ޚަބަރު

މެންބަރު އާމިރު މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދަކުރައްވަން ނިންމަވައިފި

އަލީ އިހްސާން

ކުޑަހުވަދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު އަހްމަދު އާމިރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމަށް ވާދަކުރައްވަން ނިންމަވައިފިއެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަކުރައްވަން ނިންމެވިކަން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ވަނީ "ވަންއޮންލައިން" ކަށަވަރުކޮށްދެއްވައިފައެވެ.

އާމިރު ވިދާޅުވީ ވަރަށް ގިނަ ބޭފުޅުންނާ މަޝްވަރާ ކުރެއްވުމަށްފަހު މަޖިލީހުގެ ނައިބު ރައީސްކަމަށް ކުރިމަތިލުމަށް ނިންމާފައިވާ ކަމަށާއި ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާނެ ކަމަށެވެ.

ޒިންމާދާރު މަޖިލީހެއް ފެނިގެންދާނީ އެއް ޕާޓީއަކަށް މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަން ދިނުމުގެ ބަދަލުގައި ދެ ޕާޓީއަކަށް އެ ދެ މަގާމު އޮވެގެން ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ޕީޕީއެމްއާއި ޕީއެންސީއާއި ޖޭޕީ އަދި އެމްޑީޕީގެ ސަޕޯޓުވެސް ލިބޭނެކަމުގެ އުއްމީދު އެބައޮތް ކަމަށް އާމިރު ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ 17 ވަނަ މަޖިލީހުން ފެށިގެން ރައީސްކަމާއި ނައިބު ރައީސްކަން އަދާކުރެއްވީ ތަފާތު ދެ ޕާޓީއެއްގެ މެމްބަރުން ކަމަށާއި މިފަހަރު ތިންވަނަ ދައުރަކަށް ހޮވުމުން ނައިބު ރައީސްކަމުގެ މަގާމަށް ޝައުވެރިކަން ފާޅުކުރާ ކަމަށެވެ.

"އެންމެ ފުރަތަމަ 17 ވަނަ މަޖިލީހުގައި ވެސް މަޖިލީހުގެ ރައީސަކަށް ޑީއާރްޕީގެ ބޭފުޅަކު ހުންނަވާފައި، ޕީއޭގެ ބޭފުޅަކު ނައިބު ރައީސަކަށް ހުންނެވީ. 18 ވަނަ މަޖިލީހުގައި ވެސް އަޅުގަނޑުމެން ޕީޕީއެމްއާއެކު ކޯލިޝަނެއް އޮތީމައާ އެއްކޮށް އަޅުގަނޑު އެ ޝައުގުވެރިކަން އުފެއްދިން. އެހެންނަމެވެސް މަޖިލީހުގެ ރައީސްއާއި ނައިބު ރައީސަކު ހޮވުމަށް އޭރު ޕީޕީއެމްގެ ރައީސްއާއި ރައީސް ޔާމީނާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ގުޅިގެން އަޅުގަނޑު އެކަން ދޫކޮށްލިން. މިފަހަރު އަނެއްކާ ތިންވަނަ މަޖިލީހަކަށް ހޮވުނީތީ އަޅުގަނޑު ޝައުގުވެރިކަން ފާޅުކޮށްގެން މިއުޅެނީ،" އޭނާ ވިދާޅުވިއެވެ.

އާމިރު ވިދާޅުވީ އޭނާ ނިސްބަތްވާ ޕާޓީ، އެމްޑީއޭއަކީ ހަމަގައިމުވެސް މިހާރު ޖޫނިއާ ޕާޓީއެއް ނޫން ކަމަށާއި އެމްޑީއޭއަކީ 17 ވަނަ މަޖިލީހުން ފެށިގެން މަޖިލީހުގެ ހައިސިއްޔަތު ލިބިގެން އައި ޕާޓީއެއް ކަމަށެވެ.

"އަޅުގަނޑު ތަމްސީލުކޮށްފައި އޮންނާނީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާގެ ރޫހާ އެއްގޮތްވާ ގޮތުގެ މަތީން ގައުމީ ވިސްނުން އިސްކޮށްގެން. އެހެންކަމަށްވާ ނަމަ، އަޅުގަނޑާ އެ މަގާމު ހަވާލުކުރަން ބިރުގަންނަން ޖެހޭނެ އެއްވެސް ސިޔާސީ ޕާޓީއެއް އޮވެދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ހުރިހާ އެންމެންނާ ވެސް ގުޅިގެން މަސައްކަތްކުރުމުގެ ރޫހެއްގައި މަޖިލިސްތަކުގައި މަސައްކަތްކޮށްފައި ހުންނާނީ،" އޭނާ ވިދާޅުވިއެވެ.

ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވަން އާމިރު ނިންމެވި އިރު، މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމުގެ މަގާމަށް ގެންނާނީ އެމްޑީޕީގެ މެންބަރުން ކަމަށް އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ ސުޕާ މެޖޯރިޓީއެއް ހޯދައިފައެވެ.