މަލިކު

ކައިރި ... ނަމަވެސް ދުރުގައިވާ މަލިކު 3

އަބްދުﷲ ފާރޫގް ހަސަން

(11 މެއިގެ އަދަދާ ގުޅޭ)

މަލިކާ ޚިލާފަށް ލަކްޝަދީބުގެ އެހެން ރަށްރަށުގައި އެންމެކުރިން ވަޒަންވެރިވި މީހުންނަކީ ދަނޑުގޮވާން ކުރުމަށާއި، މާވަހަރުފަދަ ކަނޑުގައި އުފެދޭ ބާވަތްތައް ހޮވުމަށް ވަގުތީގޮތުން މަޑުކޮށްލާ ބަޔެކެވެ. ދުވަސްކޮޅެއްކޮށްލާފައި އެބަޔެއްގެ ރަށަކަށް އެބަޔަކު އެނބުރިދަނީއެވެ. މިހާރުގެ ލަކްޝަދީބުގައި މަލިކު ފިޔަވައި ދެންހުރި މީހުންއުޅޭ ރަށްރަށުގައި ދިރިއުޅެނީ ބާވަތެއްގެ މަލިޔާޅަމަކުން ވާހަކަދައްކާ ބަޔެކެވެ. އެހެންކަމުން އެމީހުންގެ ކާބަފައިންނަކީ ކެރެލާއިން ދިޔަ ބަޔެއް ކަމުގައި ވެދާނެއެވެ. އަޞްލު މަލިޔާޅަމާއި މިދެންނެވި "ދީބުމަލިޔާޅަމާ" ހުންނަ ތަފާތުން ކެރެލާ ފިޔަވައި ސްރީލަންކާއިންނާއި ދިވެހިރާއްޖެއިން (ބައެއް ލިޔުންތެރީން ބަޔާންކުރާ ފަދައިން) ވެސް ލަކްޝަދީބަށް މީހުން ދިޔަކަމުގެ ހެކިލިބެއެވެ.

ލަކްޝަދީބުގެ ރަށްރަށުގައި ވަޒަންވެރިވި ކެރެލާގެ މީހުންނަކީ ކެރެލާގެ ރަސްކަލެއް ކަމުގައިވާ ޗޭރަމާން ޕެރްމާލް މައްކާއަށް ކުރެއްވި ދަތުރުގައި ގެއްލިގެން ހޯދަންއުޅުނު ބަޔެއް ކަމަށް ބަޔެއްމީހުން ބުނެއެވެ. ހަމައެފަދައިން ޗޭރަމާން ޕެރްމާލް މައްކާއަށް ކުރެއްވި ދަތުރުގައި އޭނާގެ އަރިހުގައި ދަތުރުކުރި ނަވަކަށް މަލިކަށްދެވި މަލިކުގައި އެމީހުން ވަޒަންވެރިވީ ކަމަށްވެސް ބަޔެއް ލިޔުންތެރީން ބަޔާންކުރެއެވެ.

މަލިކުގެ މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ ބަޔާންކުރައްވާގޮތުގައި ޗޭރަމާން ޕެރްމާލް މައްކާއަށް ވަޑައިގަތްކަމުގައި ބުނެވެނީ ކީރިތިރަސޫލާގެ މުޢުޖިޒާއެއްގެ ގޮތުން ހަނދު އިރުއްވި މަންޒަރު ކެރެލާއަށް ފެނިގެން އިސްލާމްވުމަށްޓަކައެވެ.

ޕެރްމާލްގެ އަރިހުގައި ދަތުރުކުރި ނައުފަހަރުގެ ތެރެއިން މަލިކަށް ދެވުނު ނަވުގައި ތިބި މީހުންކުރެ މަލިކުގައި މަޝްހޫރުވެފައިވަނީ ތައްތަރަނާ ބަންމަދު (ފިރިހެނެއް) އާއި އައްޔައްޕަން މުއްތަންމަ (އަންހެނެއް) އެވެ.

މަލިކުމީހުން، ނައިރުންނޭ ކިޔައިއުޅެނީ އެމީހުންގެ ދަރީންނަށް ކަމަށް މަލިކުގެ ބައެއްމީހުން ބުނެއެވެ. ތީވަރުންނޭ (ތިއްޔަރުން) ކިޔަނީ އެމީހުންގެ އަޅުންނަށް ކަމަށްވެސް ބުނެވެއެވެ.

ނަމަވެސް ކެރެލާގެ ރަސްކަލަކު މާތްރަސޫލާގެ އަރިހަށް ވަޑައިގަތް ވާހަކައެއް އިސްލާމީ ތާރީޚުގައި ފާހަގަކުރެވިފައެއް ނެތެވެ. މުސްލިމުންނަކީ ތާރީޚު ޢިލްމުގެ އިމާމުންކަމުގައި ވުމާއެކު ކެރެލާގެ ރަސްކަލަކު ކީރިތިރަސޫލާގެ އަރިހަށް ވަޑައިގެންނެވި ކަމުގައިވާނަމަ ނުވަތަ އެކަމަށްޓަކައި ދަތުރެއް ކުރެއްވި ކަމުގައިވާނަމަ އެކަން ފާހަގަކުރީސްކަމީ ޝައްކެއްހުރި ކަމެއް ނޫނެވެ.

އިންޑިޔާގެ މަލާބާރުގައި ނުވަތަ މިހާރުގެ ކެރެލާގައި އިސްލާމްދީން ފެތުރެންފެށީ ކައުސާހިބާ ސުވަރުގެވަޑައިގެންނެވި ފަހުން ޢަރަބި ވިޔަފާރިވެރީންގެ ފަރާތުންކަމީ އިސްލާމީ ތާރީޚުން ސާބިތުވާ ކަމެކެވެ.

އިންޑިޔާގެ ބައެއް ލިޔުންތެރީން ބަޔާންކުރާކަމަށް މައުލަވީ ޢަލީ އިސްމާޢީލް ޢުމަރީ ވިދާޅުވާ ގޮތުގައި މަލިކަށް ދިވެހީން ދިޔައީ އިސްވެދެންނެވި މީހުންނަށްވުރެ ފަހުންނެވެ. ނަމަވެސް އެއީ ޤަބޫލުކުރެވޭ ވާހަކައެއް ނޫނެވެ. ދިވެހި ތާރީޚަށް އައުއަލިކަމެއްގެ 36 ވަނަ ޞަފްޙާގައި ބަޔާންކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖެއަށް ފުރަތަމަ އައި ބަޔަކީ އާރިޔަނުންނެވެ. ނުވަތަ ސިންގަޅައިންނެވެ. އެއީ ޢީސާގެފާނުގެ ފަސްޤަރުނު ނުވަތަ ހަޤަރުނު ކުރީގައެވެ. މީލާދީން 362 ގައި ދިވެހީންގެ ވަފުދެއް އެމްޕެރަރ ޖޫލީންގެ އަރިހަށް ދިޔަކަން އެމިއޭނަސް މާރސެލިނަސްގެ ބަޔާނުން އެނގެއެވެ. އޭރު ރާއްޖޭގެ ސަރަޙައްދަކީ "މަލިކައްޑޫ" ދެމެދެވެ. ނުވަތަ މަލިކަށްވުރެވެސް އުތުރުގައި އޭރު ރާއްޖޭގެ ނުވަ ރަށެއް އޮތެވެ.

މާތް ރަސޫލާ محمّد صلّى اللّـه عليه وسلّم ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 20 އޭޕްރީލް 571މ. ގައެވެ. އެކަލޭގެފާނު ރަސޫލުކަމާއިގެން ފޮނުއްވުނީ 12 ފެބްރުއަރީ 610މ. ގައެވެ. ހަނދު އިރުއްވުމުގެ ހާދިސާ ހިނގާފައިވަނީ ހިޖުރައަށް ވަޑައިގަތުމުގެ ފަސްއަހަރު ކުރިންނެވެ. އެއީ ބިޢުޘަތުގެ އަށްވަނަ އަހަރެވެ. އެހެންކަމާއެކު ހަނދުއިރުއްވުމުގެ ހާދިސާ ހިނގިއިރުވެސް ރާއްޖޭގައި (މަލިކުވެސް ހިމެނޭގޮތަށް) މީހުން ދިރިއުޅެމުން ގެންދެއެވެ. ނަމަވެސް އަޅުގަނޑުމެންގެ ތާރީޚުވެސް ހެކިދޭ ގޮތުގައި އިންޑިޔާގެ މަލާބާރުގެ ރަސްކަލުންނާއި ކަނޑުފޭރޭމީހުން އެކިފަހަރުމަތިން މަލިކާއި ރާއްޖޭގެ އެހެންރަށްރަށާ ޙަމަލާދީ މަލިކު އަޅުވެތިކޮށްފައި ވެއެވެ. ދިވެހީން އަނެއްކާވެސް މަލިކު މިނިވަންކުރަނީއެވެ. އިނގިރޭސީން އިންޑިޔާކަނޑަށް ވެރިވަންދެން މިސިލްސިލާގެ ހަނގުރާމަތައް ހިނގަމުން ގޮސްފައިވެއެވެ. އެހެންކަމުން ތައްތަރަން ބަންމަދާއި އައްޔައްޕަން މުއްތަންމައާއި އެދެމީހުންގެ އެކުވެރީންނަކީ މަލިކަށް އައި ކަނޑުފޭރޭ ބަޔަކުކަމުގައިވުމީ ދުރުކަމެއް ނޫނެވެ. މަލިކުގެ އިތުރަށްވެސް ރާއްޖޭގެ ނުވަ ރަށެއް މައިކަރައިގެ ރަސްރަސްކަލުން އަތުލައްވައިފައި ވެއެވެ. އައްސުލްޠާން ޙަސަން ނުވަވަނަ ޕޯޗުގީޒު ދައުލަތަށް ފޮނުއްވި ސިޓީފުޅުތަކުގައިވެސް ރާއްޖޭގެ އުތުރަށް އެރަސްގެފާނުގެ ދިހަ ރަށެއް (މަލިކާއެކު) ވާކަން ބަޔާންކުރައްވައި އެރަށްރަށް އަތުލެއްވުމަށް ދަޢުވާކުރައްވާފައިވެއެވެ.

މަލިކުމީހުންގެ ދޫދޫމަތިން ވާހަކަދެކެވެމުން އަންނަ ގޮތުގައި ދިވެހިރާއްޖެއިން އެންމެ ފުރަތަމަ މަލިކަށް ދިޔަ މީހުންގެ ވެރީންގެ ގޮތުގައި ތިބީ ދެއަންހެނެކެވެ. އެއީ ކޮހުރަތުކަމަނާއާއި ކަނބޯރަނިންނެވެ.

އެމީހުން މަލިކަށް ދިޔުމަށްފަހު މަލިކުގެ ހުރިހާ ބިންތަކެއް ލިބުނީ އެދެމީހުންނަށެވެ. މަލިކުގައި މިހާރުހުރި ހުރިހާ ބަންޑާރަ ބިންތަކަކީ ކޮހުރަތުކަމަނާގެ ބިންތަކެވެ. އޭނާއަށް ކުއްޖަކު ލިބިފައިނުވާތީ އޭނާ މަރުވުމުން އޭނާގެ ބިންތައް ބަންޑާރަވީއެވެ. އަމިއްލަ ބިންތަކަކީ ކަނބޯރަނިންގެ ބިންތަކެވެ.

މަލިކުމީހުން ބުނާގޮތުގައި މިދެމީހުންނާއެކު "ހިނަވާނޭކަ" ދެމީހުން އައިސްފައިވެއެވެ. އެއީ ބޭކަނބާއާއި ބޭކެނބީއޭ ކިޔޭ ދެމީހުންނެވެ. މަލިކުގައި ދޫދޫމަތިން ކިޔެމުން އަންނަގޮތުގައި ބޭކަނބާއަކީ ފިރިހެނެކެވެ. ބޭކެނބީއަކީ އަންހެނެކެވެ.

ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި "ހިނަވާނޭކަ ދެމީހުން" މިބަހުގެ އަޞްލަކަށްވާނީ ހިނެވެނީންގެ ދެމީހުންނެވެ. ދިވެހިބަހުގެ ރަދީފު ބުނާގޮތުގައި ހިނެވެނީންނަކީ އަންހެންބޭފުޅުންގެ އަރިހުގައި އުޅޭ ޚާއްޞަ ޚާދިމާއިންނެވެ. ވީމާ، "ހިނަވާނޭކަ ދެމީހުން" ނަކީ ހިނެވެނީންގެ ދެމީހުން ކަމުގައިވުމީ ބުއްދީގެ ހަމަތަކުން ބަލާއިރު ޤަބޫލުކުރެވޭ ގޮތެކެވެ. ކޮހުރަތުކަމަނާއާއި، ކަނބޯރަނިންނަކީ އަންހެނުން ކަމުގައި ވާތީއެވެ. ހަމައެފަދައިން ބޭކަނބާއާއި ބޭކެނބީއާ މިދެނަމުގެ އަޞްލަކީ ބޭކެނބީން (ފޫޅުމައިން) ކަމުގައިވުމީވެސް ބުއްދިއަށް ޤަބޫލުކުރެވޭ ގޮތެކެވެ.

ކަނބޯރަނިންނާއި ކޮހުރަތުކަމަނާއާ ބެހޭގޮތުން އަޅުގަނޑުމެންގެ ރާއްޖެއިން ލިބެނީ ވަރަށްކުޑަ މަޢުލޫމާތުކޮޅެކެވެ. ފ.އަތޮޅު ނިލަންދޫގައި ކަނބޯރަނިންގެ މިސްކިތެއް ހުރިކަމަށް ވެއެވެ. މިއީ ކަނބޯރަނިންނޭ ކިޔުނު ރަނިކަނބަލަކު ރާއްޖޭގައި އުޅުއްވިކަމުގެ ހެތްކެކެވެ.

މަޝްހޫރު ފަރަންސޭސި ދަތުރުވެރިއެއް ކަމުގައިވާ ފްރެންކޯއި ޕިރާޑްޑިލާވަލް އޭނާގެ "ދަވޮއެޖް" މިނަންކިޔާ ފޮތުގައި ބަޔާންކުރައްވާ ގޮތުގައި މަލިކު ދިވެހިރާއްޖޭގެ ރަށެއްގެ ގޮތުގައި އޮއްވައި އެއްޒަމާނެއްގައި ދިވެހި ތަޚުތުގައި އިންނެވި ރަސްކަލަކު އޭނާގެ ބޭބޭފުޅަކަށް މަލިކު ހިބައިން ދެއްވީއެވެ.

އެހެންކަމުން ކަނބޯރަނިންނާއި ކޮހުރަތުކަމަނާއަކީ މިދެންނެވި އަމީރެއްގެ ދެދަރިކަނބަލުން ކަމަށާއި އިސްވެ ދެންނެވުނު ގޮތަށް އެދެބޭފުޅުންގެ މެދުގައި މަލިކުގެ ބިން ބެހެވުނީ ކަމުގައި ވެދާނެއެވެ.

ނަމަވެސް މިދެބޭފުޅުންނަކީ މަލިކަށް ފުރަތަމަ ދިޔަ ދިވެހީންނެއް ނޫނެވެ. ޕިރާޑުވެސް ބަޔާންކުރައްވާފައިވާ ފަދައިން އޭގެކުރިންވެސް މަލިކުގައި ތިބީ ދިވެހީންނެވެ. ޕިރާޑީ ލިޔުއްވުމުންވެސް ދޭހަވާ ފަދައިން އެބޭފުޅުންނަކީ އެބޭފުޅުންގެ މިލްކު ރަށެއް ބެލެހެއްޓެވުމަށް ވަޑައިގަތް ދެބޭފުޅުން ކަމުގައި ވެދާނެއެވެ.

އިންޑިޔާގެ މެޑްރާސް ޔުނިވަރސިޓީގެ ޑިޕާޓްމަންޓް އޮފް އެންތްރޯ ޕޮލޮޖީގެ ބޭކަލެއް ކަމުގައިވާ ވީ.ސުދަރސެން (V.SUDARSEN) ލިޔުއްވާފައިވާ:

"ހިސްޓޯރިކަލް ޑިވެލޮޕްމަންޓް އޮފް ސޯޝިއަލް އޮގަނައިޒޭޝަން އެމޯންގ މިނިކޮއި އައިލަންޑަރސް" ގައި ބަޔާންކުރައްވާފައި ވެއެވެ.

"ރަށަށް ހިޖުރަކުރެވުނުގޮތް ތާރީޚަކާނުލައި ހޯދުމަކީ ވަރަށްދަތި އުނދަގޫކަމެކެވެ. ކަން މިހެން ހުރިނަމަވެސް، ފާހަގަކޮށްލެވޭ ބައެއް ރަށްވެހީން ރަށަށް އައިގޮތުގެ ވާހަކަ މީސްމީހުންގެ ފަރާތުން އެނގެއެވެ. މިގޮތުން ބައެއް ވާހަކަ ޚުލާޞާ ކޮށްލަމެވެ.

ސްރީލަންކާގެ މުސްލިމެއްކަމުގައިވާ "ބޮޑުތަކުރުފާނު" އޭނާގެ އޮޑި "ކަޅުއޮށްފުންމީ" ގައި ކުރި ދަތުރެއްގައި މީހުންނޫޅޭ މިރަށް ފެނުނެވެ. މިކަން ފާހަގަކުރުމުގެ ގޮތުން ގަލެއްގައި އޭނާގެ ކަލިމަ لاإلـه إلاّ اللّـه ލިޔުނެވެ. އޭނާ މަލިކުން އެނބުރި ދިޔުމަށްފަހު، އަހަރުތަކެއްގެ ފަހުން އޭނާގެ ދެއަންހެންދަރީން ކަމަށްވާ "ކަމްބޫރަނި" އާއި ކޮހުރަތުކަމަންސް" ގޮވައިގެން އައެވެ. މިއައިއިރު މިރަށްވަނީ އާބާދުވެފައެވެ. މީހުން ދިރިއުޅޭ ރަށަކަށް ވެފައެވެ. ރަށްވެހީންގެ ނަމަކީ "ތިވަރުން" އެވެ.

"ބޮޑުތަކުރުފާނު" ތިވަރުންގެ ގާތު މިރަށް ހޯދީ އޭނާކަމަށް ބުނެ ހެތްކެއްގެގޮތުން އޭނާ ލިޔުނު އެއްކަލަ ގާ ދެއްކިއެވެ. މިމީހުން އެކަން ޤަބޫލުކޮށް "ބޮޑުތަކުރުފާނު" ގެ ދެއަންހެންދަރީންގެ އަޅުންގެ ގޮތުގައި ދެމިތިއްބެވެ. މިހިސާބުން ރަށް ދެބައިކޮށް މިދެއަންހެންދަރީންނަށް ދިނެވެ. ފުރަތަމަ އަންހެން ދަރިއަށް އަންހެންކުއްޖަކު ލިބިފައިވީނަމަވެސް އަނެއް އަންހެންދަރިފުޅަކަށް ކުއްޖަކު ލިބިފައެއް ނުވެއެވެ. މީގެ ތެރެއިން "ކަމްބޫރަނި" ނަމަކަށް ކިޔާ އަންހެންދަރި ދިވެހިރާއްޖޭގެ މުސްލިމު ފިރިހެނަކާ ކައިވެނިކުރިއެވެ. އެމީހުންނަށް ލިބުނު ދަރީންނާއި ދަރީންގެދަރީން އެއީ މަނިކުފާނުންނެވެ. މިގޮތަށް ކަން ހިނގަމުން ދިޔަ ދުވަސްވަރު "ތިވަރުން" އިސްލާމްވެއްޖެއެވެ. މިމީހުން އެނގިގެންވަނީ ރާވެރީންގެ ގޮތުގައެވެ. ރަށުގެމީހުންގެ މިވާހަކައަކީ ގާތްގަނޑަކަށް މީލާދީ 800 ވަނަ އަހަރާ ހިސާބުގެ ވާހަކައެކެވެ.

(ނުނިމޭ)