މާލޭ ސިޓީ ކައުންސިލް

ވިލިމާލޭ ވަގުތީ މާރުކޭޓުން ގޮޅި ދޫކޮށްފި

ވިލިމާލޭގައި ހެދި ވަގުތީ މާރުކޭޓުގެ ގޮޅިތައް އިއްޔެ ދޫކޮށްފިއެވެ.

ވިލިމާލޭ ވަގުތީ މާރުކޭޓުން ދޫކުރި ވިހި ގޮޅިއަށް އެދި 54 މީހަކު ފޯމު ހުށަހެޅިއެވެ. ނަމަވެސް އެތަނުން އެކަކު ނަން އަނބުރާ ގެންގޮސްފައިވާތީ 53 މީހުންގެ މެދުގައި އިއްޔެ ވަނީ ގޮޅި ތަރުތީބުން ވިހި ނަން ނަގައިފައެވެ.

ދިހަ ނަންބަރު ރިޒާވް ނަމްބަރުގެ ގޮތުގައި ނަގާފައިވެއެވެ. ބޮޑު މިނުގައި 26 ފޫޓް 100 ފޫޓު ހުންނަ އެމާރުކޭޓުގެ ގޮޅިއެއްގެ ބޮޑު މިނަކީ 8 ފޫޓް 10 ފޫޓެވެ. ގޮޅިތައް ދޫކޮށްފައިވަނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށެވެ.

ވިލިގިނލީ މާރުކޭޓުގެ ގޮޅިތައް ދޫކުރި އިރު، ވެސްޓްޕާކު ސަރަހައްދުގައިވެސް ވަގުތީ މާރުކޭޓެއް މިހާރު އަންނަނީ ހުޅުވަން ތައްޔާރުވަމުންނެވެ. ވެސްޓްޕާކު ސަރަހައްދުގައި ހަދާ މާރުކޭޓުން ދޫކުރަން ނިންމާފައިވަނީ 32 ގޮޅިއެވެ.

މިގޮޅިތައް ދޫކުރަނީ އެއްމަސްދުވަހަުގެ މުއްދަތަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.