ފުރާނަދަންދެން

ފުރާނަދަންދެން - 17

ބަދިގެ ތެރޭގައި ޙައްވައާއި ބައިވެރިވެގެން އަޒްކާވެސް މޭޒު މައްޗަށް ބޭނުންވާ ކާއެއްޗެހި އަރުވަމުން ދިޔައެވެ. ނަޝްވާގެ ދެމަފިރިން ބޭރަށް ދިޔަ ވާހަކަ ޙައްވަ އަޒްކާ ކައިރީގައި ބުނީ އެ މަސައްކަތުގައި ހުރެއެވެ. ދޮރުގެ ބެލް އަޅާލި އަޑު އިވުނީ އެވަގުތުއެވެ.

"ޙައްވައްތަ މަޑުކޮށްލާ. އަޅުގަނޑު މިއަންނަނީ ހުޅުވާލައިފައި" އަޒްކާ ދޮރާއި ދިމާލަށް ހިނގައިގަތެވެ.

ދޮރުމަތީގައި ހުރި މެދު އުމުރުގެ ފިރިހެން މީހާ ފެނިފައި އަޒްކާ ޚައިރާންވިއެވެ. އެއީ އޭނާ އަދި ދުވަހަކުވެސް ދެކެފައި ނުވާ މީހެކެވެ. ހަށިގަނޑު ފަލަވެފައި ބިޔަކަމަށް ދައްކަނީ އިސްކޮޅުން ދިގުވީމައެވެ. މޫނުމަތީގައި ވަނީ ތުބުޅި ބޯވެފައެވެ. ދެލޮލުގައި ވަނީ ރަތްކަމެވެ. ގިރުވާނު ލާފައިވާ ރީނދޫ ކުލައިގެ ޓީޝާޓާއި އެކުގައި ތިރިން ހުރީ ނޫކުލައިގެ ގޮޅިޖެހި މުންޑެއް އަނދެފައެވެ.

"ދަރިފުޅަށް ތިއާދެވުނީ ރަނގަޅު ވަގުތަށް. އާދޭ އަވަހަށް ކާން" އެ އިވުނީ ޙައްވަގެ އަޑެވެ. އަޒްކާގެ ނަޒަރު ޙައްވައަށް ހުއްޓިފައި ވިޔަސް ޙަމީދުގެ ނަޒަރު އަޒްކާގެ މޫނު އެންމެ ހިނދުކޮޅަކަށްވެސް ނުނެއްޓެއެވެ. ހަމީދާއި ޙައްވަ މުހާތަބް ކުރި ނަމުން އަޒްކާއަށް އެއީ ޙައްވަގެ ދަރިފުޅުކަން އިނގުނެވެ. އަޒްކާ އެއް އަރިއަކަށް ޖެހިލުމުން ޙަމީދު ވަންނަން ތަން ދެއްކިއެވެ.

"ޔާރައްބީ ތިއޮތް ދެލޮލެއް؟ ކިހިނެއްވެފަ ތިހެރީ...؟" ޙަމީދު ފެނުމާއެކު ޙައްވަ ބުނެލިއެވެ. އެހެނީ ޙަމީދުގެ ދެލޮލުގައިވާ ރަތްކަން ފެނި ކޮންމެ މީހެއްގެ ދުލު ކުރިއަށް އަންނާނީ އެ ސުވާލެވެ.

"ވަރަށް ބޮޑަށް ހުން އައިސްގެން އެއްގޮތަކަށްވެސް ހުން ނުނިވައިގެން މިއައީ" ޙަމީދު ވާހަކަދެއްކިއެވެ. އޭނާގެ އަޑުންވެސް ނަފްސު ލޮޑުވެފައިވާ މިންވަރު ހާމަވަމުން ދިޔައެވެ. ޙަމީދުގެ ނިތްކުރީގައި ޙައްވަ އަތް ޖައްސާލިއެވެ. ހަމަ އެހާ އަވަހަށް އަތް ދުރަށްވެސް ލިއެވެ. ޙައްވަގެ މޫނު މައްޗަށް އެރި ކުލަވަރު ފެނުމުން ބޭއިހްތިޔާރުގައި އަޒްކާއަށް ޙަމީދުގެ އަތުގައި އަތް ޖައްސާލެވުނެވެ. ޙަމީދަށް ސިހުމެއް ލިބުނީ އަޒްކާގެ އަތްތިލަ ފިނިކަމުންނެވެ.

"ސޮރީ.... ވަރަށް ހުންގަދަ. ޙައްވައްތާ ޙަމީދުބެ ޑޮކްޓަރަށް ދައްކަން ގެންދަންވީނުން" އަޒްކާ ބުނެލިއެވެ. ޙައްވަ ބޯޖަހާލުމަށްފަހު ޙަމީދުގެ އަތުގައި ހިފައިގެން ގޮސް ކާމޭޒު ކައިރިން ގޮނޑިއެއްގައި ބޭންދިއެވެ.

"މަންމަ އަންނާނަން ހެދުން ބަދަލުކޮށްލައިގެން އިނގޭ. އަދި އެއްޗެއް ކާލައިގެން ދާންޖެހޭނީ. ތިހާ ވަރަށް ހުންގަދަވެފައި ހުއްޓާ ހިއެއްނުވޭ އެހާ ފަސޭހައިން ދޫކޮށްލާނެހެނެއް" ޙައްވަ ވާހަކަދެއްކިއެވެ.

"ޙައްވައްތަ ދޭ. އަޅުގަނޑު ޙަމީދުބެއަށް އެއްޗެއް ތައްޔާރުކޮށްލަދޭނަން" ޙައްވަ ހިނގައިގަތުމުން އަޒްކާ އުނދުން ކައިރިއަށް ޖެހިލިއެވެ. އޭނާ ތަރުކާރީ ކޮށައިގެން ސޫޕެއް ތައްޔާރުކުރަން ފެށިއެވެ. މާގިނަ އިރު ނުނަގާ ތައްޓަކަށް އަޅާލައިގެން އައިސް ޙަމީދުގެ ކުރިމަތީގައި ބެހެއްޓިއެވެ.

"ހޫނުކޮށް ހުއްޓާ ބޯލީމަ ރަނގަޅުވާނީ" ލޯމެރިފައި އިން ޙަމީދު ދެލޯ ހުޅުވާލީ ކައިރިން އިވުނު އަޒްކާގެ އަޑުންނެވެ. ޙަމީދުގެ އަނގައިގަ ލަވާ ސަމްސަލުން ކާންދިނީ އަޒްކާއެވެ. އެމަންޒަރު ކޮޓަރިން ނިކުތް ޙައްވައަށް ފެނުމާއެކު ދެލޮލުން ކަރުނަ ނީރާލިއެވެ.

"ދަރިފުޅަށް ކޮން ނަމެއް ކިޔަނީ..." ޙަމީދު އަހާލިއެވެ. އަޒްކާ ފެންނަ ކޮންމެފަހަރަކު އޭނާގެ ހިތުގައި ބުނެދެން ނޭނގޭ ކުލުންވެރިކަމެއް ހިނގައިގަނެއެވެ.

"އަޒްކާ. އަޅުގަނޑަށް ކިޔަނީ އަޒްކާ" ހިނިތުންވުމަކާއެކު އަޒްކާ ބުނެލިއެވެ.

"ބޭބެގެ ދަރިފުޅުވެސް މިހާރު ހުންނާނީ ގާތްގަނޑަކަށް ތިހާވަރަށް ބޮޑުވެފައި. ވީތަނެއް ނޭނގޭ. ވަރަށް ހަނދާންވޭ" ޙަމީދު ބަލި އަޑަކުން ވާހަކަދެއްކިއެވެ. އަޒްކާ ދެރަވިއެވެ. ޙަމީދު އެވަރަށް އޭނާއަށް ބެލީ އޭނާގެ ދަރިފުޅާއި ވައްތަރުވީމަތާއެވެ. އަޒްކާ ހިތަށް އެރިއެވެ.

"ދެރަނުވޭ ބޭބޭ. އިރާދަކުރެއްވިއްޔާ ބޭބެގެ ދަރިފުޅާއި އަދި ބައްދަލުވާނެ. އަޅުގަނޑު ދުޢާ ކޮށްދޭނަން. ބޭބެގެ ދަރިފުޅަށް ކިޔަނީ ކޮން ނަމެއްތަ...؟" އެހިސާބަށް ވާހަކަތައް ދިޔަތަނާ ޙައްވަ އައިސް އަވަހަށް ދާން އެދުނެވެ.

ޙައްވައާއި ޙަމީދު ގެއިން ނިކުތް މަންޒަރު ބަލަހައްޓައިގެން އަޒްކާ ހުއްޓެވެ. އޭނާގެ ދެލޯ ވަނީ ކަރުނުން ބަރާވެފައެވެ. މީހާގެ އުމުރުން ކިތަންމެ ދުވަހެއް ވިޔަސް ވަރިހަމައެވެ. ބަލިވެއްޖިއްޔާ ކޮންމެ މީހަކުވެސް އެދޭނީ މައިމީހާގެ އޯގާތެރިކަމަށެވެ. އެ މަންމަ މުސްކުޅިވެ ގައިބާރު ދެރަވެފައި ހުއްޓަސް އެއީ ބަދަލުނުވާނެ ޙަޤީޤަތެވެ. ދާދި ދެންމެއަކު އޭނާގެ ލޯކުރިމަތިން ފެނިގެން އެދިޔައީ އެކަމުގެ ލާމަސީލު މިސާލެކެވެ.

*************

"މަންމާ...! އެއީ އަހަރެންގެ ދަރިފުޅު. އަހަރެންގެ މިދެލޯ ، މި ހިތް އަހަރެންނަށް ދޮގެއް ނަހަދާނެ" ޓެކްސީގެ ފަހަތު ޝީޓުގައި ދެލޯ މަރާލައިގެން އިން ޙަމީދު ވާހަކަދެއްކިއެވެ. ޙައްވަ ހަމީދަށް ބަލައިލިއެވެ.

"އެމަންޖެ އެންމެ ފުރަތަމަ ފެނުނު ދުވަހު މަންމައަށްވެސް ހަމަ ތި އިޙުސާސް ކުރެވުނު. އެކަމަކު މިހާރު މަންމައަށް ޤަބޫލުކުރެވިއްޖެ އެއީ އަހަރެމެންގެ އަރުޝީއެއް ނޫންކަން. އެމަންޖެއަށް ކިޔަނީ އަޒްކާއެއްނު" ޙައްވަ ވާހަކަދެއްކިއެވެ. ޙަމީދު ދެލޯ ހުޅުވާލިއެވެ. ތެދެކެވެ. އެއީ އަޒްކާއެވެ. އޭނާގެ ދަރިފުޅަށް ކިޔަނީ އަރުޝީއެވެ. ނަމަވެސް އެކަން ޤަބޫލުކުރަން އޭނާގެ ހިތް ދެކޮޅު ހަދަނީއެވެ.

"އޭގެފަހުން ތަޢުފީޤް ގެ ދެމަފިރިން މަންމައާއި ދިމާވިތަ...؟ ދުށިންތަ އެމީހުން މާލެއިން؟ އަހަރެންނަށް އެމީހުން ނުފެންތާ މިހާރު އަށާރަ ވަރަކަށް އަހަރުވެދާނެ" ޙަމީދު ވާހަކަދެއްކިއެވެ.

"ނުދެކެން. ފެނުނިއްޔާ އެމީހުން ދިޔަދޭނެތަ...؟ މަންމަގެ ހަށިގަނޑުގެ ކިތަންމެ ބާރު ދޫވެފައި ހުއްޓަސް ދުލެއް ނުކުރާނަން" ޙައްވަ ބުނެލިއެވެ.

"ދަރިފުޅު ދެން ކަންކަމާއި މާބޮޑަށް ވިސްނާ ފިކުރުނުކުރޭ. ކުރިންވެސް ދަރިފުޅަށް ވަނީ ސްޓްރޯކެއް ޖެހި ކުޑަކުޑަ ފުރުސަތަކުން ފުރާނަ ސަލާމަތްވެފައި. އެހެންވީމަ މި މުސްކުޅި މަންމައަށްޓަކައި ތި ވިސްނުންތަކާއި ފިކުރުތަކުން ދުރުވޭ" ޙަމީދުގެ ބޮލުގެ ބޯވެފައިވާ އިސްތަށިގަނޑުގައި ފިރުމާލަމުން ޙައްވަ ވާހަކަދެއްކިއެވެ.

*****************

ކައިވެނި ކުރެވޭ ދުވަސް ގާތްވަމުން ދާވަރަކަށް ނާހިދުގެ ހިތުގައި ނުތަނަވަސްކަމެއް އުފެދެމުން ދިޔައެވެ. އޭނާގެ ހިތުން ނައިޝީއަށް އަނތްބެއްގެ މަގާމު ދެވިދާނެ ކަމާމެދު ޝައްކުވަމުން ދިޔައެވެ. އޭނާގެ ފުށުން ހެދޭ ކުޑަކުޑަ ގޯހަކުންވެސް ނައިޝީގެ ހިތުގައި ޖެހޭކަށް އޭނާ ނޭދޭއެވެ. އޭނާއަށް ބަދަލުތަކެއް އައިސްފައިވާކަން މިވީ ކުޑަ މުއްދަތުގެ ތެރޭގައި ނައިޝީއަށް އިނގިފައި ވިޔަސް ނައިޝީގެ ހިތުގައި ނާހިދުގެ މައްޗަށް އުފެދިފައިވާ ލޯތްބަށް ކުޑަވެސް ލޮޅުމެއް ނާރައެވެ.

އާދައިގެ މަތިން ޑިއުޓީ ނިންމާފައި ގެއަށް ދާ ހިޔާލު ދޫކޮށްލުމަށްފަހު ޑޮކްޓަރ ކޮޓަރީގައި ނާހިދު ހަމަޖެހިލިއެވެ. އެއްވެސް މީހަކު އޭނާއަށް އުނދަގުކުރަން ނޭދޭތީ އެ ކޮޓަރި ލައިޓް ނިއްވާލައިގެން އިނީ އޭނާ އެތެރޭގައި އުޅޭކަން އެއްވެސް މީހަކަށް ނޭންގުމަށެވެ. އޭނާ ކޮންތާކުތޯ ބެލުމަށް ނައިޝީ ކުރި ސުވާލުގެ ޖަވާބުގައި ގޭގައި ކަމަށް ޖަހާފައި ރިޕްލައި ކޮށްލިއެވެ. އޭނާ ބޭނުންވަނީ އެކަނިވެރި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ގެއަށް ވަދެފިއްޔާ އިނާޝާއާއި މޯހަންދާސްގެ ކަމަކީ ނާހިދު ކައިރީގައި ބައިންދައިގެން ކައިވެންޏާ ބެހޭ ކޮންމެސް ވާހަކައެއް ދެއްކުމެވެ. އެކަމުން އޭނާގެ ބޮލުގައި އުފެދިފައިވާ ރިހުން ބޮޑުވުން ނޫން ކަމެއް ނުވެއެވެ. އެހެންކަމުން ގެއަށް ދާހިތެއް އޭނާ ނުވެއެވެ. ދެލޯ މަރާލައިގެން އެހީތެރިޔާ އިށިންނަ ގޮނޑިއަށް ދެފައި އަރުވާލައިގެން އިން ނާހިދު ސިހުނީ މޭޒު މަތީގައި އޮތް ފޯނު ވައިބްރޭޓްވާން ފެށި އަޑުންނެވެ. އޭނާ އަޅާވެސް ނުލާ ކުރިން އިގޮތަށް އިނެވެ. އެގޮތަށް ހަތަރު ކޯލް މިސްވިއިރު ވެސް އޭނާ އަޅައެއް ނުލިއެވެ. ފަސްވަނަ ފަހަރަށް ވައިބްރޭޓްވާން ފެށުމުން އޭނާ ފޯނު ނަގާފައި ބަލައިލިއެވެ. އިމްރާންކަން އިނގުމުން ނުނަގަން ހުރެފައިވެސް ފޯނު ނަގާފައި ކަންފަތުގައި ޖަހާލިއެވެ.

"އާދޭ ކޮފީއަކަށް. މީނީ އަޒާޑާ މަތީގަ" ނާހިދް ފޯނު ނެގުމާއެކު އިމްރާން ބުނެލިއެވެ. ނާހިދް ވަކި ޖަވާބެއްނުދީ ފޯން ކަނޑާލިއެވެ. އޭނާ ވިސްނާލިއެވެ. ކޮފީއަކީ އަބަދުވެސް އޭނާގެ ސްޓްރެސްތައް ފިލުވައިދޭ ބައިވެރިއެކެވެ. އޭނާ ފޯނު ނަގާފައި އިމްރާނަށް މެސެޖެއް ކޮށްލުމަށްފަހު ގޮނޑިން ތެދުވެ ހިނގައިގަތެވެ.

"ކަލެއެކޭ މިހާރު ތަދު ބޭހެކޭ އެއްގޮތެއްނު. އަހަރެން ގުޅާލިއްޔާ ނޫނީ ދިމައެއްނުވޭ" ނާހިދް އިށީނުމާއެކު އިމްރާން ބުނެލިއެވެ.

"ނުވަނީއޭ ވަގުތެއް. ޑިއުޓީ ނިންމާފައި ގެއަށް ގޮސް ޖައްސާލާއިރަށް އޮންނަނީ ނިދިފަ. މަންމަ ކާން ގޮވީމަވެސް ގިނަ ރޭތަކުގައި ހޭނުލެވޭ. އިޝީއަށް ވެސް ވަގުތުނުދެވޭ" ނާހިދް އޮޅުންފިލުވައިދިނެވެ.

"ތިއީ ދޮގެއް. އިންނަން އުޅޭ މަންޖެއަށް ވަގުތު ނުދީ ނުހުންނާނެއްނު. އެއީ ކިހާ ރޮމޭންޓިކް މަންޖެއެއް" ތުނބުގައި ޖަހާލި ސިގިރެޓްގެ ދުންތައް ވައިގެ ތެރެއަށް ފޮނުވާލަމުން އިމްރާން ބުނެލިއެވެ.

"އަހަރެން ހިތަށް އަރާ އިންމަ ކޮންއިރަކުންބާއޭ ތިކަންތައް ހުއްޓާނީ. ތިކީ ސަޅިކަމެއްނޫން އިންމަ" ނާހިދް ވާހަކަދެއްކިއެވެ. އޭނާ އެދެއްކީ އިމްރާން ދުންފަތުގެ އިސްތިޢުމާލް ކުރާ ވާހަކައެވެ. އިމްރާން ހިނިގަނޑެއް ޖަހާލިއެވެ.

"ކަލެއަށް ލައްވައިފައިވާ ކަހަލަ އުފާވެރިކަމެއް އަހަރެންނަށް އޮތްނަމަ ޔަޤީން މި ކީތްކުރަން ސުޕާރީ ފުކެއްވެސް އަނގައަށް ނުލާނަން. އަހަރެންގެ ހުރިހާ ވަގުތެއް ހުސްކުރާނީ އެމަންޖެއަށް" އިމްރާން ވާހަކަދެއްކިއެވެ. އިމްރާންގެ ވާހަކަތައް ހުންނާނީ އެހެންކަން މާކުރިންވެސް ނާހިދަށް އިނގުނެވެ.

"އިންމައަށް އިނގޭތަ! އަހަރެމެން ދެމީހުންގެ ތަފާތު އެފެންނަނީ. ތިބުނާ އުފާވެރިކަން އަހަރެންނަށް ކައިރިން ހަނާއަޅާއިރުވެސް އަހަރެންނަށް އުފާވެރިކަމެއް އިހުސާސެއް ނުވޭ... އަހަރެންގެ ހިތް އަދިވެސް ގޮވަނީ މާދުރުން ދަތުރުކުރަމުންދާ އޮޑިއަކަށް" ނާހިދް މާނަފުން ވާހަކަކޮޅެއް ދައްކާލިއެވެ.

"މަޑުކޮށްބަ. ތިބުނީ މި ކައިވެނިވެވޭތީ ނާޑު އެކްސައިޓް ނުވާ ވާހަކަތަ؟ ނޫނީ ކުރަން ބޭނުންނުވާ ވާހަކަތަ...؟" މޭޒުމަތީގައި ހުރި އަޅިކެނޑިއަށް ފިލިޓަރ ބުރި ވައްޓާލަމުން އިމްރާން ވާހަކަދެއްކިއެވެ.

" އައި ޑޯންޓް ލަވް އިޝީ... އާނ އިޝީ ވަރަށް ރީތި ކުއްޖެއް. ޝީ ލަވްސް މީ މޯރ ދެން ހަރ ސެލްފް. އެކަމު ބުނާކަށް ނޭނގޭ މެރީކުރާ ދުވަސް ކައިރިވާ ވަރަކަށް ހިތް ނުތަނަވަސްވަނީ" ނާހިދް ވާހަކަދެއްކިއެވެ.

"އޭ.. އަސްލަށްވެސް މީހަކު ދެކެ ޙަޤީޤީ ލޯބި ވެވިއްޖިއްޔާ ތިއީތަ ވާގޮތަކީ" އިމްރާން ބުނެލިއެވެ.

"ޕްލީޒް އިންމަ ސީރިޔަސް ވެބަލަ. އަހަރެންނަށް މިކަމުގައި އެހީތެރިވެދޭނެ ކަމަށް މިއައީ.. ޕްލީޒް އަހަރެން އެކައިވެނި ކުރަންވީތަ؟" ނާހިދް އަހާލިއެވެ.

"އަހަރެންގެ ހިޔާލަކަށް އެދުނީތީ ބުނެފާނަން. އަޒްކާ މަތިން ހަނދާން ނައްތާލާ. ޝީޒް ޔުއަރ ޕާސްޓް. ނާހިދުގެ ހަލާކު. ނަސީބު ތިވަނީ އަތުގައި ހިފާފައި. ހެޔޮނުވާނެ އެކުއްޖާގެ ހިތްހަލާކު ކޮށްލާކަށް. އެއީ ކިހާ ލޯބި ކުއްޖެއް. ކުރު ހެދުންކޮޅު ނުލިޔަސް ބޭރުގެ މޮޑެލްއަކާއި އެއްވެސް ތަފާތެއްނެތް. މޫނު މަތިންވެސް ފޮނިކަމެއް ބޮޑާކަމެއް ނުފެނޭ... ނާޑް....!! މަ ބުނަންތަ ވާހަކައެއް. ނައިޝީއާއި އެކުގައި އާ ލައިފެއް ފަށާ. މިހާރު ލޯބި ނުވިޔަސް ފަހުން ލޯބިވެވޭނެ" އިމްރާން އޭނާގެ ހިޔާލު ނާހިދުގެ ކުރިމަތީގައި ފާޅުކޮށްލުމާއެކު ނާހިދް މޭޒުގައި ބޯއަޅާލިއެވެ. އޭނާ ވިސްނަމުން ދިޔައެވެ. އެންމެން އޭނާ ކައިރީގައި އަޒްކާގެ މަތިން ހަނދާން ނައްތާލުމަށް އެބުނަނީ ކީއްވެގެން ހެއްޔެވެ؟ އެކަކުވެސް އަޒްކާއަށް އިންތިޒާރު ކުރަން ނުބުނަނީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހިތުގެ ހާލު އެއްވެސް މީހަކަށް އިހުސާސް ނުވަނީ ހެއްޔެވެ؟ ލޯބިނުވާ މީހަކާއިއެކު ދިރިއުޅުމެއް ފެށުމުން ނިކުމެދާނެ ނަތީޖާއަކާއިމެދު އެކަކުވެސް ނުވިސްނަނީ ކީއްވެގެން ހެއްޔެވެ؟ އެކުވެރިޔާ ކައިރިއަށް އޭނާ އައީ އެންމެފަހުގެ ނިންމުން ނިންމަން ދަތިވެގެންނެވެ. އެކުވެރިޔާވެސް އެދުނީ އޭނާ އެ ކައިވެނި ކުރުމަށެވެ.

"އޯލްރައިޓް... އަހަރެން މި ކައިވެނި ކުރާނަން. އެކަމަކު ކައިވެނީގެ ކުރިން އެއްވެސް ކަމެއް އިޝީއަށް އޮޅުވާލާފައި ބާއްވާކަށް އަހަރެން ބޭނުމެއްނޫން. ކައިވެނިކޮށްފަ ދެ ދުވަސް ނުވަނީސް އަހަރެންގެ ސަބަބުން މި ކައިވެނި ރޫޅާލާކަށް ބޭނުމެއްނޫން. އަހަރެންނަށް ވަގުތު ބޭނުންވޭ" ނާހިދް ވާހަކަދެއްކިއެވެ.

"ދެން ތިއީ ނާޑުގެ އަމިއްލަ ކަމެއް. ބޭނުމިއްޔާ ކިޔާދީ ނައިޝީއަށް. އެވަރުގެ ކުއްޖެއް ދެން ނާޑުއަށް ހިއެއްނުވޭ ލިބިދާނެހެނެއް. އެހެންނޫނަސް އެހާ ރީތި ކުއްޖެއް ޗުވިންގަމް ގަނޑެއްހެން އަބަދު ގައިގަ ތަތްލަވާފައި ހުންނައިރު ތި ހިތަށް ކުޑަވެސް ގޮތެއް ނުވޭތަ...؟" އިމްރާން ބުނެލިއެވެ.

"ހެހެހެ.. ނުވޭ... ވަރަށް ލަސްވެއްޖެ. ޑިއުޓީ ނިމުނު ގޮތަށް އަދި ގެއަށް ނުގޮސް މިއުޅެނީ. މަންމަ ހުންނާނީ ވަރަށް ކަންބޮޑުވެފަ. ހިނގާ ނައްޓާލަމާ" ނާހިދް ބުނެލިއެވެ.

**************

މެންދުރު ފަސްވެގެން އައިރު ގޭތެރޭގައި އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުހްސިން އެކުވެރިޔަކާއެކު ބޭރަށް ދިޔަ ގޮތަށް އަދި ނާދެއެވެ. ކާ މޭޒު ކައިރީގައި ފޮތަކާއި ގަލަމެއް ދީފައި އަމީޒާ ބައިންދާފައި ފަރީޝާ އިނީ ކޮޓަރީ އެނދުގައެވެ. މިހާރު ގިނަ ވަގުތު އަމީޒާ ހޭދަކުރަނީ ފޮތުގައި ތަފާތު ލިޔުންތަކާއި ކުރެހުންތަކެއް ކުރެހުމުގައެވެ. އަމީޒާ ހަމައެކަނި އަނގައިން ނުބުނާކަން އެކަންޏެވެ.

އެނދުގައި އިން ފަރީޝާ ކުއްލިއަކަށް ސިހުނީ ކޮޓަރީ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އޭނާއަށް ވަކި ޖަވާބެއް ނުދެވިގެން އުޅެނިކޮށް ކޮޓަރީ ދޮރު ހުޅުވާލާފައި ނުޝައިބާ ވަނެވެ. އޭނާ ފަރީޝާ ކައިރިއަށް ދިޔައީ މޭޒު ދޮށުގައި ލިޔަން އިން އަމީޒާއަށް ހިނިތުންވުމެއް ދީފައެވެ.

"ނަތާ ބުނީ ދޮންދައްތަ އަހަރެން ހޯދިއޭ" ފަރީޝާ ކައިރީގައި އިށީންނަމުން ނުޝައިބާ ބުނެލިއެވެ.

"އާނ... އެއީ ވާހަކައެއް ދައްކާލަންވެގެން. ގޭގައި ނޫޅެޔޭ ބުނީމަ މީނީ މަޑުކޮށްލައިގެން" ފަރީޝާ ބުނެލިއެވެ.

"ފިހާރައަކަށް ދިޔައީ. ފަޒާ ފުރާއިރު ހަދިޔާއެއް ދޭންވާނެއްނު. އެހެންވެ" ނުޝައިބާ ބުނެލިއެވެ. ފަރީޝާ ހިނިތުންވެލިއެވެ.

"ދެން ބުނެބަލަ ތިބުނަން އުޅޭ ވާހަކައެއް؟ ނުޝައިބާ ބުނެލިއެވެ.

ވާހަކަދައްކަން ފެށުމުގެ ކުރިން ފަރީޝާ ވަރަށް ފުން ނަޒަރަކުން ނުޝައިބާގެ މޫނަށް ބަލާލިއެވެ. އޭނާ އިރުކޮޅަކު ހިމޭނުން އިނެވެ.

"ފަޒާ ދެކެ ޝައިބާ ކިހާ ވަރަކަށް ލޯބިވޭތަ...؟" ފަރީޝާ އަހާލިއެވެ.

"ތީ ކޮންކަހަލަ ސުވާލެއް؟ ފަޒާ އެއީ އަހަރެންގެ ބަނޑުން ނުވިހާ ދަރިއެއްނު. ނަތާޝާއެކޭ ނަޝްވާއެކޭ ފަޒާ ތަފާތެއް ނުކުރަން" ނުވެސް ކުރާނަން" ނުޝައިބާ ވާހަކަދެއްކިއެވެ.

ފަރީޝާ ވާހަކަދައްކަން ފެށިއެވެ. މޭޒު ދޮށުގައި އިން އަމީޒާ ފަހަތަށް އެނބުރި އެދެމީހުންނަށް ބަލައިލީ އެދެމީހުން ސިއްރު ވާހަކަތަކެއް ދައްކާކަން އިނގުމުންނެވެ. އޭނާއަށް ސާފު ނުވިޔަސް އެމީހުންގެ އަމިއްލަ ކަމަކަށް ވާތީ މަޑުން އިނެވެ. ނުޝައިބާގެ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރުތަކުން ކަންތައްތައް ރަނގަޅު ނޫންކަން ހާމަވަމުން ދިޔައެވެ. ކުއްލިއަކަށް ކޮޓަރި ދޮރުހުޅުވާލާފައި ވަތް އަޒްކާ ފެނިފައި ދެމީހުންނަށްވެސް ސިހުމެއް ލިބުނެވެ.

"މަންމަ މިތަނުގަތަ...؟ ދޮންތަގެ ފޯނެއް؟" އަތުގައި އޮތް މޯބައިލް ފޯނު ދައްކާލަމުން ނަތާޝާ ބުނެލިއެވެ. އެހެން ނަމަވެސް ނުޝައިބާ ޖަވާބެއް ނުދިނެވެ. ނަތާޝާގެ މޫނަށް އޭނާ ބަލަމުން ދިޔައީ ތަފާތު ނަޒަރަކުންނެވެ. ވާނުވާ ނަތާޝާއަށް ނޭނގުމުން ނުޝައިބާގެ މޫނަށް ބަލަހައްޓައިގެން ހުރީ ހިނިތުންވެފައިވާ މޫނަކާއިގެންނެވެ.

*************

ދެ ހަފްތާ ފަހެވެ. ރަން ކިޔުމުގެ ޙަފްޟާ ނިންމާލާފައި އެކަމަށް ޙާއްސަކޮށްފައިވާ މީހުން ގެއިން ނިކުތުމާއެކު ދެފަރާތުގެ އާއިލާ އެއް ސުފުރާ މަތިން ރޭގަނޑުގެ ކެއުން ފެށިއެވެ. ނާހިދާއި ދިމާލަށް އިން ނައިޝީގެ ތުންފަތް މަތީގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ.

"ހަތް ދުވަސް ފަހުން ކައިވެނި. ހުރިހާކަމެއް ބައްޕަމެން ތިދެކުދިންނަށް މި ހަވާލުކުރީ. އެއްވެސް ކުއްޖަކު މިކަންތައް މަޖަލަކަށް ނަހަދާތި. މި އުޅެނީ ދެކުދިން އެކީގައި އާޚިރަތަށްޓަކައި ދިރިއުޅުމެއް ފަށަން" މޯހަންދާސް ވާހަކަދައްކަމުން ދިޔައެވެ. ނާހިދު ބޯޖަހާލިއެވެ. އޭނާގެ މޫނުމަތިން ޕްލާސްޓިކް ހިނިތުންވުމެއް ފާޅުވާން ހުއްޓަސް މޭތެރޭގައި އޮތް ހިތުގައި ވަނީ ރިހުމެއް އުފެދިފައެވެ. އަލަތު ލޯބި އަތުން ބީވުމުގެ ހިތާމަ އަބަދުވެސް ކުރާނެއެވެ.

"ދެކުދިންގެ ހަނީމޫނަށް ދާނެ މަންޒިލެއް ކަނޑައަޅާފައި ބުނޭ އިނގޭ މަންމަ ކައިރީގައި. ހުރިހާ ކަމެއް ހަމަޖައްސައިދޭނަން" ނޫރުޒާދާގެ ޖުމްލައާއިއެކު ނާހިދަށް ނައިޝީގެ މޫނަށް ބަލައިލެވުނެވެ. އެދަނޑިވަޅު އެއީ ނައިޝީވެސް ނާހިދަށް ބަލައިލި ވަގުތެވެ. ނައިޝީގެ ހިނިތުނވުމެއް ދިންއިރު ނާހިދު ކަންބޮޑުވަމުން ދިޔައެވެ. އޭނާގެ މޫނު މައްޗަށް ވެރިވި ކުލަވަރު ނައިޝީއަށް ފާހަގަވުމުގެ ކުރިން އޭނާ ހިނިތުންވެލިއެވެ.

************

މާލޭގެ ހަމަހިމޭން ކެފޭއެއްގެ ތެރެއެވެ. ދުވާލުގެ ވަގުތަށް ވުމުން މާގިނަ މީހުން ފެންނަން ނެތަސް ދެ މޭޒެއްގައި މީހުން ތިއްބެ ވެ. މުޅިން ވެސް ފިރިހެނުންނެވެ. އެއްފަރާތުގައި ބަހައްޓާފައިވާ މޭޒެއް ކައިރީގައި އިނދެ ސިގިރެޓަކަށް ފަހު ސިގިރެޓެއް ހުލި ކުރަމުން ދިޔަ ހަމަދު އިރުކޮޅަކާއި ފޯނުން ގަޑި ބަލައިލައެވެ. ކުއްލިއަކަށް އޭނާ ސިހުނީ މޭޒު މައްޗަށް ފައިބައިގަތް ފަސް ސަތޭކައިގެ ނޫޓް ތަކެއް ފެނިފައެވެ. ދެލޯ ބޮޑުކޮށްލަމުން އޭނާ އިސްއުފުލާ ބަލައިލިއެވެ.

"ތިވަރުން ވާނެތަ...؟ ބޭނުމިއްޔާ އަދިވެސް އިތުރަށް ދީފާނަން. އަދި ތިއީ އެޑްވާންސް. މަސައްކަތް ފުރިހަމަކުރީމަ އިތުރަށް ލިބޭނެ" ހަމަދުގެ ކުރިމަތީގައި ހުރި މާހިލް ގޮނޑި ދަމާލާފައި އިށީންނަމުން ބުނެލިއެވެ.

"ކޮބާ ޓާސްކަކީ...؟" ތުނބުން ސިގިރެޓް ވަކިކޮށް އޭނާގެ ހޭވިފައިވާ ބޯ އިސްތަށިގަނޑު އެއްކޮށްލާ އަތުގެ ކުޑަހުޅު ކައިރިން އަޅުވާލާފައިވާ ވޫލްކޮޅުން އައްސާލަމުން ހަމަދު ބުނެލިއެވެ.

"އިންނާނެ ކަލެއަށް ވައިބަރ ކޮށްފަ ފޮޓޯއެއް. އެ ފޮޓޯގައި އިން އަންހެންކުއްޖާ އަހަރެން ބުނާ އެޑްރެހަކަށް ގެންގޮސްދޭންވީ. އެހިސާބަށް ގެންދިޔުމުން ކަލޭގެ ޓާސްކް ފުރިހަމަވީ. ދެން ހުރި ކަންތަކާއި އަހަރެން ހަވާލުވާނަން" މާހިލް ވާހަކަދެއްކިއެވެ. ހަމަދު ބޯޖަހާލިއެވެ.

"ތިބުނާ ކުއްޖާ އުޅޭތަން މެސެޖްކޮށްލާ. މިރޭ އިރު އަރަންވާއިރަށް ތިކަންތައް ކޮށްލަދޭނަން" ހަމަދު ޔަޤީންކަމާއެކު ބުނެލިއެވެ.

"އެކުއްޖާ އުޅޭތަން ނޭނގިގެން ހޯދަން މި ހަވާލުކުރީ ކަލެއާ. އެއީ ކަލޭގެ ޓާސްކުގެ އެއްބައި. މިކަހަލަ ކުޑަކުޑަ ތަނެއްގައި މީހަކަށްް ފިލައިގެން އުޅެވޭނެތަ؟" މާހިލް ވާހަކަދެއްކިއެވެ.

"އޯލްރައިޓް... ހަފްތާއެއްގެ މުއްދަތު ދީ" ހަމަދު ބުނެލިއެވެ. މާހިލް އެއްބަސްވިއެވެ.

މޭޒުމަތީގައި ހުރި ފައިސާތައް އެއްކޮށްލައިގެން އުކުޅުވަޅުގެ ދެފަރާތުގައި އެޅި އެލިފައިވާ ޖީންސުގެ ޖީބަށް ފައިސާތައް ކޮށްޕާލަމުން ހަމޫދު ހިނގައިގަތެވެ.

"މަޑުކުރޭ... ރިމެމްބަރ މައި ވާޑް. ހަނދާން ނައްތާނުލާތި އަހަރެން މިއީ ޑެވިލްއެއްކަން" ހަމަދު ބަލައިލުމުން މާހިލް ވާހަކަދެއްކީ ހަށިގަނޑަށް އެއްވެސް ހަރަކާތެއް ނުގެނެސް އެ އިންގޮތަށް އިނދެއެވެ. ހަމަދަށް ބަލައިވެސް ނުލައެވެ. މާހިލްގެ އެ އިންޒާރުގެ ބަސްކޮޅުން ހިނދުކޮޅަކަށް ހަމަދުގެ ހިތުގައި ބިރުވެރިކަމެއް ހިނގާލިއެވެ. ކެފޭއިން ނިކުތުމަށްފަހު ހަމަދު ވިސްނާލިއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ރާއްޖޭގައި ހުރި އެންމެ ނުލަފާ ޑެވިލްއަކީ އޭނާއެވެ. ވީއިރު މާހިލްއަކީ އޭނާގެ ނަޒަރުގައި ސުމެއްގެ މީހެކެވެ.

***********

ކާއެއްޗެހި އަޅާފައި ހުރި ތަބަށް އަތް މައްޗަށް ލައިގެން ނުޝައިބާ ސިޑިން އަރައިގެން ދިޔައެވެ. އޭނާ މަޑުކުރީ ނަތާޝާގެ ކޮޓަރި ދޮރު ކައިރީގައެވެ. އެތައް ފަހަރަކު ޓަކި ޖެހުމުންވެސް ނުހުޅުވިއެވެ. ދެފަރާތަށް ބޯހޫރާލުމަށްފަހު އެއްފަރާތުގައި ބަހައްޓާފައި ހުރި އުސް މޭޒެއްމަތީގައި ތަބަށް ބެހެއްޓިއެވެ. އެ ކޮޓަރިއާއި ޖެހިގެން ދެތިން ކޮޓަރި ދޫކޮށްލުމަށްފަހު ހުރި އޭނާގެ އަމިއްލަ ކޮޓަރިއަށް ގޮސް ވަނެވެ. ނިކުތް އިރު އަތުގައި އެލުވާލާފައި ބޮޑު ތަޅުދަނޑި ފައްޗެއް އޮތެވެ.

އަތުގައި އޮތް ތަޅުދަނޑިފަތި ބޭނުންކޮށްގެން ނަތާޝާގެ ކޮޓަރި ދޮރު ހުޅުވާލާފައި ވަނީ ކާއެއްޗެހި އަޅާފައި ހުރި ތަބަށް ހިފައިގެންނެވެ. ދިމާލަށް ހުރި ބޮޑު އެނދުގައި ބަންޑުން އޮށޯވެގެން ނަތާޝާ އޮތެވެ. މީހަކު ކޮޓަރިއަށް ވަތްކަން އިނގޭ އިރުވެސް އަޅާވެސްނުލާ އޭނާ އޮތެވެ. އެހެނީ އެކޮޓަރިއަށް ނުޝައިބާ ނޫން އެހެން އެއްވެސް މީހަކު ނުވަންނާނެކަން އޭނާއަށް އިނގޭ ކަހަލައެވެ.

"ނަތާ....! ތެދުވޭ ކާން" މަންމަ މިއައީ ކާއެއްޗެހި ހިފައިގެން" ނަތާޝާގެ މަގަތުން އެނދުގައި އިށީންނަމުން ނުޝައިބާ ވާހަކަދެއްކިއެވެ.

"ނުކާނަން. ނުވޭ ބަނޑުހައެއް" ނަތާޝާ ވާހަކަދެއްކިއެވެ. ނުޝައިބާ ދެފަރާތަށް ބޯހޫރާލިއެވެ. އޭނާގެ އެންމެ ހަގު ދަރިފުޅަކީ ގޮތްދޫނުކުރާ ކުއްޖެއްކަން އޭނާއަށް އިނގެއެވެ. ހިތްހަމަނުޖެހޭ ކަމެއް ވެއްޖެނަމަ ކާއެއްޗިއްސާއި ދުރުން ދެތިން ދުވަހު އުޅޭނެއެވެ. އެހެންނަމަވެސް މިފަހަރު އެހެންފަހަރުތަކާއި ޚިލާފެވެ. ރަނގަޅަށް ކާއެއްޗެއް ނުކާތާ ހަފްތާއެއް ވަނީއެވެ. އޭނާގެ ދަރިފުޅު ބޭނުންވެގެން އެ އުޅޭ ކަންތައް މިފަހަރު ކޮށްދެވެން އޭނާއަށް ނެތެވެ. އެހެނީ އެދަރިފުޅު ވަނީ އޭނާއަށް ދޮގުހަދާ އޮޅުވާލާފައެވެ.

"ދެން ތިއީ ކޮން ފާޑެއްތަ އުޅެން. ނަތާ ތިހެން ނުކައި އޮތީމަ އެއްވެސް ކަމެއް ރަނގަޅުވާނެތަ..؟ ނުޝައިބާ ވާހަކަދެއްކިއެވެ. އޭނާގެ އަޑުގައި ހިތްހަމަނުޖެހުން އެކުލެވިގެންވެއެވެ.

"މަންމަ ކަންތައް ކުރީ ރަނގަޅަށްތަ...؟ މަންމަ އަތުގައި ހިތެއް އެބައޮތްތަ...؟ މަންމަ ތިހާ ހާރޓްލެސް މީހަކަށްވީ ކޮންއިރަކު...؟ ގައިނީ ޑޮކްޓަރަކަށްވެ ހުރެ ޕްރެގްނެންޓް ވުމަންއަކާއި މެދު މަންމަ ކަންތައް ތިކުރީ ކިހިނެއް...؟؟" ނަތާޝާ އޭނާގެ ހިތުގައި އުފެދިފައިވާ ހުރިހާ ޝަކުވާތައް އެއްފަހަރާ ނުޝައިބާ ކުރިމައްޗަށް އޮށްސާލިއެވެ.

"މަންމަ މިތަނަށް މިއައީ ނަތާޝާއާއި އެކުގައި ތި މައުޟޫއަށް ވާހަކަދައްކާކަށް ނޫން. އެހެންނޫނަސް މަންމައާއި ތިފާޑަށް ވާހަކަދައްކަން ނަތާޝާއަށް ދަސްކޮށްދިނީ ކާކު...؟" ހިތްހަމަނުޖެހިފައި ނުޝައިބާ ވާހަކަދެއްކިއެވެ.

"ނޫޅެން ކާކަށް" އަނެއްފަރާތަށް މޫނު އަނބުރާލަމުން ނަތާޝާ ބުނެލިއެވެ.

"ނުކަންޏާ އޮވޭ.. ބަނޑުހައިވަންޏާ ނުކައެއް ނުފުދޭނެ" ކޮޓަރިން ނިކުންނަމުން ނުޝައިބާ ހިނގައިގަތެވެ. ކޮޓަރި ދޮރުމައްޗަށް އެރި މީހަކު ފެނި ނުޝައިބާއަށް ހީލަންވެސް ނޭނގުނެވެ. އެހާ ކުއްލިގޮތަކަށް އޭނާގެ ފިރިމީހާ ޔޫސުފް ފެނުމުން އޭނާ ކަރު އެލުވާލިއެވެ. ޔޫސުފް އެ އައީ ނަތާޝާގެ ހާލަތު ފޯނުން ގުޅާފައި ނުޝައިބާ ކިޔައިދިނުމުންނެވެ. ކުލަ އޮށްސިފައިވާ ނުޝައިބާގެ ދެ ކޮނޑުގައި ހިފާލަމުން ހަމަޖެހުމަށް ޔޫސުފް ބުނެލިއެވެ.

"ދަރިފުޅާ..!" ނަތާޝާ ބޯހިއްލާލައިފައި ބަލައިލީ އެ އަޑު އެނާއަށް ޔަޤީން ނުވުމުންނެވެ. ކޮޓަރި ދޮރުމަތީގައި ހުރި އޭނާގެ ލޯބިވާ ބައްޕަ ފެނުމާއެކު ދުވެފައި ގޮސް ބައްދައިގަތެވެ.

"ބައްޕަގެ މި ކުޑަކުޑަ ދަރިފުޅު ދުވަހަކުވެސް ބޮޑެއްނުވާނެ. މިހާރު ކޮންކަމަކާ މަންމައާއި ދެކުދިން ފައިޓް ކުރަނީ" ހުރިހާ ކަމެއް އެނގިހުރެ ނަތާޝާގެ ބޮލުގައި ފިރުމާލަމުން ޔޫސުފް އަހާލިއެވެ.

ނަތާޝާ ގޮވައިގެން ގޮސް އެނދުގައި އިށީނުމާއެކު ހުރިހާ ވާހަކައެއް ޔޫސުފަށް ކިޔައިދޭން ފެށިއެވެ. އޭނާ ހީލާފައި ރޮމުން ދިޔަ ނަތާޝާގެ ދެލޯ ކައިރި ފޮހެލިއެވެ.

"ދަރިފުޅާ...! ނިކަން މަންމަގެ ސައިޑުން ވިސްނާލަބަލަ. މަންމަ އެވަގުތު ރުޅިއައިއްސަ ހުރި ވަރުން އެގޮތަށް ކަންތައްކުރީ. ދަރިފުޅުގެ ތި އެކުވެރިޔާއަށްޓަކައި ދުޢާކުރޭ. ހުރިހާކަމެއްވެސް ރަނގަޅުވާނެ" ތަށީގައި އޮތް ރޮށިން ރޮށިކޮޅެއް ނައްޓާލުމަށްފަހު ކުޅިމަސް ކޮޅަކާއެކު ނަތާޝާގެ އަނގައިގައި ލަވާލަމުން ޔޫސުފް ވާހަކަދެއްކިއެވެ. ކޮޓަރި ދޮރުމަތީގައި އެ މަންޒަރު ބަލަން ހުރި ނުޝައިބާ ހިނިތުންވުމަކާއެކު މަޑުމަޑުން ދޮރު ލައްޕާލިއެވެ.

"ތިއުޅެނީ ވޯލްޑްސް ލޯންގަސްޓް ހަންގަރ ސްޓްރައިކަރއަށް ވާންތަ؟ ހެހެހެ.... ނަތާއަށްވެސް އިނގޭނެ މިދުވަސްކޮޅަކީ ބައްޕައަށް ވަރަށް ބުރަ ދުވަސްކޮޅެއްކަން. ބައްޕައަކީ ވަކި މުއްދަތަކަށް ނ.އަތޮޅުގައި މަސައްކަތްކުރާ މީހެއްކަން. ދެތިން ދުވަހުގެ ކުރު ޗުއްޓީއަކަށް ބައްޕަ މިއައީ ހަމައެކަނި ނަތާއަށްޓަކައި. ނަތާ ތިގޮތަށް ހަންގަރ ސްޓްރައިކްގައި އުޅެންޏާ ބައްޕަ ކިހާ ދެރަވާނެ" ނަތާޝާއަށް ކާންދެމުން ޔޫސުފް ވާހަކަދައްކަމުން ދިޔައެވެ. ހިމޭންކަމާއެކު ނަތާޝާ އަޑުއަހަން އިނެވެ.

**************

ކައިވެނި ކުރުމަށް ހަމަޖެހިފައިވަނީ ކޯޓުގައި ކަމަށްވާތީ ދާންޖެހޭ ގަޑީގެ ދެ ގަޑިއިރު ކުރިން ނައިޝީ ތައްޔާރުވާން ފެށިއެވެ. އޭނާއަށް އިނާޝާގެ ޚަރަދުގައި ދިން ބޮޑު ހެދުން ހިފައިގެން ނަޝް ސެލޫންއަށް މޭކަޕް ކުރުމަށް ދިޔުމަށްޓަކައި ނޫރުޒާދާއާއި އެކުގައި ނިކުތް ވަގުތު ނާހިދްގެ ކޯލެއް ލިބުނެވެ. އޭނާ އިރުކޮޅަކު ވާހަކަދެއްކުމަށްފަހު އަލުން ގެއަށް ވަނެވެ.

"ކިހިނެއްވީ...؟" ޓެކްސީއަށް ގުޅާފައި އަލުން ނައިޝީ ގެއަށް ވަނުމުން ނޫރުޒާދާ އަހާލިއެވެ.

"ނާހިދް އެބައާދޭ. އޭނަ ކޮންމެސް ވާހަކައެއް ދައްކަން ބޭނުންވެގެން. އަދި ވަގުތު އެބައޮތެއްނު" ނައިޝީ ބުނެލިއެވެ.

"އެހެންވިއްޔާ މަންމަ މި އަންނަނީ ދޮންތަމެން ރަށުން އަންނަން ވާއިރަށް ކޮޓަރިތެރެ ރަނގަޅުކޮށްލާފައި. އެމީހުން އަންނައިރު ހުންނާނީ ވަރަށް ވަރުބަލި ވެފައެއްނު" ނޫރުޒާދާ ބުނެލިއެވެ.

ސިޓިންގރޫމްގައި ހުރި ނައިޝީ ނާހިދަށް އިންތިޒާރު ކުރަމުން ދެކޮޅަށް ހިނގަން ފެށިއެވެ. އިރުކޮޅަކާއި އަތުކުރީގައި އޮތް ގަޑިއަށް ބަލައިލައެވެ. ނާހިދް ލަސްވެގެން އޭނާ ގޭ ދޮރު މައްޗަށް ނިކުމެލި ވަގުތު އެއީ އެގޭ ކައިރީގައި ނާހިދް ސައިކަލް މަޑުކޮށްލި ވަގުތެވެ. ނައިޝީ ފެނުމާއެކު ހިނިތުންވެލިއެވެ.

"ހިނގާ އެތެރެއަށް" ނާހިދްގެ އަތުގައި ހިފާލަމުން ނައިޝީ ބުނެލިއެވެ.

"މިތަނުގަތަ؟ ނޫނީ ކޮޓަރިއަށްވެސް ދެވިދާނެ" ސިޓިންގްރޫމުގައި މަޑުކޮށްލުމަށްފަހު ނައިޝީ އަހާލިއެވެ.

"މިތަނުގަ ވާހަކަދައްކަނިކޮށް މަންމައަށް އަޑު އިވިދާނެ. އެހެންވީމަ ހިނގާ އިޝީ ރޫމަށް" ނާހިދް ބުނެލިއެވެ. ނައިޝީގެ މަންމައަށް ނާހިދް 'މަންމަ' ގެ ނަމުން މުހާތަބް ކުރުމުން ނައިޝީގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.

"އަހަރެން މިހާރު ބިރު ގަންނަން ފަށައިފި. އަނެއްކާ ކިހާ ވަރެއްގެ ވާހަކައެއްބާ ބުނަން ތިއުޅެނީ؟ އަވަސްކޮށްލާ. އެހެންނޫނީ ގަޑިއަށް ކޯޓަށް ނުދެވިދާނެ" ކޮޓަރިއަށް ވަދެ ދޮރު ލައްޕާލަމުން ނައިޝީ ބުނެލިއެވެ.

"މިކައިވެނި ކުރަން އަހަރެން ބޭނުމެއްނޫނޭ ބުނެފިއްޔާ....؟؟" ނައިޝީއާއި ހަތަރުކަޅި ހަމަކޮށްލަމުން ނާހިދް ބުނެލިއެވެ.

(ނުނިމޭ)