ބޮލީވުޑް

ފުއްލާ ޝިކާރަ ކުރި މައްސަލައިގައި ސައިފް، ސޮނާލީ، ނީލަމް އަދި ތާބޫއަށް އަނެއްކާވެސް ހައިކޯޓު ނޯޓިސް

އިންޑިއާގެ ޖޯދުޕޫރްގައި ހިމާޔަތްކޮށްފައިވާ ފުއްލާގެ ބާވަތެއް ކަމަށްވާ ބްލެކްބަކް މީގެ 21 އަހަރު ކުރިން ޝިކާރަކުރި ކަމަށް ބުނާ މައްސަލާގައި ދައުވާކުރި ހަތަރު ތަރިން ކަމުގައިވާ ސައިފް އަލީ ޚާން، ސޮނާލީ ބަންޑްރޭ، ނީލަމް ކޮތަރޭ އަދި ތާބޫ އަށް އާ ނޯޓިސްއެއް ރާޖަސްތާންގެ ހައިކޯޓުން ފޮނުވައިފިއެވެ.

ރާޖަސްތާނުގެ ކޯޓުގެ ޖަޖެއްކަމުގައިވާ މަނޯޖް ގާޖް މިއަދު ނެރެފައިވާ އެ ނޯޓިސްގައި ބުނާ ގޮތުގައި މީގެ އަށް ހަފްތާ ފަހުން އެ މައްސަލައިގެ އަޑުއެހުން އޮންނާނެއެވެ.

މިދިޔަ އަހަރު އޭޕްރިލްގައި ޖޯދްޕޫރު ކޯޓުން ވަނީ އެ ދައުވާ ސާބިތު ނުވާކަމަށް ހުކުމް ކޮށްފައެވެ. އެކަމާ ގުޅިގެން އެ ސްޓޭޓްގެ ސަރުކާރުން އެ މައްސަލަ އިސްތިއުނާފު ކުރުމުން، މައްސަލައިގައި ދައުވާ ލިބޭ ތަރިންނަށް ޖޯދުޕޫރް ހައި ކޯޓުން ވަނީ މާރޗް 11 ގައި ނޯޓިސް ފޮނުވާފައެވެ.

މި މައްސަލަ ދައުވާ ލިބޭ ބަތަލު ސަލްމާން ޚާނަށް ވަނީ މީގެ ކުރިން އިންޑިއާގެ ވައިލްޑްލައިފް ޕްރޮޓެކްޝަން އެކްޓްގެ ދަށުން މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއާއެކު 10000 ރުޕީސް އިން ޖޫރިމަނާވެސް ކޮށްފައެވެ.

ސަލްމާން ގެ މައްޗަށް ސާބިތު ވެފައިވަނީ 1998ގައި ފިލްމު "ހަމް ސާތް ސާތް ހެއި" ގެ ޝޫޓިން ތެރޭގައި ދެ ބްލެކްބަކްސް ޝިކާރަކުރިކަމުގެ ދައުވާއެވެ. އެ ހުކުމް އިއްވާފައިވަނީ 2018 ވަނަ އަހަރުގެ އޭޕްރީލް ފަސްވަނަ ދުވަހުއެވެ.

ސަލްމާން ޖަލަށް ލީތާ ދެ ދުވަސްފަހުން ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އަދި އޭނާ ވަނީ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ސަލްމާނަށް ހުކުމް ކުރިއިރު މައްސަލަ ރައްދުވާ އަނެއް ހަތަރު ތަރިން ކަމުގައިވާ ސައިފް، ތާބޫ، ސޮނާލީ އަދި ނީލަމް އަށް ހެކި ނެތުމުގެ ސަބަބުން މައްސަލަ ސާބިތު ނުވާކަމަށް އޭރު ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.