ދުނިޔެ

ސައުދީގެ ތެޔޮ އުފައްދާ ދެސަރަހައްދަކަށް ދިން ޓެރަރިޒަމް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

މަރިޔަމް ޝަހުދާ

ސައުދީގެ ތެޔޮ އުފައްދާ ދެ ސަރަހައްދަކަށް އިއްޔެ ދިން ޓެރަރިޒަމް ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ދިން އެ ޓެރަރިސްޓު ހަމަލާއަކީ ވަރަށް ފިނޑި އަމަލެއްކަމަށް ކަމަށެވެ. އަދި މިއީ ގަލްފް ސަރަހައްދުގެ ސަލާމަތާއި، ރައްކާތެރިކަމުގެ އިތުރުން ދުނިޔޭގެ އިގްތިސާދު ފުނޑުފުނޑު ކުރަން ދިން ހަމަލާއެއް ކަމަށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ. ސައުދީގެ ހަމަހަމަކަން ނަގާލުމަށް ބަޔަކު ކުރާ މިފަދަ ފިނޑި ކަންކަމާ ދެކޮޅަށް ސައުދީ ސަރުކާރާއެކު ރާއްޖެއިން ވާނެ ކަމަށް މި ބަޔާނުގައިވެއެވެ.

ރާއްޖެއިން އަބަދުވެސް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާނެކަމަށާއި، ޓެރަރިޒަމާއި ދެކޮޅަށް އެހެން ގައުމު ތަކުން ކުރާ މަސައްކަތުގައި ރާއްޖެއިން ބައިވެރިވާނެ ކަމަށް ވެސް މި ބަޔާނުގައި ބުނެފައި ވެއެވެ.

އިއްޔެ ސައުދީގެ އަރަމްކޯގެ އީސްޓް-ވެސްޓް ޕައިޕްލައިން ސަރަހައްދުގައިވާ ދެ އޮއިލް ޕަންޕިންގ ސްޓޭޝަނަށް ބަޔަކު ހަމަލާދީފައި ވަނީ ޑްރޯން ބޭނުންކޮށްގެންނެވެ. މި ހަމަލާއާ ގުޅިގެން އޮއިލް ޕަންޕިންގ ސްޓޭޝަނުގައި އަލިފާން ރޯވި ނަމަވެސް މާބޮޑު ގެއްލުމެއް ނުލިބެނީސް އަލިފާން ކޮންޓްރޯލް ކުރެވުނުކަމަށް އަރަބް ނިއުސްގައި ޚަލީޖް ޓައިމްސްގައި ރިޕޯޓުކޮށްފައިވެއެވެ.