އިނގިރޭސި ޕްރިމިއާ ލީގު

އޮޒިލްގެ މޮޅު ކުޅުމާއެކު އާސެނަލް އިން ލެސްޓާ ސިޓީ ބަލިކޮށްފި

އިނގެރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ލެސްޓާ ސިޓީ އާ ވާދަކޮށް އާސެނަލްއިން މި ސީޒަނުގައި ޖެހިޖެހިގެން ކުޅުނު 10 ވަނަ މެޗުންވެސް މޮޅުވެއްޖެއެވެ. ރޭގެ މެޗުގައި އާސެނަލްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އެޓީމުގެ ޕްލޭމޭކަރ މެސުޓް އޮޒިލް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

ރޭގެ މެޗުގައި އާސެނަލްއިން ވަނީ ލެސްޓާ ލަނޑެއް ކާމިޔާބުކޮށްފައި ވަނިކޮށް ފަހަތުން އަރާ ތިން ލަނޑު ޖަހާފައެވެ. އެންމެފަހުން ޖެހިޖެހިގެން 10 މެޗުން އާސެނަލް މޮޅުވެފައިވަނީ 2007 ވަނަ އަހަރުއެވެ. އެފަހަރު އާސެނަލް ވަނީ 12 މެޗުން މޮޅުވެފައެވެ.

ލެސްޓާއިން ވަނީ މެޗުގެ 31 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ލަނޑަކީ އެޓީމުން ހެދި ކައުންޓާރ އެޓެކެއްގައި ބެން ޗިލްވެލް ނެގި ހުރަހެއް އާސެނަލްގެ ޑިފެންޑަރު ހެކްޓާ ބެލެރިން ފައިގައިޖެހި ބައިކޮޅަށް ވަން ލަނޑެކެވެ. މި ލަނޑާއެކު އާސެނަލްއިން މެޗުގެ ތެރެއަށް އިތުރަށް ވަދެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރިއެވެ. އެގޮތުން ދާދި ފަހުން ނަސްލީ ތަފާތުކުރުން އޮންނަ ކަމަށް ބުނެ ޖަރުމަނުގެ ޤައުމީ ޓީމަށް ކުޅުން ހުއްޓާލި އޮޒިލް ވަނީ ބެލެރިން ތިރި ތިރިން ނަގައިދިން ހުރަސް ވަރަށް ހަމަޖެހިލާފައި އެއްފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. މި ލަނޑު ގޯލަށް ވަނީ އަރިމަތީ ދަނޑީގެ ބުޑުގައި ޖެހިފައެވެ. މިއީ ޕްރިމިއާ ލީގުގައި އޮޒިލް ކާމިޔާބުކުރި 30 ވަނަ ލަނޑެވެ. އަދި މިއީ ލީގުގައި ޖަރުމަނަށް ނިސްބަތްވާ ކުޅުންތެރިޔަކު ޖެހި އެންމެ ގިނަ އަދަދެވެ. މީގެ ކުރިން މި ރެކޯޑް އޮތީ ކުރިން ސްޕާސްއަށް ކުޅުން ޔާގެން ކްލިންސްމަން އާއި މެންޗެސްޓާ ސިޓީ އަށާއި ސައުތެމްޓަން ކުޅުނު އުވެ ރޮސްލާ އަތުގައެވެ. މި ދެ ކުޅުންތެރިންވެސް އިނގެރޭސި ލީގުގައި ޖަހާފައިވަނީ 29 ގޯލެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން މާގިނައިރެއް ނުވެ އާސެނަލްގެ ކޯޗު އުނައި އެމެރީ ވަނީ ޕިއޭ އެމެރިކް އޮބާމަޔަންގް އާއި މަޓިއޯ ގެންޑޫޒީ ކުޅެން ނެރެފައެވެ. އެގޮތުން އޮބާމަޔަންގް ކުޅެން ނިކުތްތާ ދެމިނެޓު ނުވަނީސް އޭނާ ވަނީ ލަނޑެއް ކާމިޔާބުކޮށް އާސެނަލް އަށް ލީޑު ނަގައިދީފައެވެ. އޮޒިލް ދުއްވާލި ހިތްގައިމު ޕާސް ބެލެރިން ހުރަސްކޮށްލުމުން އޮބާމަޔަންގް ވަނީ މުޅިން ހުސްކޮށްހުރެ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

އާސެނަލްގެ ތިންވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި އޮޒިލް މުޅިން ހުސްކޮށްލާފައި ދިން ޕާހަކުން ކާމިޔާބުކުރީވެސް އޮބާމަޔަންގްއެވެ. މިއީ މި ސީޒަނުގައި ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުމެ އާސެނަލްއިން ކާމިޔާބުކުރި 6 ވަނަ ގޯލެވެ. އަދި މިއީ އޮބާމަޔަންގް އާސެނަލްއަށް ލީގުގައި މިހާތަނަށް ކުޅެދިން 22 މެޗުގައި ކާމިޔާބު ކުރި 16 ވަނަ ގޯލެވެ. މީގެ އިތުރުން އޭނާ ވަނީ މި 22 މެޗުގައި 5 ގޯލު ޖަހަން އެސިސްޓްވެސް ކޮށްފައެވެ. މި މެޗުގެ ދެވަނަ ހާފުގައި އާސެނަލްއަށް ލަނޑު ޖަހަން ގިނަ ފުރުޞަތުތަކެއް ލިބުނެވެ. ހާއްޞަކޮށް އެލްގްޒެންޑާ ލަކަޒެޓް އަށް ލިބުނު ފުރުޞަތުތައް ފާހަގަކޮށްލެވެއެވެ.

މި މޮޅާއެކު އާސެނަލް އޮތީ 21 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރުވަނައިގައެވެ. އެއްވަނައިގައި އޮތް ސިޓީ އާއި ދެވަނައިގައި އޮތް ލިވަޕޫލް އަށް 23 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ޗެލްސީ އަށާއި ފަސްވަނައިގައި އޮތް ސްޕާސްއަށްވެސް ވަނީ 21 ޕޮއިންޓް ލިބިފައެވެ.