ކުޑަކުދީން

އޭޕްރީލް މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަ: ޖެންޑާ

މަރިޔަމް ޝަހުދާ

އޭޕްރީލް މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ މައްސަލަ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

އެ މިނިސްޓްރީއިން މިއަދު އާންމުކޮށްފައިވާ މިއަހަރުގެ އޭޕްރީލް މަހު އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާއި ގުޅޭ 113 މައްސަލައެއް ވަނީ މިނިސްޓްރީއަށް ހުށަހަޅާފައެވެ. މިއީ މިނިސްޓްރީއަށް އޭޕްރީލް މަހު ހުށަހަޅާފައިވާ 206 މައްސަލައިގެ %55 މައްސަައެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކުގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހުރޫމް ކުރުމުގެ މައްސަލަ، އާއިލީ މައްސަލަ، ކުށްކުރާ ކުޑަކުދިންގެ މައްސަލަ، ކުޑަކުދިންގެ އަހުލާގީ މައްސަލަ، އަމިއްލަ ނަފުސަށް ގެއްލުން ދިނުމުގެ މައްސަލަ، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލައިގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބެނުންވާ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.

އެކުދިންގެ ހައްގުތަކުން ކުޑަކުދިން މަހުރޫމް ކުރުމުގެ 10 މައްސަލައެއް ޖެންޑާއަށް މިދިޔަ އޭޕްރީލްގައި ވަނީ ހުށަހަޅަފައެވެ. މި މައްސަލަތަކުގެ ތެރޭ ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމާއި، ތައުލީމަށް ހުރަސްއެޅުމައި، އުފަންވުން ރަޖިސްޓްރީ ނުކުރުން އަދި ވެކްސިން ނުދިނުމުގެ މައްސަލަ ހިމެނެއެވެ.

އޭޕްރީލް މަހު އާއިލީ މައްސަލައިގެ 18 މައްސަލައެއް ޖެންޑާއަށް ހުށަހަޅާފައި ވެއެވެ. އާއިލީ މައްސަލައިގެ ތެރެއިން އެންމެ ގިނައިން ޖެންޑާއަށް ހުށަހަޅާފައިވަނީ ކުދިންނާ ބައްދަލު ނުކުރެވޭ މައްސަލައެވެ. އޭގެ 14 މައްސަލައެއް މިނިސްޓްރީއަށް މިދިޔަ މަހު ވަނީ ހުށަހަޅާފައެވެ. މީގެ އިތުުން ހަރަދު ދިނުމުގެ މައްސަލަތަކާއި ކުދިން ބެލުމުގެ މައްސަލައެއް ވެސް މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ.

އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލައެއް ޖެންޑާއަށް ވަނީ އޭޕްރީލް މަހު ހުށަހަޅައިފައެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ 5 މައްސަލަ ރިޕޯޓްކޮށް އެ މައްސަލަތަކަށް މިނިސްޓްރީން ވަނީ އެޓެންޑުކޮށްފައެވެ. ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 12 މައްސަލައެއް މި މުއްދަތުގައި މިނިސްޓްރީއަށް ވަނީ ށަހަޅައިފައެވެ. ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 30 މައްސަލަ ވެސް ޖެންޑާއަށް ހުށަހަޅާފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވާ ޖުމްލަ 14 މައްސަލައެއް ޖެންޑާއަށް އޭޕްރީލްގައި ހުށަހަޅަފައިވެއެވެ. މިގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބެނުންވާ 9 މައްސަލައަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވާ 5 މައްސަލައެއް ވެސް ޖެންޑާއަށް ވަނީ ހުށަހަޅަފައެވެ.