެހެން ރަށްރަށުގައި މީހުން ވަޒަންވެރިވީ އެކުއެކީގައި އެއް ދުވަސްވަރެއްގައެވެ. އެއީ ގްރޭޓް އާރިޔަން މައިގްރޭޝަން ހިނގި ދުވަސްވަރުގައެވެ. ރާއްޖޭގެ އެހެން ރަށްތަކެކޭ އެއްފަދައިން މަލިކުގައިވެސް އޮތީ ބުޑިޒަމާއި ހިންދުއިޒަމެވެ. 1153 ގައި ރާއްޖެ އިސްލާމްވީއިރުވެސް މިދެދީން ރާއްޖޭގެ ރަށްތަކުގައި އޮތެވެ. މަލިކުންނާއި ރާއްޖޭގެ އެހެން ރަށްތަކުން ކޮނެގެން ނެގޭ އާސާރީ ތަކެތީން މިކަން ސާބިތުވެއެވެ.

ރާއްޖެ އިސްލާމްވުމުގެ ކުރީގައްޔާއި އަދި އޭގެފަހުގައި ލިޔެވިފައިވާ ފަތްތޫރާ ތަކުގައި ރާއްޖޭގެ ސަރަޙައްދު ފާހަގަކޮށްފައިވަނީ މަލިކާއި އައްޑުއަތޮޅާ ދެމެދުގައިވާ ސަރަޙައްދު ކަމުގައެވެ. (އަލްއުސްތާޛު މުޙަންމަދު އިބްރާހީމް ލުޠުފީ)

ރާއްޖެ އިސްލާމްވުމުގެ ކުރީންނާއި އަދި އިސްލާމްވުމަށްފަހު އިންޑިޔާކަނޑުގައި ދަތުރުކުރި ހުރިހާ ޤައުމެއްގެ މީހުން ކޮއްތުބޯފެން ދަރު ހޯދުމަށާއި ހުޅަނގުމޫސުމާއި އިރުވައިމޫސުމުގައި ޙިމާޔަތް ހޯދުމުގެގޮތުން ރާއްޖޭގެ ރަށްރަށުގައި ބަނދަރުކޮށްފައި ވެއެވެ. މިގުޅުމުގެ ސަބަބުންނާއި އަދި ދޭތެރެދޭތެރޭން ސްރީލަންކާއިންނާއި އަވަށްޓެރި ސަރަޙައްދުތަކުން މީހުން ރާއްޖޭގެ ރަށްތަކަށް ހިޖުރަކުރަމުން އައިކަން އެނގެއެވެ. އިސްލާމްވުމަށްފަހު މަލާބާރުކަރައިގެ މަގުންނާއި ޢައްމާނާއި އެފްރިކާގެމަގުން ޢަރަބިޤައުމުތަކާއި އެފްރިކާއާއި އިންޑިޔާގެ އައްސޭރި ރަށްތަކުން މީހުންނާއި، އަސޭކަރައިގެ މީހުން އައިސް ރާއްޖޭގައި ވަޒަންވެރިވެ އެމީހުންގެ ދަރިކޮޅު ދެމިގެން އައިސްފައި ވެއެވެ. މިދަރިކޮޅުގެ އަސަރު މަލިކުން ފެށިގެން އައްޑުއަތޮޅާ ދެމެދުގައި ފާހަގަކުރެވެއެވެ.

ރާއްޖޭގެ އެހެން ރަށްރަށް ފަދައިން ރާއްޖޭގެ ރަށްތަކުގެ މީހުންނާއި މަލިކުމީހުން އިނދެ ދެފަރާތުގައިމެ އެދަރިކޮޅުތައް އުފެދިފައި ވެއެވެ. މިއަދުވެސް ބޮޑުބޭބެ ބޮޑުދައިތަކިޔާ މީހުން ދެފަރާތުގައި ވެއެވެ. މަލިކުގެ ގިނަގޭގެއަށް ބަލާއިރު މަލިކުގައިވެސް ރާއްޖޭގެ ރަށްރަށުގެ ނަމުން ގޭގެއަށް ނަންކިޔާފައި ވެއެވެ. އެއީ އެރަށްރަށުގެ މީހުން މަލިކުމީހުންނާ އިނދެ މަލިކުގައި ވަޒަންވެރިވުމުންނެވެ. ހަމަ މިފަދައިން މީގެ އަނެއްކޮޅުވެސް ވެއެވެ.

(ނުނިމޭ)

ޢެފްޖީ،މަލިކު.

ރަނގަޅު