ދީބާޖާ އިންވެސްޓްމެންޓް

އޭޖީން ނެރުނީ ހަގީގަތާ ޚިލާފު ބަޔާނެއް ކަމަށާއި ތަކުރާރުވެއްޖެ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީބާޖާއިން ދީފި

3

ދީބާޖާ މައްސަލައިގައި އެޓާނީ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނީ ހަގީގަތާ ޚިލާފު ބަޔާނެއް ކަމަށާއި އެކަން ތަކުރާރުވާ ނަމަ، ތަސައްވުރަށް ލިބޭ ގެއްލުމާ ގުޅޭ ގޮތުން އެޅެން ހުރި ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީބާޖާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުން ދީފި އެވެ.

ދީބާޖާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސިވިލް ކޯޓުން ކޮށްފައިވާ ހުކުމުގައި ބުނެފައިވަނީ 23 އޮކްޓޯބަރު 2014 އިން ފެށިގެން މަދުވެގެން އެ މަހަކަށްޖެހޭ ވަރު އެ މަހަކު ދައްކަމުން ގޮސް، މީލާދީ ހަ މަސްދުވަހުގެ ތެރޭގައި ފައިސާ ދައްކައި، ދަރަނި ހަލާސްކުރުމަށް ކަމުގައިވާ އިރު، 23 އޮކްޓޯބަރު 2014 އިން ފެށިގެން މީލާދީ ހަ މަސް ދުވަސް ހަމަވާ ތާރީހަކީ 23 އޭޕްރީލް 2015 ކަމަށެވެ.

ސިވިލް ކޯޓުން 2014 ވަނަ އަހަރު ކުރި ހުކުމާ އެއްގޮތަށް 23 އޭޕްރީލް 2015ގެ ނިޔަލަށް އެ މައްސަލަ ރައްދުވި ފަރާތުން ދަރަނި އަދާކޮށްފައިނުވުމުގެ ސަބަބުން ސާބިތު ދަރަނީގެ މައްސަލަ ދީބާޖާ އިން ސިވިލް ކޯޓުގެ "ސާބިތު ދަރަނީގެ މައްސަލަ ހުށަހަޅާ ފޯމު" އިން ހުށަހެޅުމުން 20 މެއި 2015ގައި ސިވިލް ކޯޓުން މައްސަލަ ބަލައިގަނެ، ރަޖިސްޓަރީކޮށް، މައްސަލަ ބަލަމުން ދަނިކޮށް މައްސަލަ ރައްދުވި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ސަބަބާ ހަވާލާދެއްވައި ސިވިލް ކޯޓުން ސާބިތު ދަރަނީގެ މައްސަލަ އެ ހިނދަށް ކުރިއަށް ގެންދެވެން ނެތްކަމުގައި ކަނޑައަޅައި ނިންމި ކަމަށް ދިބާޖާ އިން ބުންޏެވެ.

ދިބާޖާ އިން ބުނީ އޭޖީ އޮފީހުން ނެރުނު ނޫސްބަޔާނުގައި ސިވިލް ކޯޓުން ހުކުމް ތަންފީޒުކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލާ ހިލާފަށް ކުރިއަށްގެންދާ މައްސަލައެއްކަމުގައި އެ ނޫސްބަޔާނުގައި ބަޔާންކޮށްފައިވުމަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އޭޖީ އޮފީހުން އެފަދަ ނުރަނގަޅު މައުލޫމާތު ހިމަނައިގެން ނޫސްބަޔާން ނެރުމަކީ އެކަމުގެ ގެއްލުން ދީބާޖާއަށް ކުރާނޭ، އަދި ޝަރީއަތުގައި ހިނގަހިނގާ އޮތް ގަޒިއްޔާއަކާ މެދު އާންމުންގެ ހިތްތަކުގައި ނުރަނގަޅު ތަސައްރަފެއް އުފެއްދުމަށް މަގުފަހިކުރާނޭ ކަމެއް ކަމަށް ދީބާޖާ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ދީބާޖާ އިން ބުނީ އެކަމުގެ ސަބަބުން މުޖުތަމައުގެ އާންމު ފަރުދުންގެ މެދުގައި ރާއްޖޭގެ ޝަރުއީ ކޯޓުތަކާ މެދުގައިވެސް ނުރަނގަޅު ތަސައްރަފެއް އުފެއްދިގެންދާ ފަދަ އަމަލެއް ކަމުގައިވާތީ، މިފަދަ ކަންކަން ނުކުރެއްވުމަށް އޭޖީ އޮފީހަށާއި ބަންޑާރަނައިބަށް ދީބާޖާ އިން އިލްތިމާސްކުރާ ކަމަށެވެ.

މިފަދަ ކަމެއް އިތުރަށް ތަކުރާރުވެއްޖެ ހިނދެއްގައި އޭޖީ އޮފީހުން ކުރާ މި ބާވަތުގެ ކަންކަމުގެ ސަބަބުން ދީބާޖާގެ ތަސައްވުރަށް ލިބޭ ގެއްލުމާ ގުޅޭގޮތުން އެ ކުންފުނީގެ ފަރާތުން އެޅެންހުރި ގާނޫނީ ފިޔަވަޅު އަޅާނެކަން އަންގައި، ނަސޭހަތްތެރިވާ ކަމަށް ވެސް ދީބާޖާ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.