ވާހަކަ

ކުރުވާހަކަ: ނީނާ

މަރިޔަމް ޝަހުދާ

''ތި ބަލާ އަންނަނީ ދޯ؟..... އަވަސް ކުރައްޗޭ.''

ފޯނު ބާއްވަމުން ނީނާ ބެންޗުގައި ހަމަޖެހިލިއެވެ. އޭނާގެ ވަށައިގެންވާ މާހައުލަށް ބަލައިލީ ފޫހި ގޮތަކަށެވެ. ކޮލެޖުގެ އެކި ހިސާބުގައި ގްރޫޕް ގްރޫޕަށް ކުދިންތައް ކިޔަވަން އުޅެއެވެ. އެއްބަޔަކު ބެންޗުތަކުގައި ކިޔަވަމުން ދިޔައިރު ބައެއް ކުދިން ކޮލެޖުގެ ވިނަގަނޑު މަތީ ހަމަޖެހިލައިގެން ތިއްބެވެ. ދޭތެރެ ދޭތެރެއަކުން ކޮންމެވެސް އެއް ގްރޫޕެއްގެ ސަކަރާތުގެ އަޑު މުޅި މާހައުލުގައި ގަދަވެއެވެ. ޖެހޭ ފިނި ވައިރޯޅި ތަކާއި ގަސްތަކުން ފުރިގެންވާ ކޮލެޖުގެ ގޯތިތެރެ އިތުރަށް ހިތްފަސޭހަ ކަމަށް ދައްކައެވެ.

ނަމަވެސް ނީނާ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ދުވަހުގެ ވަރުބަަލިކަމާއެކު ކްލާހުގައި ނިދިޖެހުނު ވަގުތު އަނެއްކާވެސް އެ ހުވަފެން ފެނުނީއެވެ. ހަމަ އެ ދެ ލޮލެވެ. ކަޅުކަން ގަދަ ހަންގަނޑަކާއި ކުރެކިފައިވާ ދެއަތެވެ. އަތްތިލަ ނީނާގެ ކަރާއި ދިމާއަށް ގެންދިޔައިރު މީހަކު އޭނާގެ ކަރުގައި ހިފާ ބާރުކުރި ކަހަލައެވެ. އަނދިރިކަމުން މޫނު ފާހަގަ ނުވިނަމަވެސް ރަތްވެފައިވާ ދެލޮލުން އޭނާއަށް ފެންނަމުން ދިޔައީ އަލިފާނުގެ ދުމެވެ. އަދިވެސް އެދެއަތުން އޭނާގެ ކަރުގައި ހިފާ ކަހަލައެވެ. މަޑުމަޑުން ކަރުގައި އަތްޖައްސާލައިގެން ފުން ވިސްނުމެއްގެ ތެރޭ އިން ނީނާއަށް އަލުން ހޭވެރިކަންވީ އޭނަގެ ފޯނު ރިންގުވާން ފެށުމުންނެވެ.

ފޯނަށް ބަލާލުމަށް ފަހު ނީނާ އިންތަނުން ތެދުވިއެވެ. އަދި އަވަސް ހިނގުމެއްގައި ކޮލެޖުގެ ގޭޓާއި ދިމާއަށް ހިނގައިގަތެވެ. ގޭޓުން ބޭރަށް ނިކުމެ ދެކޮޅު ބަލާލި ވަގުތު މަގުގެ ކަންމަތީ ސައިކަލުގައި އިން ނިޔާޒު އޭނާގެ ލޮލުގައި އަޅާއިގަތެވެ. ލުއި ހިނިތުންވުމެއް ނިޔާޒަށް ދެމުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ނީނާ ސައިކަލު ފަހަތަށް އެރިއެވެ.

''ހާދަ އަވަހަކަށް މިއަދު ގެއަށްދާން؟ އަނެއްކާވެސް އެ ހުވަފެން ފެނުނީތަ؟''

ސައިކަލު ދުއްވާލަމުން ނިޔާޒް އެހިއެވެ.

''ނޭނގެ. މިހާރު މަސްދުވަސް ވަނީ މި ހުވަފެނެއް ފެނަނަތާ. މަ މިހާރު ބިރުވެސް ގަނޭ. ވާގޮތް ކިޔައިދޭންވެސް ނޭނގެ.''

ނީނާއަށް އަދިވެސް އެ ހުވަފެން ސިފަވާކަހަލަ އެވެ.

''ކޮންތާކަށް މިދަނީ؟ ގެއަކަށް ނޫންތަ؟ ކޮބާ ހެލްމެޓް؟''

ސައިކަލުގެ މިސްރާބު ހުރީ ގެއާ ދިމާއަށް ނޫންކަން އެނގުމުން ނީނާ ސުވާލުފަތި އަމުނާލިއެވެ.

''ރައްޓެއްސެއްގެ ގޭގަ ހެލްމެޓުތައް ވާނީ. އެ ބަލާ މިދަނީ. ނީނާ ވިއްޔަ އަވަހަށް އަންނާށޭ ބުނީ. އެހެންވެ އެގެއަށޤ ނުގޮސް މިއައީ.''

ނިޔާޒު ޖަވާބުދިނެވެ.

**********

މާފަންނު ސަހަރާ ކައިރީ ހުރި ކޮޅު ބެދިފައިވާ ގޯޅިއެއްގެ ކައިރިއަށް ސައިކަލު ހުއްޓުމަށްފަހު ހަމްދޫން ސައިކަލުން ފޭބި އިރު އޭނާ ވަނީ ހިތް އަވަސްވެފައެވެ. މަގުމަތީ ކޮންމެވެސް ވަރަކަށޤ މީހުން އުޅުމުން އޭނާ ފާރުކައިރީ މަޑުކޮށްލުމަށ ފަހު ސިނގިރޭޓެއް ނަގާ ބޯންފެށިއެވެ. ފަޒާގެ ތެރެއަށް ދުކުރަމުން ދިޔަ ދުންތަކާއެކު އޭނާގެ ނުތަނަވަސްކަމަށް ލުޔެއް ލިބުނޭ ހީވިނަމަވެސް، އޭނާގެ މޫނުމަތިން ހާސްކަމުގެ އަސަރު ނުފިލައެވެ.

ސިނގިރޭޓް ބޮއެ ހުސްކުރުމަށް ފަހު މަގުގެ ދެކޮޅު ބަލާ، އެއްވެސް މީހެއް އެނާއަށް ފާރަ ނުލާކަން ކަށަވަރު ކުރުމަށް ފަހު ހަމްދޫން އެތާ ކައިރީ އިން ގެއެއްގެ ތެރެއަށް ދެމިގަތެވެ. ހިމަ ގޯޅިއަކުންލާފައިގޮސް ގޯޅީގެ އެންމެ އެތެރޭގައި އިން ހަނި ސިޑިއަކުން އޭނާ އަރަމުން ދިޔައިރު މަޑުމަޑުން އެއްޗެއް ކިޔަމުން ދިޔައެވެ.ސިނޑިން މައްޗަށް އެރުމަށް ފަހު ކަނާއަތުން އެންމެ ފުރަތަމަ ޖެހުނު ކޮޓަރީގައި ޓަކި ދިނުމަށް ފަހު ހަމްދޫން ކޮޓަރިތެރެއަށް ވަނެވެ.

ބައިގަޑިއިރެއް ހާއިރުފަހުން ހަމްދޫން އެ ކޮޓަރިން ނިކުތް އިރު އޭނާ ވަނީ ދާހިތްލާ ފޯވެފައެވެ. ކޮޓަރީގެ ބޭރު ފާރުބުޑުގައި ލެނގިލުމަށްފަހު އޭނާގެ ހިމަ އިނގިލިތަކުން އަމިއްލަ ބޮލުގައި ހިފައި އޭނާގެ ފަން އިސްތަށިގަނޑަށް ދަމާލީ ބޮޑު ބޮލުރިހުމަކުން ކުޑަނަމަވެސް ލުޔެއް ލިބޭތޯ މަސައްކަތްކުރާ ކަހަލަ ގޮތަކަށެވެ. ކުޑަ އިރުކޮޅަކު އެހެން ހުރުމަށްފަހު މީހާ ހަމައަކަށް އެޅުވުމަށް ދެތިން ފަހަރަކު ފުން ނޭވައެއް ލުމަށްފަހު އޭނާ އައިކޮޅަށް ސިޑިއާ ދިމާއަށް މިސްރާބުޖެހިއެވެ.

**********

ނީނާ ގޮވައިގެން ސައިކަލުގައި އައިސް ނިޔާޒު މަޑުކުރީ މާފަންނު ސަހަރާ ކައިރިއަށެވެ. އުސްފަސްގަނޑާ ދިމާލުގައި ގަޑިއެއްހާއިރު އެ ހިތްފަސޭހަ މާހައުލުގައި އިނދެލުމުން ނީނާ ވަނީ މިހާރު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ. ހުޅުމާލެ ދިއުމަށް ހެލްމެޓްތައް ހިފައިން އަންނާނެކަމަށް ބުނެ ނިޔާޒް އެހިސާބުގައި އިން ގޯޅިއެއްގެ ތެރެއަށް ވަނުމުން ނީނާ ސައިކަލު މަތީ ހަމަޖެހިލާ ފޯނު ނެގިއެވެ. އަދި ނިޔާޒް އަންނަންދެން އޭނާގެ ފޯނުން ގޭމެއް ކުޅެެން ފެށިއެވެ.

ކުއްލިއަކަށް ނީނާގެ ލޮލުގައި އަޅައިގަތީ އޭނާ އެމީހެއް ދެކެ އެންމެ ލޯބިވި ހަމްދޫނެވެ. އަތްދިގު ނޫކުލައިގެ ގަމީހަކާއި ކަޅު ޖީންސެއް ލައިގެން ހުރި ހަމްދޫނަށް ނީނާ ފެނުނުހެނެއް ހިއެއް ނުވެއެވެ. އެތާކައިރި ގެއަކުން ނިކުތް ގޮތަށް އޭނާ ސައިކަލަށް އަރާ ދުއްވާލި އިރު ނީނާއަށް އިނދެވުނީ ހަމްދޫނަށް ބަލާށެވެ. ކަޅިވެސް ޖަހާނުލާ ހަމްދޫން ގޮސް ލޮލުކޮޅުން އޮބެންދެން އޭނާ ހަމްދޫނަށް ބެލިއެވެ. ނީނާއަށް އޭނާ ހަމްދޫން އާއެކު އުޅުނު އުފާވެރި ދުވަސްތައް ހަނދާންވިއެވެ.

----------

ހަމްދޫންއާއި ނީނާއަކީ ސްކޫލް ދައުރުން ފެށިގެން ދެ އެކުވެރިންނެވެ. ދެމީހުންގެ އެކުވެރިކަން ލޯތްބަށް ބަދަލުވީ އޭލެވެލް ކިޔަވަން ދެމީހުން އެއް ސްކޫލަކަށް ބަދަލުވި ހިސާބުންނެވެ. ސްކޫލްގައި އުޅުނުއިރު އުފެދިގެންއައި ލޯތްބައް ކުރިމަތިވި އެންމެ ބޮޑު އިމްތިހާނަކަށްވީ ހަމްދޫންގެ ބައްޕަ ނިޔާވުމުން ކިޔެވުން މެދުކަނޑާލައި ވަޒީފާއަކަށް ދާންޖެހުމެވެ. ފުރަތަމަ ތިންމަސް ދުވަހު ފިހާރައެއްގެ ކޭޝިއަރަކަށް މަސައްކަތް ކުރުމަށްފަހު ހަމްދޫން ސިފައިންގެއަށް ވަނީ އޭނާއަށް ހުރި ފުރުސަތުތައް ގިނަ ވާނެތީއެވެ.

ހަމްދޫން ޓްރެއިނިންގ އަށް ގޮސް ހުރި އިރު ދެމީހުންގެ ދެމެދު މައްސަލަ ޖެހެން ފެށިއެވެ. ވަގުތު ނުވާތީ އެވެ. ހަފްތާއަކު އެއްފަހަރުވެސް ހަމްދޫންއަށް އާއިލާއަށް ގުޅަން ނިލިބޭއިރު، ގުޅަ ވަގުތުގައި ނީނާއަށް ގުޅޭގޮތް ނުވުމުން އޭނާ ހިތްހަމަނުޖެހެނީއެވެ. އެންމެ ފަހުން މާލެއައިސް ހަމްދޫން ނީނާއާއި ރުޅިވީ ނީނާ އޭނާއަށް ބޭވަފާތެރިވިކަމަށް ބުނެއެވެ. ވީގޮތެއް ހުދު ނީނާއަކަށްވެސް ނޭނގެއެވެ. ވީގޮތް އޮޅުން ފިލުވަން ކުރި ހުރިހާ މަސައްކަތެއްވީ ނާކާމިޔާބެވެ.

----------

އޭގެ ފަހުން މިހާރު ދެއަހަރު ވެފައި ވީނަމަވެސް ނީނާގެ ހިތުން ހަމްދޫންގެ ނަން އަދިވެސް ނުފޮހެވެއެވެ. އާއިލާގެ އެދުމަށް ސްކޫލް ނިންމުމަށްފަހު ނިޔާޒާއި ގުޅުން ނަމަވެސް ހަމްދޫންގެ ލޯބި އެއްކޮށް ހަނދާން ނައްތާލުންވީ އޭނާއަށް އުންދަގޫ ކަމަކަށެވެ. ހިޔާލެއްގެ ތެރޭ އިން ނީނާ ސިއްސައިގެންދިޔައީ އޭނާގެ މޫނުމަތީ ހެލްމެޓް ހަލުވާލުމުންނެވެ. އިސް އުފުލާ ބަލާލިއިރު ނިޔާޒް ދެމީހުންގެ ހެލްމެޓު ހިފައިގެން އައިސް ކައިރީގައި ހުއްޓެވެ.

ހެލްމެޓް އެޅުމަށް ފަހު ސައިކަލަށް އަރާ ހުޅުމާލެއަށް ދިއުމަށް ނިޔާޒް މިސްރާބުޖެހި އިރު ނީނާގެ މޫޑު އަނެއްކާވެސް ގޯސްވެފައިވާކަން ނިޔާޒަށް ފާހަގަވިއެވެ. މަޑުމަޑުން ނީނާއާއި ވާހަކަ ދައްކަމުން އޭނާ ސައިކަލު ދުއްވަމުން ދިޔައީ އަލުން ނީނާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ފަރުވާކުޑަ ގޮތަކަށް ނިޔާޒް ކިޔާ ކޮންމެ އެއްޗަކަށް އެއްބަސްވުން ނޫންކަމެއް ނީނާއަކަށް ނުކުރެވެއެވެ. ބޭރުމަގަށް އަޅާ ބްރިޖާއި ދިމާއަށް ނިޔާޒް ސައިކަލު ދުއްވާއީ ނީނާ އެއްޗެކޭ ނުބުނެ އިނުމުން ހިތްހަމަ ނުޖެހި އިނދެއެވެ.

ބްރިޖަށް އެރުމަށް ލައިޓުގައި ޖެހިފައި އިނދެ، ލައިޓު ފެހިވި ގަޑީ ސައިކަލު ނައްޓާލަމުން ލޯގަނޑުން ނީނާއާއި ދިމާއަށް ނިޔާޒް ބަލާލިއެވެ. އެވަގުތު މަގުގެ އަނެއް ފަރާތުން އައި ސައިކަލެއް ކޮންޓްރޯލުން ކަޓައިގެންގޮސް ޖެހުނީ ނީނާއާއި ނިޔާޒް ތިބި ސައިކަލުގައެވެ. ސައިކަލާއެކު ނިޔާޒް ވެއްޓުން އިރު ނީނާ މާ ދުރަށް ވިއްސައިގެން ދިޔައެވެ. ލޯ ފުސްވަމުން ދިޔަ ނިޔާޒް މަޑުމަޑުން ނީނާ ފެނޭތޯ ވަށައިގެން ނަޒަރު ހިންގާލި އިރު އޭނާއަށް ފެނުނީ ނީނާ މަރަށް ތެޅެނިކޮށެވެ.

ޕޭމަންްޓާ ދިމާ ބިންމަތީ ނީނާ އޮތް އިރު އޭނާ މަސައްކަތް ކުރަމުން ދިޔައީ ނޭވާ ލެވޭތޯއެވެ. އޭނާ ތެޅެމުން ދިޔަ ގޮތުން ހީވީ މީހަކު އޭނާ ކަރަށް ބާރު ކުރަމުން ދިޔަހެނެވެ. ރަތްދެލޯލީ ކަޅު ހިޔަންޏެއް ނީނާގެ ކަރުގައި ހިފާ ވާން ކުރަމުން ދިޔަ މަންޒަރު ނީނާއަށް ފެނުންނަމަވެސް ވަށައިގެންވާ މާހައުލުގައި އިތުރު އެހެން މީހަކަށް އެ މަހުލޫގެއް ނުފެނެއެވެ. މަރަށް ތެޅިތެޅި އޮތް ނީނާގެ ފުރާނަ އޭނާގެ ހަށިގަނޑާ ވަކިވެ ދިޔައީ އާންމުންނާއި އެހިސާބުގައި ހަރަކާތްތެރިވި ފުލުހުން ނީނާ ސަލާމަތް ކުރުމަށް މަސައްކަތް ކުރަމުންދަނިކޮށެވެ.

**********

''އެކަން ވެއްޖެ. މާދަން އައިސް ކަލޭ ޖެހޭނެ މަށަށް ފުލް ޕޭމަންޓު ދޭން. އިހަށް ބޭއްވީ!''

ފޯނު ބޭއްވުމަށް ފަހު ހަމްދޫން ހަމަޖެހެން މަސައްކަތް ކުރިއެވެ. ސިހުރުގެ ބާރު ބޭނުންކޮށްގެން މީހެއްގެ ފުރާނަ ދުއްވައިލެވުމުން އޭނާ ހިތާމަ ކުރި ނަމަވެސް ވަގުތު ފާއިތު ވެއްޖެއެވެ. ލިބިފައިވާ ހިތްދަތިކަމާއި ކުރެވުނު ކަމުގެ މޮޔަކަން އިހުސާސް ވުމުން އެނާއަށް ރޮވެން ފެށުނެވެ. ފޯނު ނަގާ ނީނާގެ މެސެޖުތައް އެތައް ދުވަހެއް ފަހުން ހުޅުވާލީ ދެން ދުވަހަކުވެސް އެ ކެހިވެރިޔާ އޭނާއަށް ނުފެންނާނެތީ އޭނާގެ ހިތަށް ލިބިފައިވާ ޒަހަމް ކުޑަވެދާނެއޭ ހިތަށް އަރުވާލަމުންނެވެ.

ނަމަވެސް ނީނާ އޭނާއަށް އެކި ފަހަރުމަތިން ކޮށްފައިވާ މެސެޖުތައް ފެނުމުން އޭނާ ހިތުގައި ޖެހުނެވެ. އޭނާ ނީނާ ދުކޮށްލި ސަބަބު އޮޅުން ފިލުވާ ދިނުމަށް އެދި ނީނާ ކޮށްފައިވާ އެކި މެސެޖުތަކުގައި ހިތާމައިގެ އަސަރު ހުރިކަން ހަމްދޫނަށް ފާހަގަވިއެވެ. ނަމަވެސް އެނގޭކަމެއް ނޭނގޭކަމަކަށް ނީނާ ހަދާ ސަބަބެއް ނުވިސްނުނެވެ. މަޑުމަޑުން އިނދެ ނީނާގެ ފޭސްބުކް ޕޭޖު ހާވަމުންގޮސް ނިޔާޒްގެ ފޭސްބުކް ޕޭޖުވެސް ހަމްދޫން ހުޅުވާލިއެވެ. އެވަގުތު އޭނާގެ ލޮލުގައި ފޮޓޯގަނޑެއް އަޅާއިގަތެވެ. އިތުރު އެހެން އަންހެން ކުއްޖަކާއެކު ނިޔާޒު ނަގާފައިވާ ފޮޓޯ އެކެވެ.

ތެޅިތެޅި އޮތް ހިތަކާއެކު ނިޔާޒް އޭނާގެ ކުރީގެ މެސެޖުތައް ހާވާލުމަށްފަހު ފޮޓޯއެއް ހުޅުވާލިއެވެ. އަދި ދެފޮޓޯ އަޅާ ކިޔާލިއެވެ. ދެ ފޮޓޯގައިވެސް ނިޔާޒް އިނީ ދާދި އެއްގޮތަކަށެވެ. ތަފާތެއް ނެތެވެ. ހަމައެކަނި ތަފާތަކީ އޭނާ އަތުގައި އިން ފޮޓޯ ގަނޑުގައި ނިޔާޒްގެ ގައިގައި އޮޅުލައިގަނެގެން ނީނާ އިންކަމެވެ. އެފޮޓޯ އޭނާއަށް ލިބުނު ފަހުން ފުރަތަމަ ފަހަރަށް ރަނގަޅަށް ހަމްދޫން އެފޮޓޯއަށް ބަލާލިއެވެ. އެތައް އިރަކު އެ ފޮޓޯގަނޑަށް ބަލަން އިނުމަށް ފަހު ހަމްދޫނަށް ހަޅޭއްލަވައިގަނެވުނެވެ.

އަމިއްލަ މޫނުގައި ދެފަހަރަކު ޖަހާލުމަށް ފަހު އަމިއްލަ ނަފްސުދެކެ އައި ރުޅީގައި ފާރުގައި ގޮށްމުށްކެވުމަށްފަހު ތަޅައިގަނެވުނެވެ. އެންމެ ފަހަރަކުވެސް ނީނާ ކައިރީ ކަންވީގޮތް އެޅުން ފިލުވުމަށް ނޭހުނީތީ އޭނާ އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ކުށަކާ ނުލާ ނީނާގެ ފުރާނަ ދުއްވާލެވުމުން އޭނާގެ ދުނިޔެ ހަލާކުވި ކަހަލައެވެ. އަމިއްލަ ބޮލުގައި ހިފަހައްޓައިގެން އިނދެ ރޮމުން ހަމްދޫން ތިރިވީ ހަދާނެގޮތް ހުސްވެގެންނެވެ.

އެހެންމީހެއްގެ ކެހިވެރިކަމުގެ މަޅީގަައިޖެހި ނީނާއަކީ ބޭވަފާތެރިއެއްކަމަށް އޭނާއަށް ނިންމުނީ މުޅިން އޮޅުމެއްގެ ތެރޭގައި ހުރެއެވެ. އެންމެ ފަހަރަކު ނަމަވެސް ނީނާއާއި ވާހަކަ ދައްކާލެވުނުނަމަ މިއަދު މިދުވަހެއް ކުރިމަތި ނުވީހެވެ. ބޭކާރުކަމަކަށް އޭނާގެ ބޮލުގައި މީހެއްގެ ފުރާނަ ނަގާލިކަމުގެ ޒިންމާ އެޅުނީ އަމިއްލައަށް ކުރި މޮޔަ ކަމެއްގެ ސަބަބުންނެވެ.