ދުނިޔެ

ސަލާމަތީ ވަސީލަތަކާ ނުލައި އެފިލް ޓަވަރަށް މީހަކު އެރުމާ ގުޅިގެން އެފިލް ޓަވަރު ބަންދުކޮށްފި

މަރިޔަމް ޝަހުދާ

ސަލާމަތީ ވަސީލަތަކާ ނުލައި އެފިލް ޓަވަރަށް މީހަކު އެރުމާ ގުޅިގެން އެފިލް ޓަވަރު ބަންދުކޮށްފި އެވެ.

ބީބީސީ ނިއުސްގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެފިލް ޓަވަރު އެއްކޮށް ހުސްކޮށް، ބަންދުކޮށްފައިވަނީ އެ ޓަވަރުގެ އެއްކޮޅުން މީހަކު މައްޗަށް އަރާފއި ވަނިކޮށް ފެނުމުގެ ސަބަބުންނެވެ. އެފިލް ޓަވަރު ހިންގުމާ ހަވާލުވެފައިވާ ކުންފުންޏާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ޓަވަރު ބަންދުކުރީ އެމީހާ ފެނުމާއެކު އެފަދަ ދަނޑިވަޅެއްގައި އަމަލު ކުރުމަށް އެކުލަވާލާފައިވާ ގަވައިދުގެ ތެރެއިންނެވެ. އަދި ފުލުހުންނާއި އެފަދަ ހާދިސާތަކަށް ހާއްސަ ފަޔާ ފައިޓަރުން އަންނަން ދެން އެކުންފުނީގެ މުވައްޒަފުން ގަވައިދާ އެއްގޮތަށް އަމަލު ކުރިކަމަށް ބީބީސީގައިވެއެވެ.

އެފިލް ޓަވަރު ވަށައިގެންވާ މަގުތައްވެސް ސަލާމަތީ ސަބަބުތަކަށްޓަކާ މިހަރު ވަނީ ބަންދުކުރެވިފައެވެ. ފުލުހުންނާ ހަވާލާދީ ބީބީސީގައި ރިޕޯޓުކޮށްފައިވާގޮތުގައި މިމީހާ އެފިލް ޓަވަރަށް އެރުމުގެ ސަބަބު އަދި ސާފެއް ނުވެއެވެ. ނަމަވެސް އެމީހާ ސަލާމަތް ކަންމަތީ ތިރިއަށް ބޭލުމަށް ވާހަކަދައްކަމުން އަންނަކަމަށް ފުލުހުން މައުލޫމާތު ދީފައިވާކަމަށް ބީބީސީގައި ވެއެވެ.

މިމީހާ އެފިލް ޓަވަރުގެ ދެވަނަ ފަންގިފިލައާ ހަމައަށް އަރާފައިވެއެވެ.