ޚަބަރު

މަސްދޯންޏެއް ފަރަށް އެރުމުގެ ސަބަބުން ފުލުހުން ހަރަކާތްތެރިވާން ފަށައިފި

މ. އަތޮޅުގައި މަސްދޯންޏެއް ފަރަށް އެރުމުގެ ސަބަބުން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

މިކަން ފުލުހުން ވަނީ ''ވަން އޮންލައިން'' އަށް ކަށަވަރުކޮށްދީފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި މިހާރު މަސްދޯންޏަށް ފުލުހުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް މިހާތަނަށް އަނިޔާވެފައި ނުވާކަމަށް ފުލުހުން ހާމަކުރިއެވެ.

ދިހަ މީހުންނާއެކު ދަތުރުކުރި މި ދޯންޏަކީ ދ. މީދޫގައި ކަންނެލި މަސްވެރިކަމަށް ދުއްވާ ދޯންޏެއްކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި ފުލުހުންނާއި ސިފައިން ގުޅިގެން ދޯނި ފުންކުރުމުގެ މަސައްކަތް ކުރި ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އެމްއެންޑީއެފް އިން މައުލޫމަތު ދިން ގޮތުގައި ދޯނި ފަރަށް އަރާފައިވަނީ މ. ހަކުރާ ހުރާ ރިސޯޓް ކައިރި ފަރަކަށެވެ. އަދި ފަރަށް އަރާފައިވާ މަސް ދޯންޏަކީ ''ޖިހާދް'' ނަމަކަށް ކިޔާ 65 ފޫޓޫގެ ދޯންޏެއްކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓު 23:38 ގައި ލިބިފައިވާއިރު އެމްއެންޑީއެފް އަށް މި ހާދިސާ ރިޕޯޓުކޮށްފައިވަނީ 23:50ގައެވެ. އެންއެންޑީއެފްއިން ހާމަކުރި ގޮތުގައި ފުލުހުންނާ ގުޅިގެން ކުރި މަސައްކަތުން 00:50 ހާއިރު ދޯނި ވަނީ ފުންކުރެވިފައެވެ.