މިނިސްޓަރު އަލީ ވަހީދު

ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު ރަށްތަކެއް ޖުލައިމަހު ހުޅުވައިލަނީ

އިބްރާހިމް ޒަކީ

ފަތުރުވެރިކަމުގެ ދާއިރާގެ ބޭނުންތަކަށް އިތުރު ރަށްތަކެއް ދޫކުރަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާއަށް ދޫކުރަން ކަނޑައަޅާ ރަށްތަކުގެ މަސައްކަތް ނިިންމައި، އަންނަ ޖުލައިމަހުގެ ކުރިން އެ ރަށްތައް ބިޑަށް ހުޅުވައިލެވޭވަރު ވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، މީގެކުރިން ރަށްތައް ދޫކުރަމުން ދިޔައީ، ސަސްޓެއިނަބަލް ޕްލޭނަކާ އެއްގޮތަށްނޫން ކަމަށްވާތީ، ރަށްތައް ދޫކުރުން މަޑުޖައްސައިލީ ކަމަށެވެ.

އަލުން ރަށްތައް ދޫކުރަން ނިންމީ، ޓޫރިޒަމްގެ ކަންތައްތައް ދިރާސާކޮށް ނިމިގެން ކަމަށާއި، އިކޮނޮމިކް މިނިސްޓްރީ އާއި ޕްލޭނިންގ މަޝްވަރާ ކުރުމަށްފަހު އާއްމު ބީލަމަށް ރަށްތައް ހުޅުވައިލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިފަހަރު ފަތުރުވެރިކަން އިތުރަށް ތަރައްގީ ކުރުމުގައި ސަރުކާރުގެ ވިސްްނުން ހުރީ، ފަތުރުވެރިކަން ކުޑަކޮށް ތަރައްގީވެފައިހުރި ހިސާބުތަކަށް އިސްކަން ދޭގޮތަށް ކަމަށެވެ. އެގޮތުން ބޮޑުތިލަދުންމައްޗާއި، އަޑޫސިޓީ އާއި ލ. އަތޮޅާއި ތ. އަތޮޅަށް ފަތުރުވެރިކަން އަމާޒުވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.