ކޮލަމް

ރޯދައިން ލިބޭ ތަރުބިއްޔަތު

އަބްދުﷲ ފާރޫގް ހަސަން

ބަރަކާތްތެރި ރަމަޟާންމަސް މިވަނީ އަޅުގަނޑުމެންނާ ބައްދަލުކޮށްފައެވެ. ރަހްމަތާއި، ފާފަފުއްސެވުމާއި، ނަރަކައިން މުއްތިކުރެއްވުމާއި ބަރަކާތާއި ޘަވާބާއި ހެޔޮކަމާއިގެން އަޅުގަނޑުމެންނާ ހަމަޔަށް އައިސްފައެވެ. މިމަހުގެ އެންމެ ފުރަތަމަ ދިހަ ކަމުގައިވާ ރަހުމަތުގެދިހަ ފާއިތުވީއެވެ. އެހެންކަމުން ރަމަޟާންމަސް އަޅުގަނޑުމެންނަށް ލިބިދޭ ފިލާވަޅުތައް އަލުން މުޠާލިޢާ ކޮށްލަމާ ހިންގަވާށެވެ. މިބަރަކާތްތެރި މައްސަރުން އަޅުގަނޑުމެންނަށް ލިބެނީ ކޮންކޮން ފިލާވަޅުތަކެއްތޯ ބަލައިލަމާ ހިންގަވާށެވެ. މިހެޔޮކަމުގެ މައްސަރު އަޅުގަނޑުމެންގެ ކިބައިން އެދެނީ ކޮންކޮން ކަންތައްތަކެއްތޯ އާއި، އެކަންތައް ތަކުން އަޅުގަނޑުމެންގެ ހަޔާތަށް ފޯރަނީ ކޮންކަހަލަ އަސަރުތަކެއްތޯ ވެސް ބަލައިލަމާ ހިންގަވާށެވެ. އަޅުގަނޑުމެން އަމިއްލަޔަށް އަޅުގަނޑުމެންގެ ނަފުސުތައް ހިސާބުކޮށް އަރަނި ދަރަނި ހުރިނެތްގޮތް ބަލައިލަމާ ހިންގަވާށެވެ. މިބަރަކާތްތެރި މައްސަރު ދައްކާ މޫނު ބަލާލޯގަނޑުން އަޅުގަނޑުމެންގެ ދިރިއުޅުން ބަލައިލައި އަޅުގަނޑުމެންގެ އުޅުމާއި ސުލޫކުގައިހުރިނަމަ ހުރި ދަމިލައެއް ފިލުވައި އުއްތައިލަމާ ހިންގަވާށެވެ.

ރަމަޟާން މަސް އަޅުގަނޑުމެންނަށް ލިބިދޭ އެއްފިލާވަޅަކީ ގަދައަޅައި މަސައްކަތްކުރުމުގެ ފިލާވަޅެވެ. އަޅުގަނޑުމެންގެ ޠަބީޢަތާ ޚިލާފުކަންތައް ބަރުދާސްތުކުރުމުގެ ފިލާވަޅެވެ. އާދެ، ބަނޑުހައިކަމެވެ. ކަރުހިއްކުމާއި ފެންބޮވައިގަތުމެވެ. ނަފްސާނީ އެހެނިހެން އެދުންތައް ދޫކޮށްލައިގެން ކެތްތެރިކަމާއެކު ސާބިތުވެ ތިބުމުގެ ފިލާވަޅެވެ. ދޫރައްކާތެރި ކުރުމުގެ ފިލާވަޅެވެ. ނަމާދުތަކުގެ އިސްފަހުގައިކުރާ ރަވާތީބު ސުންނަތްތަކުގެ އިތުރަށް ތަރާވީހުގެ އެގާރަ ރަކްއަތް ނުވަތަ ވިހި ރަކުއަތް ކުރުމުގެ ބުރަ އުފުލުމުގެ ފިލާވަޅެވެ. ދިގު ޤިޔާމުތަކާއި ރުކޫޢުތަކާއި ކީރިތިޤުރްއާން ކިޔެވުމާއެކުގައެވެ. ދުވާލު ހަތަރުދަމު ހައިހޫނު ކަމުގައި ތިބުމާއި ރޯދަވީއްލުމެވެ. ރޯދަވީއްލުމަށްފަހު ނަމާދެވެ. މަޣުރިބު ނަމާދާއި އިޝާ ނަމާދެވެ. ތަރާވީހު ނަމާދެވެ. ތަރާވީހު ނަމާދަށްފަހު އިރުކޮޅަކު ލޯމަރައިލައިފައި ތެދުވެ ތަހައްޖުދު ނަމާދުކުރުމެވެ. ތަކުރާރުކޮށް ފަށްފަށްކޮށް ޤުރްއާންކިޔެވުމެވެ. ހާރުކެއުމެވެ. ޝައްކެއްނެތެވެ. މިއީ އިންސާނަކު ވަރުބަލިކޮށްލާނެ އަޅުކަމުގެ މަސައްކަތްތަކެކެވެ. އިންސާނާގެ އާއްމު އާދަކާދަޔާއި، މިޒާޖާ ތަފާތު ކަންކަމެވެ. ރޯދަމަސް އަޅުގަނޑުމެންނަށް ތަރުބިޔަތުދެނީ މިކަންކަމުގެ ޒަރީޢާއިންނެވެ. މިކަންކަމުން އަޅުގަނޑުމެންނަށް ދަސްވަނީ އަޅުގަނޑުމެންގެ ޠަބީއަތާ ޚިލާފު ކަންކަން ބަރުދާސް ކުރުމަށެވެ. އަޅުގަނޑުމެންގެ ކިބައިގައި އުފައްދަނީ އެކަމުގެ ބުންވަރެވެ. މަތިވެރި މަޤްޞަދުތައް ހާޞިލުކުރުމަށްޓަކައި "ދެފައިދުޅަވަންދެން" ކުރިޔަށް ހިނގުމުގެ ތަރުބިޔަތެވެ. ޠޫފާނެއް ލައިގަތްކަމުގައިވިޔަސް ހިތްވަރާއި ފަންވަރު ދޫކޮށް ނުލުމުގެ ތަރްބިޔަތެވެ. އަނދިރިރޭރޭގެ ގަދަފިނި ރޯޅިތަކަށްވެސް އަޅުގަނޑުމެންގެ ހިންމަތާއި މިންނަތަށް ހުއްޓުން އަރުވައި ލެވުނަ ނުދިނުމުގެ ތަރްބިޔަތެވެ. ދުއްޕާން މޫސުންތަކަށް އަޅުގަނޑުމެންގެ ފައިގައި ހިލިހިލާ އެޅުވުނަ ނުދިނުމުގެ ތަރްބިޔަތެވެ. އަޅުގަނޑުމެން ގެ ދަތުރުގެ މިސުރާބު ސީދާކަމުގައިވާނަމަ އެ މިސުރާބަށް ކުރިޔަށްދާއިރު ކޮންމެފަދަ އުނދަގުލަކާ ކުރިމަތިވިޔަސް ފަހަށް ނުޖެހުމުގެ ތަރްބިޔަތެވެ. ހައްތާވެސް ކުރިޔަށް އަރަމުން ދިޔުމުގެ ތަރްބިޔަތެވެ. މިއިންކޮންމެ ކަމެއްގެ ތަރްބިޔަތަކީވެސް އަޅުގަނޑުމެންގެ ފަރުދީ ދިރިއުޅުމުގެ ވެސް ބޭނުމެކެވެ. ޤައުމީ ދިރިއުޅުމުގައިވެސް އަފޫރުއްބަ މުހުތާދެކެވެ. އަޅުގަނޑުމެންގެ އިޖްތިމާޢީޙަޔާތާއި އާއްމު ޚިދުމަތުގެ ދާއިރާއަށްވެސް ބޭނުންތެރި ފިލާވަޅުތަކެވެ.

ޝައްކެއްނެތެވެ. އަޅުގަނޑުމެންގެ ހަޔާތުގެ މަޤްޞަދަކީ ހަމައެކަނި ކޮންމެވެސްކަހަލަ މާއްދީ މަޤްޞަދެއް ހާސިލްކުރުމެއް ނޫނެވެ. އަދިކީއްތޯއެވެ؟ އަޅުގަނޑުމެންގެ ކާމިޔާބަކީ އަޅުގަނޑުމެންގެ ރަސްވަންތަ ﷲގެ ރުހިވޮޑިގަތުން ލިބިގަތުމުގައިވެސް ކާމިޔާބީ ހާޞިލުކުރުމެވެ. އެކަލާނގެ މަގުގައި އަޅުގަނޑުމެންގެ އަތުން ބީވެދިޔުމަކީ ލިބުމެވެ. ގުރްބާންވުމަކީ ދިރުންލިބިގަތުމެވެ.

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނަށްދޭ ދެވަނަ ފިލާވަޅަކީ ކީރިތި ޤުރްއާނާ ގުޅުން އުފެއްދުމުގެ ފިލާވަޅެވެ. އަރަހުށިމާތް ﷲ ކީރިތިޤުރްއާން ބާވައިލެއްވީ ރަމަޟާން މަހެއްގައެވެ. ރޯދަމަހުގައި ދިގުކޮށް ޤުރްއާންކިޔެވުމާއެކު އަޅުގަނޑުމެން މިކުރާ ތަރާވީޙު ނަމާދަކީ ޤުރްއާން ބާވައިލެއްވިކަމުގެ ހަނދާން އާކުރުމެވެ. ލައިލަތުލް ޤަދްރިވިލޭރޭ ލިބިގަނެވޭތޯ މިކުރާ މަސައްކަތާއި، އިޢުތިކާފުކުރުމުގެ މަޤްސަދަކީވެސް ކީރިތިޤުރްއާން ބާވައިލެއްވިރޭ ލިބިގަތުމެވެ. ފިތުރުއީދަކީ ޤުރްއާން ބާވައިލެއްވި މައްސަރު އިހްތިފާލްކުރެވުނުކަމުގެ އުފާ ފާޅުކުރުމެވެ. އާދެ، މިމާތް މައްސަރުގެ އެއްފައިދާއަކީ އަޅުގަނޑުމެންނާއި ކީރިތިޤުރްއާނާ ގުޅުން ބަދަހިވުމެވެ. އަޅުގަނޑުމެން ޤުރްއާންކިޔެވުމުގައި ވަރަށް ގިނަ މަޤްޞަދުތަކެއް އޮންނާންޖެހެއެވެ. ޤުރްއާނުގެ ބޭނުމަކީ ހަމައެކަނި މީހަކު މަރުވުމުން ސާޅީސް ވަންދެން އެފޮތް ކިޔަވައިލުމެއް ނޫނެވެ. މީހެއްގެ އަހަރުމަތިދުވަހު ފޮތްފޮއްޓެއް ކިޔަވައިލުމެއްވެސް ނޫނެވެ.

ކީރިތި ޤުރްއާނަކީ އަޅުގަނޑުމެންނަށް ޘަވާބާއި ދަރުމަ ލިބުމުގެ ވަސީލަތެކެވެ. ހަމައެފަދައިން އެފޮތަކީ އަޅުގަނޑުމެންގެ ޙަޔާތުގެ ސޫރަދައްކާ މޫނުބަލާ ލޯގަނޑެވެ. އަޅުގަނޑުމެންގެ ޢަމަލީ ހަޔާތު ބައްޓަންކުރުމަށެވެ. އަޅުގަނޑުމެންގެ ދިރިއުޅުމުގެ ފައްތަރުތައް ރީތިކޮށް ތަރުތީބު ކޮށްލުމަށެވެ. މިގޮތުން ކީރިތި ޤުރްއާނާއި އަޅުގަނޑުމެންނާ ދެމެދު މިހާރު އޮންނަ ގުޅުމާމެދު ވިސްނައިލާއިރު އެގުޅުންވަނީ ވަރަށް ބޮޑަށް އަނަރޫފަވެފައެވެ. ހީނަރުވެފައެވެ. ކީރިތި ޤުރްއާން އަޅުގަނޑުމެންނަށް އަންގާ އެންގުންތަކާއި އަޅުގަނޑުމެންގެ ކިބައިން ޤުރްއާން އެދޭގޮތް ދެނެގަތުމުގެ ޝައުޤުވެރިކަމުން އަޅުގަނޑުމެންވަނީ މަހްރޫމުވެފައެވެ. އަޅުގަނޑުމެންގެ އަމަލީ ހަޔާތުގައި ޤުރްއާން ދައްކާމަގުން ހިނގުމުގެ ބަދަލުގައި އަޅުގަނޑުމެންނަށް މަގު ދައްކާ ފަރާތަކަށް ހަދައި ލަގަން ހަވާލުކޮށްގެން އުޅެވެނީ ނަފްސާނީ އެދުންތަކާއެވެ.

ކީރިތިޤުރްއާނަކީ އަޅުގަނޑުމެންނާ ހަވާލުކުރައްވައިފައިވާ ވަރަށް މަތިވެރި އަމާނާތެކެވެ. އަޅުގަނޑުމެން މުޅިއިންސާނިއްޔަތަށް ރައްދުކޮށްދޭން ޖެހޭ އިލާހީ އަމާނާތެކެވެ. އަޅުގަނޑުމެން ކީރިތިޤުރްއާނުގެ ޙައްޤު އަދާކުރުމަކީ މާތް ﷲ ގެ އެންމެހައި އަޅުތަކުންނަށް ކީރިތި ޤުރްއާން ރައްދުކޮށް ދިނުމެވެ. ނަމަވެސް މިޒަމާނުގެ ވަރަށްގިނަ މުސްލިމުންވަނީ މިއަމާނާތް އަދާކުރުމާމެދު ޣާފިލުވެފައެވެ. އަޅުގަނޑުމެން ގަޔާވެގެންނެއް އެމަސައްކަތެއް ނުކުރަމުއެވެ. އަޅުގަނޑުމެންނަކީ ޤުރްއާނާ ހަވާލުވެގެން ތިބި މީހުންނެވެ. އެޤުރްއާން އުފުލައިގެން ތިބި މީހުންނެވެ. އެހެންކަމަށްވުމާއެކުވެސް އަޅުގަނޑުމެންނަކީ ޤުރްއާންކިޔަވާންޖެހޭގޮތަށް ޤުރްއާންކިޔަވާ ބައެއްނޫނެވެ ޤުރްއާންމަގުދައްކާގޮތަށް ޤުރްއާނަށް ޢަމަލުކުރާބައެއްވެސްނޫނެވެ. ޤުރްއާން ދަތުން ޙައްޤު ގޮތަށް ޤުރްއާން ދަންނަބައެއްވެސް ނޫނެވެ. މާތްﷲގެ އަޅުތަކުންނަށް ޤުރްއާން އިއްވައިދޭ ބައެއްވެސް ނޫނެވެ. ކީރިތިޤުރްއާނާމެދު މިދަރަޖަޔަށް ބޭ އިންސާފުވުމަކީ ކޮންފަދަ ބިރުހުރި ކަމެއްތޯއެވެ.

މިބަރަކާތްތެރި ހެޔޮކަމުގެ މޫސުމާގުޅުވައިގެން އަޅުގަނޑުމެން ޢަހްދު ކުރާންވީ ޤުރްއާނުގެ ޙައްޤު ޤުރްއާނަށް ދިނުމަށެވެ. ދުވާލާރޭގަނޑު އެފޮތް ކިޔެވުމަށެވެ. އެފޮތުގެ ބަރަކާތުން ދުވަސް ފެށުމަށެވެ. އަޅުގަނޑުމެންގެ އަނބިދަރިންނާއި، އަޅުގަނޑުމެންގެ ވާވެރީންވެސް ޤުރްއާން ކިޔަވާ ބަޔަކަށް ހަދަން މަސައްކަތް ކުރުމަށެވެ. ޤުރްއާން އުނގަންނައިދޭގޮތަށް އަޅުގަނޑުމެންގެ އުޅުމާއި ގުޅުން ބައްޓަން ކުރުމަށެވެ. އަޅުގަނޑުމެންގެ އެދުންތަކާއި ވަގުތީ މަސްލަހަތުތަކަށްވުރެ މާތްﷲގެ ރުހިވޮޑިގަތުމަށް އިސްކަންދިނުމަށެވެ. މިމަޤްޞަދު ހާޞިލުވާނީ ޤުރްއާން ކިޔަވާއިރު ޤުރްއާނާއިމެދު ވިސްނައި ފިކުރު ހިންގަމުން ޤުރްއާން ކިޔަވައިގެންނެވެ. އަޅުގަނޑުމެންނަށް އަރަބިބަސްނޭގޭނަމަ މަސައްކަތް ކުރާންވީ ކީރިތި ޤުރްއާނުގެ ތަރުޖަމާއި ތަފްސީރުގެ އެހީގައި އެފޮތް ވިސްނައިގަތުމަށެވެ. އަރަހުށި މާތްﷲ އެކަލާނގެ ފޮތުގައި އަޅުގަނޑުމެންނަށް ދެއްވައިފައިވަނީ ކޮންކޮން އިރުޝާދުތަކެއްކަން ދެނެގަތުމަށެވެ. އެފޮތުގެ އަމުރުތަކާއި ނަހީތަކާ ފަރިތަވެލުމަށެވެ. ރައްޓެހިވެލުމަށެވެ. އަދިވެސް އަޅުގަނޑުމެން އަޒުމުކަނޑައަޅަންޖެހޭ ވަރަށް މުހިންމުކަމެއް އެބައޮތެވެ. އެކަމަކީ އަޅުގަނޑުމެންނާ ގުޅުންހުރި ޣައިރު މުސްލިމުންނަށް ކީރިތި ޤުރްއާނުގެ ތަރުޖަމާ ހޯދައިދިނުމެވެ. ވިސްނައިލަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓްތަކާއި ދަތުރުވެރިގެތަކުގެ ކޮޓަރިތަކުގައި ޤުރްއާނުގެ ތަރުޖަމާ ބަހައްޓައިލެވުނަސް އަޅުގަނޑުމެންނަށް އެއަދާކުރެވުނީ ވަރަށްބޮޑު ވާޖިބެކެވެ. އެކުރެވުނީ ނިހާޔަތެއްނެތްވަރުގެ އައިތަވެރި ޢަމަލެކެވެ. އަޅުގަނޑުމެންނާ މަތިކުރައްވައިފައިވާ ދީނީ ދައުވަތުގެ ބައެއް އަދާކުރެވުނީއެވެ. އެކަމަކީ އެންމެ ހެޔޮއުންމަތުގެ ޙައިޘިއްޔަތުން އަޅުގަނޑުމެން އަދާ ކުރާން ޖެހިފައިވާ ވަޖިބެކެވެ.

ބަރަކާތްތެރި ރަމަޟާން މަހަކީ އަޅުގަނޑުމެންގެ އެހެނިހެން އަޚުންނާއި އުޚްތުންގެ ހާލު ދެނެގަތުމުގެ ތަމްރީނު ލބިގަތުމުގެ މޫސުމެކެވެ. އަނެކުންގެ ހިތާމައާއި، ތުރާތަކުގައި ބައިވެރިވުމުގެ ފޯވައްސެކެވެ. އިންސާނާ ތިމާ އަމިއްލަޔަށް ބަނޑުހައިކަމުގެ އުނދަގޫ ބަރުދާސްތުކުރާނަމަ ބަނޑުހައިކަންމަތީގައިތިބޭ އެހެނިހެން އިންސާނުންގެ މަތީން ހަނދާންވެއެވެ. އެހެންކަމުން އެފަދަ މީހުން ތިބޭކަން އަޅުގަނޑުމެން ހަނދާންވާ ހިނދު އެފަދަމީހުންގެ ހައިހޫނުކަން ފިލުވައިދިނުމަކީ އަޅުގަނޑުމެންގެ ވާޖިބެކެވެ. ހަމައެފަދައިން މިބަރަކާތްތެރި މައްސަރު ނިންމައިލާއިރު އަޅުގަނޑުމެން ފިޠުރުޒަކާތުގެ މަތީން ހަނދާން ކުރާން ޖެހެއެވެ. އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ ތެރޭގައި ތިބި ފަޤީރުންނާއި މިސްކީނުން އަޅުގަނޑުމެންގެ އީދުގެ އުފަލުގައި ފުރިހަމަޔަށް ބައިވެރިކުރުވުމަށްޓަކައެވެ. މއީ އަޅުގަނޑުމެން މުޅިއަހަރުދުވަހުވެސް ތަކުރާރުކޮށް ފަށްފަށް ކުރާންޖެހޭ ކަމެކެވެ. ހަމަ ކޮންމެދުވަހަކު ވެސް ކުރަންޖެހޭ ހެޔޮކަމެކެވެ. ރަމަޟާންމަސް ނިންމައިލާއިރު ޚާއްޞަގޮތެއްގައި އެކަންކުރިކަމުގައި ވިޔަސް ވެއެވެ.

ކޮންމެ މުސްލިމަކުވެސް ތިމާގެ މުސްލިމް އަޚާއަށް ބޭނުން ހިފެވޭ މީހަކަށް ވާންޖެހެއެވެ. އެހެނިހެން މުސްލިމުންގެ ހިތާމަޔާއި ހިތްދަތިކަމާއި ފިކުރުބޮޑުވުމަކީ ޚުދު ތިމާގެވެސް މައްސަލަތަކެއްކަމުގައި ޤަބޫލުކުރާންޖެހެއެވެ. އަޅުގަނޑުމެން ގަބޫލުކުރާންވީ އަޅުގަނޑުމެންގެ އަޚުންނާއި އުޚްތުންގެ މުޞީބަތާއި ތުރާތައް ފިލުވައިނުދެވޭހައި ހިނދަކު އަޅުގަނޑުމެންގެ އުފާތައް ފުރިހަމަ ނުވާކަމެވެ.

(ނުނިމޭ)