ކަނޑުމަތީގެ ހާދިސާތައް

މާލޭ ކޮމާޝަލް ބަނދަރާ ދިމާ ކަނޑުމަތިން ބޯޓަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

މާލޭ ކޮމާޝަލް ބަނދަރާ ދިމާ ކަނޑުމަތިން ބޯޓަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ މާލޭ ކޮމާޝަލް ބަނދަރު އުތުރު ފަރާތު ނެރާ ދިމާ ކަނޑުމަތިން ބޯޓަކާއި ދޯންޏެއް ޖެހި އެކްސިޑެންޓު ވެފައިވާކަމުގެ ރިޕޯޓު މިއަދު މެންދުރުފަހު 1:00 ހާއިރު ލިބިފައިވާ ކަމަށެވެ.

އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ މާލޭ ނޯތު ހާބަރުން ނުކުތް ބޯޓު ވިލިމާލެއާ ދިމާއަށް ދަތުރުކުރަމުން ދަނިކޮށް، ކޮމާޝަލް ބަނދަރުން ފިލާ ބަރުކޮށްގެން ނުކުތް ދޯނި، ބޯޓުގެ ވާތް ފަރާތު ފަހަތު ކަނުގައި ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ދެ އުޅަނދަށް ވެސް އެކިވަރުގެ ގެއްލުން ލިބިފައިވުމުގެ އިތުރުން ބޯޓުގައި ހުރި ބައެއް މުދަލަށް ވެސް ގެއްލުން ވެފައިވާ ކަމަށެވެ. އަދި އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެ އުޅަނދު ދުއްވި ދެ މީހުންގެ އަތުގައި ވެސް ކަނޑުގައި އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ ކަމަށާއި އެ އެކްސިޑެންޓު ހިނގީ ދޯނި ދުއްވި މީހާގެ އިހުމާލުން ކަމަށް ބެލެވޭތީ އޭނާގެ ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.