ދުނިޔެ

ޑެސްޕެރޭޓް ހައުސްވައިފްގެ ފެލިސިޓީއަށް ހަތަރުމަހުގެ ޖަލު ހުކުމެއް

އެމެރިކާގެ ބަތަލާއެއް ކަމަށްވާ ފެލެސިޓީ ހަފްމަން ގެ މައްޗަށް މަކަރާއި ހީލަތް ހެދިކަމުގެ ދައުވާ ސާބިތުވެ ހަތަރުމަހުގެ ޖަލުހުކުމެއް އައިސްފިއެވެ.

އޮޅުވާލައިގެން ޔުނިވަސިޓީތަކަށް ދަރީން ވައްދާ މައްސަލައިގައި ދައުވާ ކޮށްފައިވާ 50 މީހުންގެ ތެރޭގައި ފެލިސިޓީ ވަނީ ހިމެނިފައިވެ އެވެ. ބޮސްޓަންގެ ކޯޓުގައި ހިނގި މި ޝަރީއަތުގައި ފެލިސިޓީ ވަނީ، 2017 ގައި އޭނާގެ ދަރިފުޅަށް ޔުނިވާސިޓީން ޖާގަ ކަށަވަރު ކުރުމަށް ޓެސްޓް ޕޭޕަރުގެ ޖަވާބުތައް ރަނގަޅުކުރުމަށް 15000 ޑޮލަރު ދައްކާފައިވާ ކަމަށް އެއްބަސްވެފައެވެ.

އެހެން ކަމުން އޭނާއަށް ވަނީ ހަތަރު މަހުގެ ޖަލު ހުކުމަކާއި 20000 ޑޮލަރުގެ ޖޫރިމަނާއެއް ދެއްކުމަށް ހުކުމްކޮށްފައެވެ.

ޖާގަ ހޯދުމަށް އެތައް ބަޔަކު މަކަރު ހަދާފައިވަނީ ބޮޑެތި ޔުނިވާސިޓީތަކުން އެމީހުންގެ ދަރިންނަށް ޖާގަހޯދުމުގެ ބޭނުމުގައެވެ. މިއީ ހާއްސަކޮށް މުއްސަދިން އެމީހުންގެ ދަރިން އަގުބޮޑެތި ސްކޫލުތަކުގައި ބޭތިއްބުމަށް ކުރަމުންދާ ކަމެކެވެ. އެ ޔުނިވާސިޓީތަކުގެ ތެރޭގައި ޔޭލް، ޖޯޖްޓައުން އަދި ސްޓެންފޯޑް ހިމެނެއެވެ.

ފެލިސިޓީއަކީ މަގުބޫލު ފިލްމެއް ކަމަށްވާ ޑެސްޕެރޭޓް ހައުސްވައިފްގެ ބަތަލާއެކެވެ. އޭނާއަށް ވަނީ އެމީ އެވޯޑްސްވެސް ލިބިފައެވެ.