ވިޔަފާރި

ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި އުރީދޫ ހިމެނިއްޖެ

އަލީ އިހްސާން

ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި އުރީދޫ ހިމެނިއްޖެއެވެ.

ޓެލެކޮމް 300، 2019 ރިޕޯޓުގައި އުރީދޫ، 3.779 ބިލިއަން ޑޮލަރުގެ ބްރޭންޑް ވެލިއުގައި، ގިންތިކޮށްފައިވަނީ ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގެ 41 ވަނައިގައެވެ. ގަތަރުގެ ކުންފުންޏެއް ކަމަށްވާ އުރީދޫ ގުރޫޕު މިދިޔަ އަހަރު ހިމެނިފައިވަނީ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ 43 ވަނައިގައެވެ.

އުރީދޫ ގްރޫޕަށް ލިބުނު ކާމިޔާބީއާ ބެހޭ ގޮތުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރު ޝެއިހް ސައުދު ބިން ނާސިރު އަލް ތާނީ ވިދާޅުވީ އުރީދޫ ގުރޫޕު އަނެއްކާވެސް ދުނިޔޭގެ އެންމެ ވަރުގަދަ 50 ޓެލެކޮމް ކުންފުނީގެ ލިސްޓުގައި ހިމެނުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި، މި ކާމިޔާބީ ލިބިފައިވަނީ އެ ކުންފުނީގައި އޮތް ވަރުގަދަ ޓީމުގެ މަސައްކަތުން ކަމަށެވެ. އުރީދޫގެ ހިދުމަތް އިތުރަށް ބޮޑުކޮށް ފުޅާކޮށް އާ ކަސްޓަމަރުންނާއި އާ މާކެޓްތަކަށް ޒަމާނީ ޓެކްޓޮލޮޖީގެ އުފެއްދުންތަކާއެކު ނުކުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގަތަރަށް ނިސްބަތްވާ އުރީދޫ ގްރޫޕުން ވަނީ ވޭތުވެދިޔަ އަހަރުތަކުގައި ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ އިރު، މި މުއްދަތުގައި އުރީދޫ ބްރޭންޑުގެ ރޭޓިން ވަނީ "އޭއޭ ޕްލަސް" އަށް އަރައިފައެވެ. އޭއޭ ޕްލަސްއަކީ އެންމެ ވަރުގަދަ ބްރޭންޑުތަކަށް ލިބޭ ރޭޓިންއެވެ.