ކަނޑުހުރަސްކޮށް އެޅި ދުނިޔޭގެ އެންމެ ދިގު ބްރިޖް ޗައިނާގައި މިއަދު ހުޅުވައިފިއެވެ.
މި ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ ޗައިނާގެ ސިޓީއެއް ކަމަށްވާ ޒުހާއި ސިޓީގައެވެ. ބްރިޖް ހުޅުވައިދެއްވީ ޗައިނާގެ ރައީސް ޝީ ޖިން ޕިން އެވެ. މި ރަސްމިއްޔާތުގައި ހޮންގް ކޮންގް އާއި މަކާއުގެ ގެ އިސްވެރިން ބައިވެރިވިއެވެ.
20 ބިލިއަން ޑޮލަރުގެ މި މެގަރ ޕްރޮޖެކްޓް އިން ޗައިނާ އާއި ހޮންގް ކޮންގް އަދި މަކާއުހިމެނޭ ގޮތަށް 11 ސިޓީއެއް ވަނީ ގުޅުވާލަދީފައެވެ. 55 ކިލޯމީޓަރުގެ މި ބްރިޖް ހެދުމަށް 9 އަހަރު ނެގިއެވެ.
ބްރިޖް ހުޅުވުމުން އެއްގަމު ދަތުރުތަކަށް ފަސޭހަވިކަމުގައިވިއަސް ހޮންގްކޮންގްއިން އަމިއްލަ ކާރުތަކުގައި ބްރިޖްގައި ދަތުރު ކުރާނަމަ ހާއްސަ ހުއްދައެއް ނަގަން ޖެހެއެވެ. ނޫނީ ހޮންގްކޮންގްގެ ޕޯރޓްގައި ކާރު ޕާކް ކުރުމަށްފަހު ބަހުގައި ނުވަތަ ހުއްދަ ދީފައިވާ ކާރުތަކުގައި އިމިގްރޭޝަން ނިންމުމަށްފަހު ދަތުރު ކުރެވޭނެއެވެ. ބަސްތަކުގެ އަގު އުޅެނީ އަށް ޑޮލަރާއި 10 ޑޮލަރާއި ދެމެދުއެވެ.
ބްރިޖް އާންމުންނަށް ހުޅުވާލާނީ ބުދަ ދުވަހުއެވެ.