ޕޭޔަރ

ޕޭޔާރ: ދައްކަން ޖެހޭ ހުރިހާ ބިލަކާއި ބޭނުންވާ ހިދުމަތްތައް އެއްތަނަކުން

އާންމުކޮށް ބޭނުންކުރާ ގިނަ ހިދުމަތްތަކަށް އެއް ތަނަކުން ބިލު ދެއްކޭނެ ހިދުމަތް ގާއިމް ކުރުމުގެ ގޮތުން އުފެއްދި ދިވެހި ފުރަތަމަ މޮބައިލް އެޕްލިކޭޝަން "ޕޭޔާރ" ލޯންޗުކޮށްފިއެވެ.

"ޕޭޔާރ" އެޕްލިކޭޝަން ތަރައްގީ ކުރި ޕޭޔާރ ޕްރައިވެޓް ލިމިޓެޑްގެ ސީއީއޯ އަލީ ހާރިސް ވިދާޅުވި ގޮތުގައި މި އެޕްލިކޭޝަނުގެ މަގުސަދަކީ ހުރިހާ ޕޭމަންޓެއް އެއްތަނަކަށް ގެނެސް ފަސޭހަކަމާ އެކު ހިދުމަތްތަކަށް ފައިސާ ދެއްކޭނެ މަގު ފަހިކޮށް ދިނުމެވެ. އެގޮތުން، މިއަދުން ފެށިގެން ރާސްޓަސް، ރީލޯޑް، އޫރިދޫގެ ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރަށް ލަވަފޮށި، އައިޓިއުންސް، ގޫގަލް ޕްލޭ، ޕްލޭސްޓޭޝަން ނެޓްވޯކް އަދި ސްޕޮޓިފައިގެ ގިފްޓް ކާޑުތައް ވެސް މި އެޕު މެދުވެރިކޮށް ގަންނަން ލިބޭނެކަމަށް ހާރިސް ވިދާޅުވި އެވެ. މީގެ އިތުރަށް، ކުރިޔަށް އޮތްތަނުގައި ޕޭޔާރ މެދުވެރިކޮށް ކަރަންޓާއި ފެން ބިލު ދެއްކުމުގެ ހިދުމަތާއި އަދިވެސް އެހެނިހެން ގިނަ ހިދުމަތްތަކެއް ލިބިގެންދާނެކަމަށް އެކުންފުނިން ބުންޏެވެ.

މިހާރުވެސް ވަކިވަކިން އޮންލައިންކޮށް ބިލްދެއްކޭ އެޕްލިކޭޝަންތައް ހުރިކަމުގައިވިޔަސް، ކޮންމެ ހިދުމަތަކަށް ވަކި އެޕްލިކޭޝަނެއް އެޅުމުގެ ބަދަލުގައި އެ ހުރިހާ ހިދުމަތަކަށް ޕޭޔާރ މެދުވެރިކޮށް ފައިސާ ދެއްކޭނެ ކަމަށް ހާރިސް ވަނީ ވިދާޅުވެފައެވެ.

"ޕޭޔާރ"ގައި އެއް ފަހަރު ދައްކަން ބޭނުންވާ ބިލް އެޑްކުރުމަށްފަހު ކޮންމެ މަހަކު ބިލް ތައްޔާރުވުމުން ނޮޓިފިކޭޝަން ލިބޭނެއެވެ. އަދި މާކެޓްގައި ހުރި އެޕްލިކޭޝަންތަކާ ހިލާފަށް އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓްތައް މެނޭޖްކޮށް، އެއްފަހަރާ އެތައް ބިލެއް ދެއްކުމުގެ ހިދުމަތް "ޕޭޔާރ" މެދުވެރިކޮށް ލިބޭނެ އެވެ.

މުސްތަގުބަލުގައި "ޕޭޔާރ" ޕޭމަންޓް ހިދުމަތުގެ އިތުރަށް، ފައިނޭންޝަލް އެވެއާނެސް އިތުރުކޮށް، މަހެއްގެ މައްޗަށް ހިނގާ ހަރަދުތައް ޓްރެކް ކުރެވޭ ފަދަ އެޕްލިކޭޝަނަކަށް "ޕޭޔާރ" ހައްދަވާނެ ކަމަށް ވެސް ހާރިސް ހާރިސް ވިދާޅުވި އެވެ.

"ޕޭޔާރ"ގެ އެންމެ ބޮޑު އުންމީދަކީ، ދުނިޔޭގެ އެންމެ މަގުބޫލް ޕޭމަންޓް އެޕްލިކޭޝަންތައް ކަމުގައިވާ އެލީޕޭ، ވީޗެޓްޕޭ ފެންވަރުގެ ހިދުމަތެއް ރާއްޖެއަށް ތައާރަފްކުރުމެވެ. މި ފަދަ ހިދުމަތެއް ތައާރަފްކޮށް ފުރިހަމަ ކުރުމަށް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އެއްބާރުލުމާއި އެހީތެރިކަމަށް "ޕޭޔާރ" އިން އެދެއެވެ.

"ޕޭޔާރ"ގެ ސަބަބުން ދިވެހިންގެ ދިރިއުޅުން އިތުރަށް ފަސޭހަކޮށް ބިލުދައްކަން ކިއުގައި ޖެހުމުގެ ސަގާފަތް ނައްތާލައި ބިލްތައް ދައްކަން އެތައް އެޕްލިކޭޝަނެއް އެޅުމުގެ ބޭނުން ކެނޑިގެންދާނެ ކަމަށް މި ހިތްގައިމު އެޕްލިކޭޝަން ތަރައްގީ ކުރި ފަރާތުން ދެކެއެވެ. ޕޭޔަރ އެޕްލިކޭޝަން މިހާރުން ފެށިގެން ގޫގަލް ޕްލޭސްޓޯ އަދި އެޕަލް އެޕްސްޓޯއިން ޑައުންލޯޑުކުރެވޭނެއެވެ.

ޑައުންލޯޑް: www.payer.mv/get