ސްރީލަންކާ

ލަންކާގައި ހުންނަ އިމާރާތެއްގައި ދިވެހީންނަށް ނޫޅެވޭނެ ކަމަށް އަންގައިފި

ސްރީލަންކާގެ ކޮލަމްބޯގައި ހުންނަ އިމާރާތެއްގައި ދިވެހީންނަށް ނޫޅެވޭނެ ކަމަށް އެ އިމާރާތުގެ ވެރިފަރާތުން އަންގައިފިއެވެ.

އެ އިމާރާތަކީ ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަހްމަދު މާހިރު ދީދީގެ ޕެންޓްހައުސްއެއް ހުންނަ އިމާރާތެކެވެ.

"ދަ އައިލެންޑް ފައިނޭންޝަލް ރިވިއު"އަށް ދެއްވި އިންޓަވިއުއެއްގައި އަހްމަދު މާހިރު ދީދީ ވިދާޅުވީ އެ އިމާރާތުގައި އެއްވެސް ދިވެއްސަކަށް ނޫޅެވޭނެ ކަމަށް އީމެއިލްއަކުން އެ އިމާރާތުގެ ވެރިފަރާތުން އަންގާފައިވާ ކަމަށާއި އެހެންކަމުން އެ އިމާރާތުގައި ހުންނަ އޭނާގެ ޕެންޓްހައުސްގައި ވެސް އުޅެވެން ނެތް ކަމަށެވެ.

އެ ގޭގެ ވެރިފަރާތުން އެހެން އަންގާފައިވަނީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކަށްފަހު އޭނާއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ކަމަށް އީމެއިލްގައި އިމާރާތުގެ ވެރިފަރާތުން ބުނެފައިވާ ކަމަށާއި ނަމަވެސް އެ މައުލޫމާތު ދިން ބަޔަކު އޭނާއަށް ހާމަކޮށްދެވިފައިނުވާ ކަމަށް ވެސް މާހިރު ވިދާޅުވިއެވެ.

"އެ ޕެންޓްހައުސް ބޭނުންކުރާތާ ގިނަ އަހަރުތަކެއް ވެއްޖެ. އަޅުގަނޑަކީ އަމާންކަމާއި ސެކިއުރިޓީގެ ގޮތަށް ބަލާ މީހެއް ކަމަށްވުމުން ލަންކާއަށް ކުރާ ދަތުރުތަކުގައި އަޅުގަނޑު ދިރިއުޅެމުންދަނީ އެ އިމާރާތުގައި ހުންނަ އަޅުގަނޑުގެ ޕެންޓްހައުސްގައި،" އޭނާ ވިދާޅުވިއެވެ.

މާހިރު ވިދާޅުވީ ދުވަހަކުވެސް އޭނާ ޓެރަރިސްޓުންނާ ގުޅުމެއް ބާއްވައި، ނުވަތަ ޓެރަރިސްޓުންނަށް އެހީތެރިކަން ފޯރުކޮށްދީފައި ނުވާނެ ކަމަށާއި އޭނާއަކީ އަބަދުވެސް ސުލްހައަށް ލޯބިކުރާ މީހެއް ކަމަށެވެ. އަދި އޭނާ ތައުލީމު ހާސިލްކުރީ ކެންޑީގެ ޓްރިނިޓީ ކޮލެޖުކަމުން ލަންކާއާ މެދު އޭނާގެ ހިތުގައި ބޮޑު ލޯތްބެއް އޮންނަކަން ވެސް ފާހަގަކުރިއެވެ.