ވާހަކަ

ކުރު ވާހަކަ: ލޯބިވިޔަސް - 01

އޮފީހުގެ މަސައްކަތްތައް ގިނަ ކަމުން ނާޒިމާ ހުރީ އެއްވެސް ކަމެއް ކުރާހިތް ނުވެފައެވެ. ތަފާތު ލިޔުންތައް ހުރީ އެއްވެސް އިންތިޒާމެއް ނެތް ގޮތަކަށް އެގޮތް މިގޮތަށް މޭޒުމައްޗަށް އުކާލެވިފައެވެ. ބައެއް ކަރުދާސްތައް ވަޔާބުރައިގެންގޮސް ތަޅުންމަތީގައިވެސް ހުއްޓެވެ. އެއްޗެހިތައް އެގޮތް މިގޮތަށް ވަޔާ ބުރަބުރައި ހުރިގޮތުން ހީވަނީ އަޅައިލާނެ މީހަކުނެތިގެން ރުޅިއައިސްގެން އުކާލާފައިހުރިހެންނެވެ. އެހެން ނަމަވެސް ނާޒިމާއަށް އެކަން ފާހަގަ ކުރެވޭ ހެނެއް ހިޔެއްނުވެއެވެ. ނުވަތަ އޭނާ އެވަގުތު އެކަންކަމާ އަޅައިލަން ބޭނުން ނުވަނީ އެވެ.

އެހެން އިންއިރު ނާޒިމާގެ މޫނުމަތިން ފެންނަނީ ފޫހިކަމެވެ. އޭނާ މިއަދު އެއިނީ ކޮންމެވެސް ކަމަކާ ހިތްހަމަނުޖެހިފައެވެ. ކަޅި ހުއްޓިފައި ވަނީ މޭޒުމަތީގައި ހުރި ކަލަންޑަރަށެވެ. ކަނާއަތުން މޭޒުމަތީގައި އޮތް މަޑުނޫކުލައިގެ ބަރާ ކުޅެލަކުޅެލަ އިންދާ ނާޒިމާ ސިއްސުވާލީ މޭޒުމަތީގައި ހުރި ފޯނެވެ.

ފޫހި ގޮތަކަށް ފޯނުގެ އަތްގަނޑު ކަންފަތުގައި ޖައްސާލިއެވެ.

"ހަލޯ!" ކަންފަތުގައި ޖެހުނު އަޑާއެކު ނާޒިމާގެ ހިތަށް ނުތަނަވަސްކަން ވެރިވެގެންދިޔައެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ. އެހެން ނަމަވެސް ފޯނުން ވާހަކަ ދެއްކިއެވެ. އެއީ ކޮންމެހެން އޭނާ ފުރާނައަށްވުރެ ލޯބިވެ އެތައް ދުވަހެއްވަންދެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާ ކަމަށްވާތީއެއްނޫނެވެ. އޭނާގެ ޒަމީރު އެފޯނުން ވާހަކަ ނުދައްކައި ބޭއްވުމަށް ނޭދޭތީއެވެ. އެކަމުގެ ސަބަބުން އޭނާގެ ހިތަށް އެތައް ތަދެއް އިހްސާސްކުރެވުނެވެ. އެއީ ވޭންދެނެވި ތަދެކެވެ. އެތަދުގެ ސަބަބުން ވިހަ ދިލައެއް މެޔަށް ފެތުރިގެންދެއެވެ.

އޭނާ އެފޯނުން ވާހަކަދެއްކީ އުފާވެފައިވާ ރާގަކަށްކަމުގައި ވިއަސް އެއީ އަމިއްލަ ނަފްސަށް ލިބިފައިވާ ހިތާމަތަކާއި އަނިޔާތަކާއި ހިތްދަތި ކަމުގެ ބޭރުން ފަވާލެވިފައިވާ ފަރުދާއެކެވެ. އެނާގެ ހިތް ވަނީ ޒަހަމްވެފައެވެ. ކުދި ކުދި ވެފައެވެ. އެ ފޯނުން ވާހަކަދެއްކުމަށް ފަހު އޭނާ ފޯނު ބޭއްވީ ފޫހި ގޮތަކަށެވެ. އެއީ މިހާރު އޭނާ ހަގީގަތުގައިވެސް ފޫހިވެފައި ހުރީމައެވެ.

ނާޒިމާ އޭނާ އިން ގޮނޑީގައި ހަމަޖެހިލިއެވެ. އަދި މޫނު މައްޗަށް ވެއްޓިފައިވާ ކުރުކުރުކޮށް ކޮށާލެވިފައިވާ އޭނާގެ އިސްތަށިގަނޑު ރަނގަޅު ކޮށްލިއެވެ. އެއަށްފަހު އޭނާ ވިސްނާލިއެވެ. އާސިމްއާ މެދުގައެވެ. އެއީ ޒަމާންތަކެއް ވަންދެން އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު އޭނާގެ ލޯބިވެރިޔާއެވެ. އެމީހަކަށްޓަކައި ހިތާއި ފުރާނައިން ގުރުބާންވި އޭނާގެ ހިތުގެ ބައިވެރިޔާއެވެ. މިހާރުވެސް އެނަމުން އޭނާގެ ހިތުގައި ވިންދުޖަހާ ކަމީ މިކަމުގެ ފުރިހަމަ ހެއްކެވެ. އެހެން ނަމަވެސް މިހާރު އާސިމް ވަނީ އޭނާގެ ހަޔާތާ ވަކިވެގެން ގޮސްފައެވެ. އޭނާގެ ހިތަށް އެތައް އަނިޔާތަކަކާއި ތަދުތަކެއް ދިނުމަށްފަހު ދިޔައިރު، އާސިމްގެ ހިތުގައި ހަމްދަރްދީގެ ކަންފުޅެއްވެސް ނެތް ކަހަލައެވެ.

ނާޒިމާގެ ހިޔާލުތައް ދުވަސްތަކެއްގެ ކުރިއަށް އުދުއްސައިގަތެވެ. އާސިމްއާ ފުރަތަމަ ބައްދަލުވި ދުވަހުގެ މަތިން އޭނާ ހަނދާންވިއެވެ. އެއީ މީގެ ގާތްގަނޑަކަށް ހައެއްކަ އަހަރު ކުރިއެވެ. ނާޒިމާ ދިޔައީ ގޭގައި އުޅޭ އިތުރު ދެކުއްޖަކާއެކު ބާޒާރަށެވެ. އެއީ އެދުވަހު ވަދެވުނު ފިހާރެއެކެވެ. ތަފާތު ވައްތަރުތަކުގެ ހެދުން ވިއްކާ ފިހާރައެކެވެ. އާދަޔާ ހިލާފު ދިގު އިސްކޮޅެއް ލިބިފައިވާ އާސިމް އަކީ ހަށިގަނޑުގެ ކުލަ ދޮންވެފައި ހިތްދަމައިގަންނަ ފަދަ ރީތި އިސްތަށިގަނޑެއް ލިބިފައިވާ ޒުވާނެކެވެ. މިހުރިހާ ކަމަކަށްވުރެވެސް ބޮޑަށް ނާޒިމާ އަޅައިގަތީ އޭނާގެ އެހެން ސިފައެއްގައެވެ. އެއީ އާސިމްގެ ވާހަކަދެއްކުމުގެ ސްޓައިލެވެ. ކޮންމެ ޖުމްލައެއް ބުނެލާ އޯގާތެރި ގޮތެވެ. އަޑުގައިވާ މަޑުމައިތިރިކަމާއި އޮމާންކަމެވެ.

ފުރަތަމަ ބައްދަލުވުމަށްފަހު ދެވަނަ ބައްދަލުވުމާ ހަމައަށްވެސް ދިޔައެވެ. މިހާ ހިސާބަށް ދިޔައިރު ދެމީހުން އެކަކު އަނެކަކަށް ތައާރަފްވުމުގެ އިތުރުން ފޯނުން ގުޅައިގެން ވާހަކަދެއްކެންވެސް ފެށުނެވެ. އާސިމްއާއި ނާޒިމާ ލޯބީގެ ގޮތުން ގުޅިގެން ދިޔައީ މިރަހްމަތްތެރި ކަމަށް ގާތްގަނޑަކަށް ހައެއްކަމަސް ފުރުނު ފަހުންނެވެ. އާސިމްއާ ލޯބީގެ ގޮތުން ގުޅެވުމުން ނާޒިމާ ވަރަށް ބޮޑަށް އުފާވިއެވެ. ގޭ މީހުންގެ ނުރުހުމުގައިވެސް އާސިމްއާ ލޯބީގެ ގޮތުން ގުޅިގެން އުޅެން އޭނާ ބޭނުންވިއެވެ. އެހެން ކަމާއެކު، އާސިމްގެ ކޮންމެ އެދުމަކަށް އޭނާ ބޯލަނބަމުން ދިޔައީ އަންބަކު ފިރިއަކަށްވެސް ބޯނުލަނބާނެ ފަދައިންނެވެ. އާސިމްގެ ކޮންމެ ބޭނުމަކީ އަމިއްލަ ބޭނުމެއްކަމުގައި އޭނާ ހެދިއެވެ. އަދި އަމިއްލަ އުފާތަކާއި ބޭނުންތަކަށްވުރެ އާސިމްގެ އުފަލާއި ހިތްހަމަޖެހުމަށް އޭނާ އިސްކަންދިނެވެ. އެހެން އެއްވެސް މީހަކަށް އެހިތުން އިތުރު ޖާގައެއް ނުލިބޭނެހެން މުޅި ހިތް އާސިމްގެ ނަމުން ފަވާލިއެވެ. އެހާވެސް ބޮޑަށް އާސިމްދެކެ އޭނާއަށް ލޯބިވެވުނެވެ.

ރައްޓެހިވެގެން ފުރަތަމަ ދުވަސްކޮޅު ތެރޭގައި ނާޒިމާގެ އާއިލާގެ ވަރަށް ބޮޑު ނުރުހުމާ ނާޒިމާއަށް ކުރިމަތިލާން ޖެހުނެވެ. ގޭ މީހުން އާސިމްގެ ބޯދިގުކޮށްފަ ހުންނަ ސްޓައިލަށް ނަފްރަތު ކުރެއެވެ. އަދި ނާޒިމާއަށް ނަސޭހަތްތެރިވެއެވެ. ނަމަވެސް ނާޒިމާ މިއަޑުތައް އަހާކަށް ބޭނުމެއް ނުވެއެވެ. އޭނާގެ އާސިމްއާ ދިމާއަށް އެއްވެސް މީހަކު ނުރުހުމުގެ ބަހެއް ކީއްކުރަން ހެއްޔެވެ އެފަދަ ލޮލަކުން ބަލައިލުމަކީވެސް އޭނާއަށް ކެތްކުރެވޭނެ ކަމެއް ނޫނެވެ. އާސިމްގެ ލޯތްބަށްޓަކައި ނާޒިމާއަށް ގޭމީހުންނާވެސް ހަނގުރާމަ ކުރަން ޖެހުނީއެވެ. ތިމާގެ އެންމެންގެ ނަފްރަތާއި ނުރުހުމުގެ ބަސްތައް އަޑުއަހަން ޖެހުނީއެވެ. ނާޒިމާ ދުލެއް ނުދެއެވެ. އެންމެ ފަހުން އާއިލާގެ މީހުންނަށް ޖެހުނީ މަޖުބޫރުވެގެން ހަތިޔާރު ބަހައްޓާށެވެ.

މިދުވަސްތަކުގެ ތެރޭގައި ރޭގަނޑު އަބަދުވެސް އާސިމް އުޅެނީ ނާޒިމާމެންގެ ގޭގައެވެ. އެމީހުންގެ ލޯބީގެ ގިނަ ބައްދަލުވުންތައް ބޭއްވެވުން ދިޔައީ ގޭގައެވެ. މަދުމަދުން ބޭރުތެރެއަށް ގޮސްވެސް އުޅެއެވެ.

ރައްޓެހިވެގެން އުޅޭތާ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ފަހެވެ. މާލޭގެ ކާނިވަލުގައި މިއުޒިކް ޝޯއެއް އޮތް ރެއެކެވެ. ނާޒިމާ ވަރަށް ބޮޑަށް އެތަނަށް ދާހިތްވިއެވެ. އޭރު ފުދޭވަރަކަށް ލަސްވެސް ވެއްޖެއެވެ. އެހެން ކަމުން އެތަނަށް އޭނާއަށް ދެވުނީ ގޭމީހުން ކައިރީ އެތައް އާދޭސްތަކެއް ކޮށްގެންނެވެ. ނާޒިމާއާއެކު އޭނާގެ މަންމަ އަދި އިތުރު ދެކޮއްކޮވެސް ދިޔައެވެ. ޝޯގެ ފޯރިގަދަވަމުން ދިޔަ ވަރަކަށް ބެލުންތެރިންގެ ތަރުހީބުވެސް އިތުރުވަމުން ދިޔައެވެ. ނާޒިމާވެސް ހުރީ ވަރަށް ބޮޑަށް ގެއްލިފައެވެ.

"ނާއްތާ! ބަލާލަބަލަ" ނާޒިމާ ސިއްސުވާލީ ކައިރީގައި އިން އޭނާގެ ދެބޭންގެދެދަރި ކޮއްކޮ މިޒުނާގެ އަޑުންނެވެ.

(ނުނިމޭ)