ވާހަކަ

ކުރުވާހަކަ: ކެހިވެރިޔާ - 02

(އިއްޔެގެ އަދަދާ ގުޅޭ...)

ޝިފާގެ ބައްޕަ މަންސޫރަކީ ތަނަަވަސްމީހެކެވެ. އަމިއްލަ ވިޔަފާރީގެ އިތުރުން އޭނާއަކީ ސިފައިންގެ ތެރޭގައި މަތީ މަގާމެއް އަދާކުރަމުން އަންނަ ޒިންމާދާރު މީހެކެވެ. ތެދުވެރި، އިހްލާސްތެރި ހާދިމެކެވެ. މީގެ އިތުރުން އެފަދަ ދެވަނައެއް ނެތް ބައްޕައެކެވެ. ޝިފާގެ ބައްޕަގެ އަމިއްލަ ވިޔަފާރީގެ ސަބަބުން އެމީހުން ދިރިއުޅެމުންގެންދަނީ ތަނަވަސް އަދި ފުދުންތެރި ދިރިއުޅުމެކެވެ. ޝިފާގެ މަންމަ ވަނީ ޝިފާ ވަރަށް ކުޑައިރު މަރުވެފައެވެ. އޭގެ ފަހުން މަންސޫރު ކައިވެންޏެއް ނުކުރެއެވެ.

މިހުރިހާ ކަންތައްތަކެއް މިހެން ހުރިނަމަވެސް ޝިފާއަކީ ޒަމާނީ ތަހުޒީބަށް އެހާލޯބި ކުރާ ކުއްޖެއް ނޫނެވެ. ހުޅަނގުގެ ޗެނަލްތަކުން ފޮނުވަމުންދާ ސިގްނަލްތަކަށް އޭނާ މާބޮޑު ޝައުގުވެރިކަމެއް ނުދެއެވެ. ނުވަތަ ދޭން ބޭނުން ނުވަނީއެވެ. އޭނާއަކީ ސާދާ ދިރިއުޅުމަށް ލޯބިކުރާ ސާދާ ކުއްޖެކެވެ. މަޑުމައިތިރި ކެތްތެރި ކުއްޖެކެވެ. އަހުލާގީ ގޮތުން މިސާލެއްފަދަ ރީތީގެވެސް ދެވަނައެއް ނެތްފަދަ ކުއްޖެކެވެ.

ނިޒާމު އާއި ޝިފާ ފުރަތަމަ ބައްދަލުވީ ސްކޫލުގެ ހަރަކާތްތަކެއްގައި ވިލިނގިއްޔަށް ގޮސް އުޅުމުގެ ތެރޭގައެވެ. ނިޒާމުގެ މިޒާޖު ޝިފާއަށް ވަރަށް ބޮޑަށް ކަމުދިޔައެވެ. އެއީ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އަބަދުވެސް ހިނިތުންވެފައި ހުއްޓާ ނޫނީ ނުފެނެއެވެ. އެއީ ޝިފާގެވެސް އަދި ނިޒާމުގެވެސް ސްކޫލުގެ އެންމެ ފަހު އަހަރެވެ. ޝިފާ ކިޔަވަމުން ގެންދިޔައީ އަމީނިއްޔާ ސްކޫލުގައެވެ. ނިޒާމު ކިޔަވަމުން ގެންދިޔައީ އަހުމަދިއްޔާ ސްކޫލުގައެވެ. ނިޒާމަކީ މާލޭގައި ކިޔަވަން ހުންނަ ރާއްޖޭގެ ދެނުކުގެ ބޮޑު އަތޮޅަކަށް ނިސްބަތްވާ ކުއްޖެކެވެ. އެއީ އެހާ ފުދުންތެރި އާއިލާއެއް ނޫނެވެ. ނިޒާމު އާއި ޝިފާގެ ތައާރަފްވުން މިހިސާބުން ފެށުނު ނަމަވެސް ދެމީހުންގެ ގުޅުން ބަދަހިވެގެން ދިޔައީ ވަރަށްވެސް އަވަހަށެވެ، ނިޒާމު ޝިފާއަށް އޭނާއާ ގުޅޭނެ ފޯނު ނަންބަރު ދިނެވެ. ނިޒާމަށް ހުންނަން ޖެހިފައިވާ ގޭގެތެރޭގައި ކަންތައްތައް ހުންނަ ގޮތުން އޭނާއަށް ނުގުޅޭނެތީއެވެ. ފުރަތަމަ ޝިފާ ނިޒާމަށް ގުޅަމުން ގެންދިޔައީ ބައްޕަ ގޭގައި ނޫޅޭ ވަގުތުތައް ބަަލައިގެން ބައްޕައަށް ނޭނގޭ ގޮތަށެވެ. ނަމަވެސް މި ވައްކަން ފަޅާއެރުމަށް މާގިނަ ދުވަސްތަކެއް ނުނެގިއެވެ. ޖެހިގެން އައިމަހުގެ ފޯނުބިލް އަތަށް އަރާއިރަށް ޝިފާގެ ބައްޕައަށް މިކަން އެނގިއްޖެއެވެ. އަދި ޝިފާ ކައިރިން އަހައިގެން ހަގީގަތް އޮޅުން ފިލުވިއެވެ. އެއީ ޝިފާ ވަރަށް އުފާވި ދުވަހެކެވެ. ނިޒާމު ގެއަށް ގެނައުމުގެ ހުއްދަ ޝިފާގެ ބައްޕަ ދިން ދުވަހެވެ. އޭގެ ފަހުން އެދެމީހުން ބައްދަލު ކުރަމުން ދިޔައީ ޝިފާގެ ގޭގައެވެ. ފުރިހަމަ މިނިވަންކަމާއެކުގައެވެ. ޝިފާގެ ބައްޕައަކީ ގިނަވަގުތު ގެއިން ބޭރުގައި އުޅެން ޖެހިފައިވާ މީހެއްކަމުން ނިޒާމު އާއި ޝިފާއަށް އެދުވަސްތައް ވެގެން ދިޔައީ އެދެމީހުންގެ ލޯތްބަށް އައިބޮޑު އީދަކަށެވެ.

އެއްވެސް އުފަލަކީ އަބަދަށް ދެމިގެންދާ އެއްޗެއް ނޫނެވެ. އަމުދުން ލޯތްބަކީ ވަރަށް ގިނަ ފަހަރަށް އިންސާނާގެ ހަޔާތް ވިހަ ޒަހަރަކަށް ހަދައިލާ އެއްޗެކެވެ. އަމިއްލަ ކޮންމެވެސް އެދުމެއް އިސްކުރެވޭތީއެވެ. އަނެކާއަށް ވާނޭ ގޮތެއް ވިސްނައިނުލައެވެ. ހިތުން ވައްކަން ކުރުމަކީ ކިހާބޮޑު ކުށެއްކަމެއް އެފަދަ މީހުން ނުދަނެއެވެ. ހުރިހާވެސް އެއްޗަކީ ފައިސާވެރިކަމާއި ރީތިކަން ކަމަށް ގަބޫލުކުރެވެނީ އެހެންވީމައެވެ. ލޯބީގެ މެހެފިލް ތަކުގައި ރީތީގެ އަގު ވެއްޓެނީ އެފަދަ ބޭވަފާތެރިން ގިނަވުމުގެ ސަބަބުންނެވެ. ތެދުވެރި ލޯބިވާ ވަފާތެރިން މަދުވީމައެވެ.

އެއީ ހުކުރުވިލޭރެއެވެ. ގަޑިން ގާތްގަނޑަކަށް ބާރަޖަހައި ބޮޑުވެދާނެއެވެ. ޝިފާ އާއި ނިޒާމު އަދިވެސް ތިބީ ޝިފާގެ ކޮޓަރީގައެވެ. ޝިފާގެ ބައްޕަ ގޭގައި ނެތް ވަގުތަކަށްވީމައެވެ. އާންމުގޮތެއްގައި ރޭގަނޑު ޑިއުޓީއަށް ގޮސްފި ނަމަ މަންސޫރު ގެއަށް އަންނަނީ އަނެއް ދުވަހު މެންދުރެއްހާއިރުއެވެ.

"ނިޒާމު އަދިވެސް ދާކަށް ނުވޭތަ؟ މިހާރު މާދަން ވެއްޖެއެއްނު؟" ޝިފާ މިހާރު އެހެން އެބުނީ ތިންވަނަ ފަހަރަށެވެ.

"ޝިފާ ދާންވީނު ބޭރުބަލައިލަން މީހަކު ހުރިތޯ؟" ނިޒާމު މިހެން ބުނުމުން ޝިފާ ނުކުތީ ކޮޓަރިން ބޭރަށެވެ.

"އެއްވެސް މީހަކު ނެތް" ދެކޮނޑުއަރުވައިލަމުން ޝިފާ ހީނލިއެވެ.

"ޝިފާ ދެން އޮށޯވޭ ނިދަން. އަހަރެން ހިނގައިދާނަން" ދޮރާށްޓާ ދިމާއަށް ހިނގައި ގަންނަމުން ނިޒާމު ޝިފާއާ ދިމާއަށް މަޑުމަޑުން ބުނެލިއެވެ.

***********

މަންސޫރު ގެއަށް ދިޔައީ ފަތިހު ރަށުން ބޭރަށް ފުރަން ޖެހޭތީ ހެދުމެއް ނެގުމަށްޓަކައެވެ.

"އަހަ ނިޒާމު ހާދަ ދަން ގަޑިއެއްގަ؟" މަންސޫރަށް ގޮސް ގޭގެ ދޮރާށީގެ ކުރިމައްޗަށް ހުއްްޓެވުނު ވަގުތު ވެގެން ދިޔައީ ނިޒާމަށް ގެއިން ނުކުމެވުނު ވަގުތަށެވެ.

"ތިއީ ކޮން ދަބަހެއް؟" ނިޒާމު އަނގައިން ނުބުނެ ހުރުމުން މަންސޫރު ނިޒާމާ އިތުރަށް ސުވާލު ކުރިމަތި ކުރުވިއެވެ.

"ކީއްވެ އަނގައިން ނުބުނެ ތިހުރީ؟" މިފަހަރު މަންސޫރުގެ ވާހަކައިގައި ހުރީ ހަރުކަށިގޮތެވެ.

"ތިހިރަ ގޮނޑީގައި އިށީނދޭ!" ދެންވެސް ވާހަކަދެއްކީ މަންސޫރެވެ. ނިޒާމު ހުރީ ވާހަކަދެއްކުމަށް ނުކުޅެދުންތެރިވެފައި ކަހަލައެވެ. ގޭގެ ދޮރާށި އެތެރެއިން ތަޅުލުމަށްފަހު މަންސޫރު ވަނި އޭނާގެ ކޮޓަރިއަށެވެ. އޭގެ ފަހުން މާގިނަ އިރުތަކެއް ނުވެ އެގޭގެ ދޮރުމައްޗަށް އައިސް މަޑުކޮށްލީ ފުލުހުންގެ ޖިޕެވެ.

"މިހިރީ އަހަރެންގެ ގެއިން ވައްކަން ކޮށްގެން ފިލަން އުޅުނު މީހެއް. އަހަރެންގެ އަލަމާރިން ވިހިހާހަށްވުރެ ގިނަ ރުފިޔާ މަދު..." މިފަހަރު މަންސޫރުގެ އަޑުވަކިން ބާރެވެ. އެއަޑާއެކު ޝިފާއަށް ބޭރަށް ނުކުމެވިއްޖެއެވެ.

އެމަންޒަރު ފެނުމުން ޝިފާއަށް ލިބުނީ ކުއްލި ޝޮކެކެވެ. އެއީ ގަބޫލުކުރަން ދަތި މަންޒަރެކެވެ. އެހެންނަމަވެސް ހަގީގަތެވެ. ނިޒާމުގެ ކޮނޑުގައި އެވަނީ ޝިފާގެ ބައްޕަގެ އަތްމަތީ ދަބަހެވެ. އެދަބަހުން 500 ރުފިޔާގެ ނޫޓުތައް ފުލުހުންގެ ނަގަމުން ގެންދިޔައީ ހުދު ޝިފާގެ ކުރިމަތީގައެވެ. ނިޒާމު ގެންގޮސް ޖިޕަށް އަރުވަންދެންވެސް އޭނާއަށް ހުރެވުނީ ޖަހާފައި ހުރި ބުދެއްހެން ގަބުވެފައެވެ. އޭނާއަށް ހަމަހޭވެރިކަންވީ ދަރިފުޅާއޭ ކިޔާފައި އޭނާގެ ބައްޕަ ގޮވައިލުމުންނެވެ.

ޝިފާ ވަގުތުން ދުއްވައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. އަދި ކަބަޑް ހުޅުވާލިއެވެ. އެވަގުތު އޭނާއަށް ލިބިގެން ދިޔައީ އިތުރު ހައިރާންކަމެކެވެ. އެކަބަޑް ތެރޭގައި އޭނާ ބާއްވާފައި އޮތް ތަޅުދަނޑި ފައްޗެއް ނެތެވެ. އޭގައި ބައްޕަގެ ކޮޓަރީގެ ތަޅުދަނޑިއާއި ގޭގެ މައި ދޮރާށީގެ ތަޅުދަނޑިވެސް އޮންނާނެއެވެ. އެވަގުތު އެކަންތައް ވެގެންދާނެ ގޮތް ޝިފާގެ ހިތަށް ވަރަށް ފުރިހަމައަށް ސިފަވެގެން ދިޔައެވެ.

ޝިފާގެ ބައްޕަ އާންމުގޮތެއްގައި އަލަމާރި ތަޅެއްނުލައެވެ. ތަޅުލާނީ ކޮޓަރިއެވެ. އެއީ އެކޮޓަރީގެ ތަޅުދަނޑި އޮންނަނީ ހަމައެކަނި ޝިފާއަތުގައި ކަމަަށްވާތީއެވެ. ހަމައެވަގުތު އޭނާއަށް އިތުރު ކަންތައްތަކެއް ހަނދާން އާވެގެން ދިޔައެވެ. އޭނާގެ އަގުބޮޑު ކަންފަތުލާ އެއްޗާއި ކަރުގައި އަޅާ ރަންފަށްވެސް ގެއްލުނުގޮތެވެ. އަދި ބައްޕަ ހައްޖުން އައިއިރު އޭނާއަށް ގެނެސްދިން އަގުބޮޑު ދެ ކެވެލިގަނޑު ގެއްލިގެން ދިޔަގޮތްވެސް މެއެވެ.

-ނިމުނީ-