ވާހަކަ

ކުރުވާހަކަ: އާފެށުމެއް

މަރިޔަމް ޝަހުދާ

ޒަމްރާ ސައިކަލަށް އަރައި ކޯޓާ ދިމާއަށް މިސްރާބުޖެހީ އޭނާ އެކަމަކަށް އިންތިޒާރު ކުރަމުން އައިކަންތައް ކާމިޔާބުވުމުގެ ވަގުތު ކުޑަތަންވެފައިވާތީއެވެ. ކޯޓަށް ދަރިފުޅު ހޯދަންދާން ނިންމައި ފޯމު ހުށަހެޅި ހިސާބުން އޭނާގެ ފުރާނަފަދަ ދަރިފުޅު ފެނިފައި ނުވުމުން އޭނާގެ ހިތް އެދި ރޮނީ އެމައުސޫމް މޫނު ދެކިލުމަށެވެ. މާޒީގެ ކަޅު ސަފުހާތައް އޭނާގެ ހިތުގައި އަދިވެސް ފަނޑުނުވެ ރައްކާކުރެވިފައިވަނީ އޭނާގެ ކާމިޔާބީގެ ސިއްރަކީ އޭނަގެ މާޒީކަމަށް ވާތީއެވެ.

**********

ސްކޫލް ދައުރު ނިންމުމަށްފަހު މަތީ ތައުލީމު ހާސިލްކުރުމަށް ލިބުނު ފުރުސަތުތައް ނަގައިލުމަށްފަހު މީހަކާ އިނދެވުނުކަމީ ޒަމްރާގެ އެންމެ ބޮޑު ނާކާމިޔާބީކަމަށް އޭނާ ދެކެއެވެ. އަށާރަ އަހަރު ފުރި މަސް ދުވަސް ނުވަނީސް ދާނިޝް އާއި އޭނާ ކައިވެނި ކުރީ ކައިވެންޏަށް ފަހު ކިޔަވަން އެތައް ފުރުސަތުތަކެއް ލިބޭނެއޭ ބުނީމަ އެވެ. ދާނިޝްދެކެ ވީ ލޯތްބަކީ އޭނާގެ ހަލާކުކަމަށް އޭނާދެކެއެވެ.

ދާނިޝްއާ ކައިވެނި ކުރިއިރު ޒަމްރާ އުއްމީދުކޮށްގެން ހުރީ ކައިވެންޏަށް ފަހު ވަޒީފާގެ އަދި ގޭތެރޭގެ ކަންކަން ހަމައަކަށް އެޅުމުން އަލުން ކިޔަވަން ފަށާށެވެ. ނަމަވެސް ކައިވެންޏަށް ހަމަސްވެސް ނުވަނީސް ޒަމްރާ ބަނޑުބޮޑުވިއެވެ. މިކަންވީ ދުނިޔެއާއި ޒަމްރާ އެކަހެރި ކުރުމަށް ދާނިޝްއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ.

ބަނޑުބޮނޑުވުމުން ދަރިފުޅަށް އެންމެ ރަނގަޅުވާނީ ޒަމްރާ އަރާމު ކުރިވަރަކަށް ކަމަށް އޭނާއަށް ވިސްނައިދިނުމަށް ފަހު އޭނާ ވަޒީފާއިން ވަކިވުމަށް އެދުނެވެ. ކަނު ލޯތްބެއްގައި އޭރު ބަނދެވިފައިހުރި ޒަމްރާއަށް ހީވީ ދާނިޝްގެ މި އެދުމަކީ އޭނާދެކެ ލޯބިވާ ވަރުން އެދުނު އެދުމެއް ކަމަށެވެ. މަޑުމަޑުން އޭނާގެ އެކުވެރިންނާއި ދުރުކުރަމުން ދިޔައިރު ޒަމްރާ ދާނިޝް ބުނާ ކޮންމެ ކަމަކަށް ބޯލަނބަމުން ދިޔައީ ދާނިޝްގެ މައްޗަށް އޮތް އިތުބާރެއްގެ ސަބަބުންނެވެ.

ދާނިޝްގެ ދަލުގައި ޖެހިފައިވި ޒަމްރާއަށް ކަމެއް ގޯސްކަން ފުރަތަމަވެސް ރޭކާލީ އޭނާ ވިހޭފަހުންނެވެ. ދެމީހުންގެ ދަރިފުޅު ވިހަން ޒަމްރާ ހޮސްޕިޓަލަށް ގެންދިޔައީއްސުރެ ޒަމްރާގެ ހުރިހާ ކަމެއްގައިހެން އުޅުނީ އޭނާގެ ބަލި މަންމައެވެ. އެންމެ ފަހަރަކު ޒަމްރާ ވިހެއީތޯ ބަލައިލަން ނޫނީ ދާނިޝްގެ ހަބަރެއް ނުވެއެވެ. ނަމަވެސް އޭރުވެސް ދާނިޝް ގުޅީ ވަޒީފާގައި އަވަދިނެތި އުޅެންޖެހިގެން ނާދެވިގެންއުޅެ ކަމުގެ ބަހަނާ އިއްވުމަށެވެ. ކުޑަ މިނުން ދާނިޝްގެ އާއިލާގެ އެކަކުވެސް އެއުފަލުގައި ޝާމިލް ވުމަށް ނައީތި ޒަމްރާގެ ހިތުގައިޖެހުނެވެ.

ހަގީގަތުގައިވެސް އޮފީހުގައި ބުރަކޮށް އުޅުމުން ދާނިޝްއަށް ނާދެވުނީކަމަށް ބަލައި އެދުވަހު ޒަމްރާ ހިތްހަމަ ޖައްސާލިއެވެ. ނަމަވެސް ދެން ފެންނަން ފެށި ކަންކަމުން ހިތްހަމަޖައްސާލައިގެން ހުންނަން އޭނާއަށް ދަތިވިއެވެ. ދަރިފުޅު އުފަންވުމާއެކު ދާނިޝް މުޅިން އެހެން މީހަކަށް ބަދަލުވިއެވެ. ހަގީގަތުގައި ބަދަލެއް ނައިނަމަވެސް ޒަމްރާއަށް ކަންކަން ފާހަގަވާން ފެށީ ދަރިފުޅު ވިހެއިފަހުންނެވެ.

ދަރިފުޅުގެ ކަންކަމަމުގައި ދާނިޝް އެއްވެސް ވަރަކަށް އެހީ ނުވާތާ ގޭތެރޭގެ ކަމަކުވެސް ދާނިޝް އެހީތެރިއެއް ނުވެއެވެ. ޒަމްރާ ކޮންމެ ހާލެއްގައި އުޅުނަސް ޝަކުވާއަކާ ނުލައި ދާނިޝްގެ ހުރިހާ ކަމެއް ފުރިހަމަވާން ޖެހެއެވެ. ދާނިޝްގެ ކަމަކަށް އުނިކަމެއް އަތުވެއްޖެ ނަމަ ޒަމްރާއަށް އޭނާ ނުގޮވާ އެއްޗެއް ނެތެވެ. އަދި ޒަމްރާގެ އެކުވެރިންނަކީ އޭނަގެ ހަލާކުކަމަށް ބުނެ ބަހަނާ ދައްކަމުން އެންމެ ފަހުން ރަހުމަތްތެރިންނާއި އޮތް ގުޅުން ކަނޑައިލުމަށް ދާނިޝް އަމުރު ކުރިއެވެ.

ދާނިޝްގެ ކުދިކިއުންތަކާއި، ބޭކާރު ޒުވާބުތަކާއި އަދި އޭނާގެ އަމަލުތައް ޒަމްރާ ތަހައްމަލު ކުރަމުން އައީ ދަރިފުޅަށް ބައްޕަގެ ލޯބި ހޯދައިދިނުމަކީ މުހިއްމު ކަމެއްކަމަށް ދެކޭތީއެވެ. އަދި ކައިވެންޏެއްގައި އެފަދަ މައްސަލަ ޖެހޭނެކަމާއި އެއީ ހައްލުވާނެ ކަންކަން ކަމަށް އޭނާ ދެކޭތީއެވެ. ޝަކުވާއެއް ނެތި ޒަމްރާ ދާނިޝްއާއެކު ތިން އަހަރު ހޭދަކުރީ އެ އުއްމީދުގައެވެ.

ޒަމްރާގެ ހުވަފެނީ ދުނިޔެއިން އޭނާ ހަމަ ބިމަށް ގެނުވީ އޭނާގެ މަންމަ ނިޔާވި ދުވަހުއެވެ. ބައްޔަކާ ނުލައި މަންމަ ކުއްލިގޮތަކަށް ދުނިޔެއާ އަލްވަދާއުކީއިރު ހަތަރު އަހަރަށްދާ އޭނާގެ ކުޑަކުޑަ އައިދީން ގޮވައިގެން މަންމަގެ ޖަނާޒާގެ ކަންކަމުގައި އޭނާ އަވަދިނެތި އުޅުނު އިރު، މަންމަގެ މޫނު ބަލައިލަންވެސް ދާނިޝް ނުދެއެވެ. ކުޑަމިނުން ޖަނާޒާގެ ހަރަދަށްވާ ލާރި ހޯދުމަށް ދާނިޝްގާތު އެހުމުން އޭނާ އެކަމަށް އިންކާރު ކުރިއެވެ.

އެންމެފަހުން މަންމަގެ ޖަނާޒާގެ ކަންކަމުގައި އޭނާއަށް އެހީވީ އޭނާގެ ސްކޫލް ދައުރުގެ އެންމެ ގާތް އެކުވެރިޔާ ޝާނާ އެވެ. ޝާނާގެ ފިރިމީހާ މައިސަންއަކީ ދާނިޝްއާއެކު މަސައްކަތްކުރާ މީހެއްކަމުން އޭނާއަށް ޒަމްރާ މަންމަ ނިޔާވި ހަބަރު ލިބިގެން ކުރީގެ އެކުވެރިޔާއަށް އެހީވުމަށް އައީއެވެ. އަދި ޝާނާގެ ކިބައިން ދާނިޝްގެ ހަގީގަތް ޒަމްރާއަށް އެނގިގެންދިޔައެވެ. އޮފީސް ދަތުރުތަކަށް ކަމަށް ބުނެ ދާނިޝް ދަނީ އެހެން އަންހެނުންނާއެކު ކަމަށާއި ދާނިޝް އޭނާއަށް ބޭވަފާތެރިވާވަރު ޝާނާ ކިޔައިދިނީ ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުމުގެ ގޮތުންނެވެ. ޒަމްރާ އަމިއްލައަށް ހިޔާރު ކުރި ފިރިމީހާއަށް ވުރެ ދޫކޮށްލި އެކުވެރިންވެސް އޭނާއަށް މާބޮޑަށް ހެޔޮކަން އެދުވަހު ޒަމްރާއަށް އިހުސާސްވިއެވެ.

އެދުވަހު ގެއަށް ދިއުމަށްފަހު ޒަމްރާ އޭނާއާއި ދަރިފުޅުގެ ހުރިހާއެއްޗެއް ފޮއްޓަށްއެޅިއެވެ. އަދި ވީހާވެސް އަވަހަށް ދާނިޝްގެ ގެއިން ނިކުމެގެން އޭނާ މަންމަ ދިރިއުޅުނު ކޮޓަރިއަށް ގެންދިޔައެވެ. އާންމުކޮށް ދާނިޝް އަބަދުވެސް ލަހުން ގެއަށް އަންނަކަމީ އެނާގެ ނަސީބުކަމުގައި އެދުވަހު ޒަމްރާއަށް ގަބޫލު ކުރެވުނެވެ. ޝާނާ އާއި މައިސަންގެ އެހީތެރިކަމާއެކު ހުރިހާ އެއްޗެއް މަންމަގެ ކޮޓަރިއަށް ގެންދިޔައެވެ.

ދާނިޝް ކައިރިން ވަރިވުންވީ އޭނާ ހީކުރިވަރަށްވުރެވެސް އުނދަގޫ ކަމަކަށެވެ. ކޯޓުގައި މައްސަލަ އެތައް ދުވަހަކު އޮތްއިރު ދާނިޝް ޒަމްރާ ވަރިކުރަން ދެކޮޅުހެދިއެވެ. ކޯޓުންވެސް ފުރަތަމަ ދެމީހުން އެކީ އުޅުމަށް ނަސޭހަތްތެރިވިއެވެ. ދާނިޝް ކޯޓުގައި ބުނަމުން ދިޔައީ މަންމަ ނިޔާވުވުން އެކަމުގެ ހިތާމައިގައި ޒަމްރާ އޭނާކައިރިން ވަކިވާން އުޅެނީ ކަމަށެވެ. އެންމެފަހުން ވަރި ކުރާނީ އައިދަން ދާނިޝްއާ ހަވާލުކުރުުމުން ކަމަށް ދާނިޝް ޝަރުތުކުރިއެވެ.

ޒަމްރާ އެދުވަސްކޮޅު އަލުން އެނބުރި ވަޒީފާއަށް ދާންފެށީ ދަރިފުޅު އޭނާއަށް ލިބޭނީ އާމްދަނީއެއް ލިބޭނަމަ ކަމަށް ބަލައިފައެވެ. ދާނިޝް ގެއިން ނިކުތްފަހުން މަންމަ ރައްކާކޮށްފައި ހުރި ލާރި އަދި ޝާނާގެ އެހީތެރިކަމާއެކު އޭނާގެ ޅަފުރާ ހޭދަކުރި ކުލީ ކޮޓަރީގައި ދިރިއުޅުނު ކަމުގައި ވިޔަސް އެއީ އަބަދު އުޅެވޭނެ ގޮތެއް ނޫންކަމަށް ބެލިއެވެ.

ނަމަވެސް މައްސަލަ ނިމިގެން ދިޔައީ އޭނާ އުއްމީދު ކުރި ގޮތަކަށް ނޫނެވެ. ދާނިޝް އޭނާ ވަރިކުރި ނަމަވެސް ކޯޓުން ދާނިޝްއާއި ޒަމްރާގެ ދަރިފުޅު ހަވާލު ކުރިއެވެ. ކިރިޔާވެސް ހިތްހަމަޖެހުމެއް ލިބުނީ ޝާނާއާއި މައިސަން އައިދަން ހޯދަން އަދިވެސް ޒަމްރާއަށް މަސައްކަތް ކުރާނެ ފުރުސަތު އޮތްކަމަށް ބުނެ ދިން ހިތްވަރުންނެވެ.

**********

ދާނިޝްކައިރިން ޒަމްރާ ވަރިވިފަހުން މިހާރު ދެއަހަރު ވެއްޖެއެވެ. އޭނާގެ އޭލެވެލް އަދި އޯލެވެލްގެ ނަތީޖާ ރަނގަޅުވުމުން އޭނާއަށް ރަނގަޅު ވަޒީފާއެއް ހަމަޖެހުނެވެ. ޝާނާއާއި މައިސަންގެ އެހީތެރިކަމާއެކު ހޯދި އެވަޒީފާއަށް ދަމުން އޭނާ ތައުލީމު ހާސިލްކުރީ ދާނިޝްއަށް ވުރެ ކާމިޔާބު މީހަކަށް ވުމުގެ އަޒުމުގައެވެ. ދާނިޝްއަށް ވުރެ ކާމިޔާބު ވެއްޖެނަމަ އޭނާގެ ދަރިފުޅު އަލުން ލިބޭނެ ކަމުގެ އުއްމީދުގައެވެ.

މިހާރުވެސް މަހަކު އެއްފަހަރު ޒަމްރާއަށް އައިދަންއާ ބައްދަލު ކުރުމުގެ ފުރުސަތު ލިބެއެވެ. ކުޑަކުޑަ އައިދަންގެ ބޮލަށް އޭނާއާއި ދެކޮޅަށް ދާނިޝް ޒަހަރުލަމުން ދިޔަ ނަމަވެސް އައިދަން އޭނާގެ މަންމަދެކެ އިންތިހާއަށް ލޯބިވާ ކަމީ ޒަމްރާގެ ނަސީބެވެ. ލިބޭ ކޮންމެ ފުރުސަތެއްގައި ވީހާވެސް އަވަހަކަށް މަންމަ ކައިރިއަށް ގެންނާނެ ކަމަށް ވައުދު ވަނީ އެހެންވެއެވެ.

**********

ފެމެލީ ކޯޓުން ނިކުތް ޝާނާއާއި މައިސަންގެ މޫނުމަތިން ފެންނަނީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ. އެދެމީހުންގެ ފަހަތުން ނިކުތް ޒަމްރާގެ ހިނިތުންވުން އެއަށްވުރެވެސް ބޮޑެވެ. އޭނާގެ އުނގުގައި އެއިނީ އޭނާގެ ހައަހަރަށްދާ ކުޑަކުޑަ އައިދަންއެވެ. މަންމަގެ އުނގުގައި އިން އިރު އައިދަންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ.

ޝާނާއާއި މައިސަންގެ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން އެގެއަށް ރޭގަނޑުގެ ކެއުމުގެ ދައުވަތު ދިނުމަށް ފަހު ޒަމްރާ އައިދަން ގޮވައިގެން ސައިކަލަށް އެރި ވަގުތަކީ ކޯޓުން ދާނިޝް ނިކުތް ވަގުތެވެ. ޒަމްރާގެ މައްޗަށް އޭނާއަށް ބާރު ފޯރުވެން ހުރި ހަމައެކަނި ހަތިޔާރު ކަމަށް އޭނާ ދުށް އައިދަން އޭނާއަތުން ބީވުމުން އޭނާގެ މޫނުމަތިން އެކަމުގެ ރުޅި ފާޅުވާން ހުއްޓެވެ.

ނަމަވެސް މިއަދު ޒަމްރާގެ ފަރުވާލެއް ނެތެވެ. އޭނާގެ އުއްމީދު ހާސިލުވީއެވެ. އޭނާއަށް އައިދަންގެ ފުރިހަމަ ބެލެނިވެރިކަން އެހާ ފަސޭހައިން ލިބުނީވެސް ދާނިޝް އައިދަންއަށް އިހުމާލުވެފައިވާތީއެވެ. އެހެންކަމުން އަލުން ދާނިޝްއަށް އޭނާގެ ދަރިފުޅު އަތުލުމަކީ އުނދަގޫ ކަމެއްކަން އޭނާއަށް އެނގެއެވެ. އިތުރަށް ހިތްހަމަޖެހުން ގެނުވީ ދަރިފުޅާއެކު އޮތް މުސްތަގުބަލު ހަނދާންވުމުންނެވެ. އޭނާގެ ވަޒީފާއިން ފަހިވި ފުރުސަތާއެކު ދަރިފުޅާއެކު ރާއްޖެއިން ބޭރަށް، ދާނިޝްގެ ނުފޫޒާ ދުރަށް ދިއުމަށް މިއަދު އޭނާއަށް ލިބުނު ފުރުސަތު ހަނދާން ވުމުން ހެއްދެވި ފަރާތައް ހިތާހިތުން ޝުކުރު ދެންނެވިއެވެ. ހިނިތުންވެ ހުރެ ސައިކަލު ދުއްވާލީ ދަރިފުޅާއެކު ދިރިއުޅުމުގެ މުޅިން އާ ބާބެއް ފެށުމަށެވެ.