ހުތުބާ

މުންކަރާތް ނަހީކޮށް ނުބައި ކަންކަން ހުއްޓުވުމަކީ ދީނީ، ގާނޫނީ، ފަރުދީ އަދި ޖަމާއީ ވާޖިބެއް: ހުތުބާ

މުންކަރާތް ނަހީކޮށް ނުބައި ކަންކަން ހުއްޓުވުމަކީ ދީނީ، ގާނޫނީ، ފަރުދީ އަދި ޖަމާއީ ވާޖިބެއް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވަނީ ނުބައި ކަންކަން ހުއްޓުވުމަށް ފަރުދީ ގޮތުން މަސައްކަތްކުރުމުގެ އިތުރަށް ގައުމީ ފެންވަރުގައި މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

"މުންކަރާތް ނަހީކުރުމުގައި ކޮންމެ މީހަކު އެމީހެއްގެ ޒިންމާ ދެނެގަންނަން ޖެހޭނެއެވެ. ކޮންމެ މުއައްސަސާއަކުން އެ މުއައްސަސާގެ ވާޖިބު އަދާކުރަން ޖެހޭނެއެވެ. ކޮންމެ މުންކަރާތަކީ ވެސް މަނާކުރެވެން ޖެހޭނެ ކަމެކެވެ. އެހެންނަމަވެސް އެއީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބާރާއި އިހްތިޔާރުގެ ތެރެއިންނެވެ. މުންކަރާތް ނަހީކޮށް ނުބައި ކަންކަން ހުއްޓުވުމަކީ ދީނީ، ގާނޫނީ، ފަރުދީ އަދި ޖަމާއީ ވާޖިބެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ގޭތެރޭގައި ވިޔާނުދާ އަމަލުތަކެއް ހިންގާ ކަމަށްވަނީ ނަމަ، ގޭގެ ވެރިފަރާތަށް އެކަން ހުއްޓުވޭނެ ކަމަށާއި ގައުމުގައި ހިނގާ މުންކަރާތްތައް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

"ދެވަނަ ހާލަތަކީ ދުލުން މަނާކުރުމުގެ ހާލަތެވެ. އަތުން މަނާކުރުމުގެ ބާރާއި އިހްތިޔާރު ނެތް ފަރާތްތައް މުންކަރާތާ ދެކޮޅަށް ވާހަކަދައްކަން ޖެހެއެވެ. ނަސޭހަތްތެރިވާން ޖެހެއެވެ. ދެން އޮތީ ތިންވަނަ ހާލަތެވެ. އެއީ އެންމެ ނިކަމެތި ހާލަތެވެ. އެއީ އަތުންނާއި ދުލުން މުންކަރާތް މަނާކުރެވެން ނެތް ހާލަތެވެ. މި ހާލަތުގައި ހިތުން އެކަމާ ދެކޮޅު ހަދަން ޖެހެއެވެ. މި ހާލަތަކީ ހުރިހާ މުސްލިމުންނަށްވެސް ބައިވެރިވެވޭނެ ހާލަތެކެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުޖުތަމައުގައި ހިނގާ ނުބައި ކަންކަން ހުއްޓުވުމަކީ މާ ފަސޭހަކަމަކަށް ނުވި ނަމަވެސް، އެކަމަކީ މި އުންމަތުގެ ކޮންމެ މީހެއްގެ ޒިންމާއަކަށްވާތީ އެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ތެދުވާ މީހާގެ ކިބައިގައި ކެތްތެރިކަމާއި އިހްލާސްތެރިކަން ހުންނަންޖެހޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.