ޚަބަރު

އައިއެސްގެ ފޮތެއް ގެންގުޅުނު މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އައިއެސްގެ ފޮތެއް ގެންގުޅުނު މައްސަލައިގައި ހައްޔަރުކުރި ދެ ދިވެހިންގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ދެ މީހުންނަކީ ހައްދުފަހަނައަޅާފައިވާ އައިއެސް ޖަމާއަތުގެ ވާހަކަ ހިމެނޭ ފޮތެއް ގެންގުޅުނު ދެމީހުން ކަމަށާއި އެދެމީހުންގެ ބަންދުގެ މުއްދަތަށް ތިން ދުވަސް ޖަހާފައިވާ ކަމަށެވެ.

އެ ދެމީހުން ޖަލުގައި ތިބެގެން ރޯދަ ހިފުމަށް ލަންކާ ޖަލުން ހުރަސް އަޅަމުން ގެންދާކަމަށް ބައެއް ފަރާތްތަކުން ވާހަކަދެއްކި ނަމަވެސް އެފަދަކަމެއް ފޮރިން މިނިސްޓްރީއަށް އަދި ރިޕޯޓްކޮށްފައިނުވާ ކަމަށާއި، އެމީހުންގެ ކަންތައްތަކާ ބެހޭގޮތުން ފޮރިން މިނިސްޓްރީން ލަންކާގެ ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަމުން ގެންދާ ކަމަށް ފޮރިން މިނިސްޓްރީ ހާމަކުރެއެވެ.

މިދިޔަމަހުގެ ތެރޭގައި ލަންކާއަށް ދިން ޖާނުން ފިދާވުމުގެ ހަމަލާތަކާ ގުޅިގެން ވަނީ ހަ ދިވެހިން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ދިވެހިން ދިރިއުޅޭ ގެއަކުން އެއާ ގަންއެއް ފެނުން މައްސަލައިގައި ހައްޔަރު ކުރި ހަތަރު މީހުން ދޫކޮށްލާފައިވާއިރު މިހާރު މިމައްސަލައިގައި ބަންދުގައި ތިބީ އައިއެސް ޖަމާއަތުގެ ވާހަކަ ހިމެނޭ ފޮތެއް ގެންގުޅުނު ދެމީހުންނެވެ.