މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 4

އަބްދުﷲ ފާރޫގް ހަސަން

1

( 14 މެއިގެ އަދާ ގުޅޭ)

ތަޙުލީލީގޮތެއްގައި ބަލައިގެން މެނުވީ ހާދިސާގެ ތެދުކަން ކަނޑައެޅުމާއި، ހިޖުރަކުރުން ފެށިގެން އައިސްފައިވާ ގޮތް ހޯދުމަކީ ވަރަށް ދަތިކަމެކެވެ.

"ބޮޑުތަކުރުފާނު" ގެ "ފުރަތަމަ ޒިޔާރަތްކުރެއްވުމާ" ގުޅުވައިގެން ސްރީލަންކާގެ މުސްލިމުންނަށް ނަޒަރު ހިންގާލުމަކީ ބޭނުން ކަމެކެވެ. ސްރީލަންކާގައި މުސްލިމުން ވަޒަންވެރިވާން ފެށީ ގާތްގަނޑަކަށް މީލާދީ ނުވަވަނަ ޤަރުނާ ހަމައިންކަން އެނގޭ ހެކިތައް ފެންނާން އެބަހުއްޓެވެ. މިދެންނެވި މީހުންގެ ތެރޭގައި ބަހެއް ތަރައްޤީވެ ކުރިއަށް އައިގޮތާ ބެހޭގޮތުން ލިޔުނު ލިޔުންތެރިއެއް ކަމަށްވާ މަޢުރޫފް (1976) ލިޔުއްވާފައި ވެއެވެ. "ޢަރަބި - ތަމަޅަބަސް އޭގެ އެންމެ އިހުގެ ގޮތަށް ބަލާއިރު ދިވެހިބަހާ ދާދި އެއްދުވަސްވަރެއްގައި އިސްލާމީ ނުފޫޒުގެ ތެރެއަށް އައި ބައެއްގެ ބަހާ ގާތްގޮތްތަކެއް ހުރެއެވެ."

އެހެންކަމެއްގެގޮތުން ކާވެނީގެ ރަނާމެދު ވާހަކަދައްކަމުން މަޢުރޫފް ބަޔާންކުރައްވަނީ އޭނާ ދެކެލައްވާ ގޮތުގައި، އެއީ ސިލޯނުގެ މުސްލިމުންގެ އިހުގެ ކާވެނިކުރުންތަކާ ގާތްކަމެއް ކަމުގައެވެ. މިހާރު މިތިބަ ރާވެރީންގެ ކާބަފައިން ކަމުގައި ބެލެވޭ ތިއްޔަރުން މިރަށަށް ހިޖުރަކުރިކަމަށް ބެލެވެނީ އިންޑިޔާގެ ގޮނޑުދޮށްފަރާތް ނުވަތަ މިހާރުގެ ކެރެލާއިންނެވެ. ތާރސްޓަން (1909) ބަޔާންކުރާ ގޮތުގައި މިގްރޫޕަކީ "ނަޖިސް" ބަޔެކެވެ.

ގޯޕް (1962) އާއި އައްޔައްޕަން (1965) ތިއްޔަރުންގެ ވާހަކަ ދައްކާފައި ވެއެވެ. މިއެންމެންގެ ލިޔުންތަކަށް ބަލާއިރުވެސް މިގްރޫޕަކީ ކެރެލާގެ ދަރަޖަތައް ތަރުތީބު ކުރާއިރު ރޮނގުން ތިރީގެ ބައެއް ނުވަތަ "ނަޖިސް" ބައެއްގެ ގޮތުގައި ބަލައެވެ.

ތާރސްޓަން (1909) ތިއްޔަރުންނާމެދު ބުނެފައިވަނީ އެއީ މަލާބާރާއި ކޮއްޗެއާއި ޓްރެވަންކޯރގައި ރާބޭލުމުގެ މަސައްކަތްކުރާ މެލެޔާޅަމްގެ ބަޔެއް ކަމަށެވެ. އަދިވެސް މީނާ ބުނާގޮތުގައި މިމީހުން އިންޑިޔާއަށް ހިޖުރަކުރީ ސިލޯނުންނެވެ. މިމީހުން ސިލޯނުން އައިއިރު އެމީހުންނާއެކު ރުއް ގެނައެވެ. އަދި އެމީހުން ތިވަރުން (ރަށް) ކިޔަމުން އައިސް ތިއްޔަރުންނަށް ވީއެވެ. މިހާރުގެ ރާވެރީންގެ ކާބަފައިންނަކީ ރުއްއަރައި ރާބޭލުމުގެ މަސައްކަތްކުރި ތިއްޔަރުންގެ ދަރިފަސްކޮޅުގެ މީހުންނެވެ.

ދެން މިރަށަށް ހިޖުރަކުރި ބައެއްގެ ގޮތުގައި ޤަބޫލުކުރެވޭ އަނެއް ބަޔަކީ މުސްލިމު ދިވެހީންނެވެ. މިތާނގައި ބަލަންޖެހެނީ ދިވެހިރާއްޖެ އިސްލާމްވީ ދުވަސްވަރަށެވެ. ދިވެހިރާއްޖޭގެ ބުދުދީނުގެ (ބުޑިސްޓް) ރަސްގެފާނު ސިރީބަވަނާދީއްތަ އިސްލާމްދީން ޚިޔާރުކުރެއްވީ މީލާދީން 1153 ގައެވެ. އަދި ރާއްޖޭގެ އެންމެހާ ރައްޔިތުން (މަލިކު މީހުންވެސް ހިމެނޭގޮތަށް) އިސްލާމްވިއެވެ. ޢަރަބީންގެ މަޝްހޫރު ސައްޔާޙު އިބުނު ބަޠޫޠާ މީލާދީން 1346 ގައި "މަހަލް" ގެ ރަށްތަކާމެދު ލިޔުއްވާފައިވަނީ މަލިކު މީހުންނަކީ މުސްލިމުން ކަމަށެވެ. ކަން މިހެން ހުރުމާއެކު އެމީހުން ބުދުދީނުން އިސްލާމީ ހިދާޔަތުގެ ދަށަށް ގޮސްފައިވަނީ މީލާދީން 1153 ވަނައަހަރާއި 1346 ވަނައަހަރާ ދެމެދުގައެވެ.

ކަން ކޮންމެ ގޮތަކަށް އޮތަސް މިރަށްރަށުގެ އަހުލުވެރީން އިސްލާމްވުމުގެ ކުރިން ކޮންމެވެސްވަރަކަށް ބުދުދީނުގެ އަހުލުވެރީން މިރަށްރަށުގައި އުޅެފައިވާކަން އެނގެއެވެ. މިކަން އެނގެނީ މިރަށުގެ އަހުލުވެރީން ގެދޮރު ޢިމާރާތްކުރުމަށް ކޮންނަ ކޮނުމުގައި ފެންނަ ބުއްދާއަށް ނިސްބަތްކުރެވޭ ތަކެތީންނެވެ. އަދި ބުދުދީނުގެ މީހުން ވަރަށް ޝައުޤުވެރިކަމާއެކު ހައްދައިއުޅޭ ގަހެއް ކަމަށްވާ ނިކަ މިރަށުގެ މީހުންއުޅޭ ހިސާބުގައި ހައްދާފައިހުރި ހުރުމަކީވެސް މިބަހަށް ލިބޭ ބާރެކެވެ. މިއީ ކޮން ބުޑިސްޓުންނެއްކަން ހޯދުމަކީ ފަހުން ކުރަންޖެހޭ އެހެން މަސައްކަތެކެވެ. ފަހަރެއްގައި މިމީހުން ހިޖުރަކުރީ ސީދާ ސްރީލަންކާއިން ކަމަށް ނުވަތަ ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރީން ރާއްޖެއިން ކަމަށްވެސް ވެދާނެއެވެ.

ކުރުގޮތަކަށް މިއީ މަލިކު އާބާދުވެ މަލިކަށް މީހުން ހިޖުރަކުރެވުނު ގޮތުގެ ތާރީޚެވެ. މަލިކުމީހުންގެ މުޖުތަމަޢު ނުވަތަ ޖަމާޢަތް ހަމަޖެހިފައިވާގޮތް އުނގެނިގަތުމުގައި ރަށަށް ހިޖުރަކުރެވުނުގޮތުގެ ތާރީޚުގެ ބޭނުންތެރިކަން ބޮޑެވެ. މިހެން މިދެންނެވީ އެކިހިސާބުން އެކިކަހަލަ އެކި ދީންދީނުގެ މީހުން އެއްރަށަކަށް އާދެވޭގޮތްވުން އެއީ ތާރީޚީ އިއްތިފާޤަކަށް ވެދާނެކަމަށް ވާތީއާއި، މިގޮތުންއައިސް އުޅެން ދިމާވުމުން އެކިމީހުންގެ ގައިގައި ހުންނަ އެކިކަހަލަ ކަންތައްތައް ދޫކޮށް އާޖަމާޢަތެއް ހެދި އެއީ މިހާރު މިފެންނަ ޖަމާޢަތްކަމަށް ވެދާނެތީއެވެ. އެކަމަކު އަދިވެސް އެމީހުންގެ "އަޞްލު ޘަޤާފަތު" ހޯދުމަށް މަސައްކަތް ކުރަނިކޮށް ފެނިދާނެކަމަށް އުންމީދު ކުރެވެއެވެ.

މަލިކުގެ މީހުން މަތިންތިރިއަށް ބެހިފައިވަނީ ހަތަރު ބަޔަކަށެވެ. އެއީ މަނިކުފާނާއި ތަކުރުފާނާއި ތަކުރާއި ރާވެރިއެވެ. ޠަބަޢީގޮތުން މިގްރޫޕްތަކުގައި މާކަބޮޑު ތަފާތެއް ނެތެވެ. އިހުމީހުން ޤަބޫލުކުރާގޮތުގައި އެންމެފުރަތަމަ ބަޔާއި އެންމެފަހުބައި އައިގޮތް ރަނގަޅަށް އެނގެއެވެ. މަނިކުފާނު އައިސްފައިވަނީ ސްރީލަންކާގެ މުސްލިމުންނާއި ރާއްޖޭގެ މުސްލިމުންގެ ދަރިފަސްކޮޅުންނެވެ. ރާވެރީންގެ ދަރިފަސްކޮޅު އައިސްފައިވަނީ ތިއްޔަރުންނާއި މަލަބާރުގެ ގޮނޑުދޮށުންނާއި ހިންދޫންގެ ފަރާތުންނެވެ. އަނެއް ދެބައި އައިގޮތް ދަންނަވަން ތަންކޮޅެއް އުނދަގުލެވެ. ނަމަވެސް ބައެއް ތަކުރުންގެ ނަމާއި ގޯތީގެ ނަމާ ގުޅިފައި ހުންނަކަން (ސާހިބުނަށް) އެނގެއެވެ. މިގޮތުން "ބުއްދަކޮލިގެ" ފާހަގަކޮށްލެވެއެވެ. ޤަބޫލުކުރެވޭގޮތުގައި މިއީ އެންމެފުރަތަމަ ރަށުގައި ވަޒަންވެރިވި މީހުންނެވެ. ތަކުރުންނަކީ ފަހަރެއްގައި ބުދުދީނުގެ މީހުންގެ ގޮތުގައި ސީދާ ސްރީލަންކާއިން ނުވަތަ ރާއްޖެއިން އައި މީހުން ކަމަށްވެސް ވެދާނެއެވެ.

"މަލިކުމީހުންގެ އިޖުތިމާޢީ އޮނިގަނޑު ތަރައްޤީވަމުން އައިގޮތުގެ މައްޗަށް ތާރީޚީ ނަޒަރަކުން ބަލައިލުން."
ވީ.ސުދަރސެން، ޑިޕާޓްމަންޓް އޮފް އެންތްރޯޕޮލޮޖީ، ޔުނިވަރސިޓީ އޮފް މެޑްރާސް

މަތީގައިވާ ލިޔުމުން އަޅުގަނޑު ފާހަގަކުރާ މައިގަނޑު ނުކުތާތަކަކީ:

1. ބޮޑުތަކުރުފާނުގެ މައްސަލަ.
2. ދިވެހީން މަލިކަށް ހިޖުރަކުރުމާއި ދިވެހިރާއްޖެ އިސްލާމްވުން.
3. ތިއްޔަރުންގެ މައްސަލަ.
4. މަލިކުމީހުން ބެހިފައިވާ ބައިތައް.

މި ނުކުތާތަކެވެ.

މީގެތެރެއިން ބޮޑުތަކުރުފާނު މަލިކަށް ވަޑައިގެންނެވި ވަޑައިގަތުމަކީ އަޅުގަނޑު އެންމެފުރަތަމަ އަލިއަޅުވާލަން ބޭނުންވާ ނުކުތާއެވެ.

ލިޔުންތެރިޔާ ބަޔާންކޮށްފައިވާ ގޮތުގައި ބޮޑުތަކުރުފާނަކީ ސްރީލަންކާގެ މުސްލިމެކެވެ. އޭނާ އޭނާގެ "ކަޅުއޮށްފުންމި" އެވެ ކިޔުނު އޮޑީގައި މަލިކަށް ދިޔައީއެވެ. އޭރު މަލިކަކީ މީހުން ނޫޅޭ ރަށެކެވެ. އެއަށްފަހު ދެވަނަފަހަރަށް އޭނާ މަލިކަށްދަނީ އޭނާގެ ދެ އަންހެންދަރީން ކަމުގައިވާ "ކަމްބޫރަނި" އާއި "ކޮހޮރަތުކަމަންސް" ގޮވައިގެންނެވެ.

ނުނިމޭ)